ހުޅުމާލޭ ފިހާރަތަކުގެ ބޭރުގައި އިޖުތުމާއި ގައިދުރުކަމުގެ ފާހަގަތައް ކުރަހައިފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގައި ހުންނަ ފިހާރަތަކުގެ ބޭރުގައި، އިޖުތިމާއީ ގައިދުރުކަން ބަހައްޓާނެ ގޮތުގެ ފާހަގަތައް ކުރަހައިފި އެވެ.
އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މިއީ "ނިއު ނޯމަލް" އަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ. މިއީ އަލުން އާންމު ދިރިއުޅުމުގެ ހާލަތަށް ގެނައުމަށް ލުއިތައް ދެވެންވާއިރަށް، ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމަށް ވެސް އެޗްޑީސީގެ ޓްވީޓުގައި ވެއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އެޅުނު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން ގްރޭޓަރ މާލޭ ސަރަހައްދު، ހުޅުމާލެ ހިމެނޭ ގޮތަށް، ފުރަބަންދު ކުރެވިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނިންމާ، ސަރުކާރުން އަންނަނީ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުމަށް މަޝްވަރާ ކުރަމުންނެވެ.
ފިޔަވަހިތަކަކަށް ބަހާލައިގެން ލުއިތައް ދިނުމަށް ނިންމާފައިވާއިރު، އާންމުންނަށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދެވިގެންދާނީ އުސޫލުތަކެއްގެ ތެރެއިންނެވެ. ހާއްސަކޮށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއި، މަގުމައްޗަށް ނިކުންނައިރު މާސްކު އެޅުން ފަދަ ކަންކަން މި އުސޫލުގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ