މަޖިލީހުގައި ހިނގި ހަމަނުޖެހުމުގައި މެމްބަރު އީސައަށް އަނިޔާވެއްޖެ

ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްގެންދާ ޖަލްސާގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އަށް އަނިޔާވެއްޖެ އެވެ.
މެމްބަރު އީސައަށް އަނިޔާވެފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގައި ހާމަ ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މެމްބަރު އީސައަށް ލިބިފައިވަނީ ކުޑަކުޑަ އަނިޔާއެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒައްތެރި މެމްބަރަށް ކުޑަ ކުޑަ އަނިޔާއެއް ވީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބޭ. އެހެން ނަމަވެސް އެބާވަތުގެ ކަންކަންވޭ އެ އިއްޒައްތެރި މެމްބަރަށް އެހެންޏާވެސް،" ނަޝީދު ވިދާޅުވިއެވެ.
މިރޭ މަޖިލީހުގެ ތަޅުމުގައި ހިނގި ހަމަނުޖެހުމުގައި އީސަގެ އިތުރު ބައެއް އެހެން މެމްބަރުންނަށްވެސް އަނިޔާވެފައި ވެއެވެ. އޭގެތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު، އަހުމަދު ޝިޔާމާއި ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިންވެސް ހިމެނެއެވެ.
އީސައަށް އަނިޔާވެފައިވަނީ މަޖިލީހުގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގެ ތަޅުމުން ބޭރަށް ނުކުމެ ވަޑައިގަންނެވުމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނިކޮށް، އެމްޑީޕީ މެމްބަރުން ޝިޔާމް ބޭރަށް ދަމާފައި ގެންދަން އުޅުމުގެ ތެރޭގައެވެ.
މި ހަމަނުޖެހުންތަކުގެ ވީޑިއޯ އާއި ފޮޓޯތައްވެސް މީށްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ވީޑިއޯގައި ފެންނަނީ ބައެއް މެމްބަރުން، މަޖިލީސް ހިންގުމަށް އެޗްޕީއޭ އިން ދީފައިވާ ހުއްދަ އާއި ޚިލާފަށް، ގައިދުރުވުމަށް އަންގާފައިވާ ޤަވާއިދާ ޚިލާފުވެ އެއްވެ އެއްތަންވެ އުޅުނު މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ