ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ނުކޮށް ވިޔަފާރިތަކަށް ރައްކާތެރިކަމެއް ނެތް: އެމްޓީޔޫ

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރު ތަންފީޒު ނުކުރެވިދާ ކޮންމެ ހާލަތެއްގައި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ އިތުރަށް ބޭރުގެ ފޮރިން އިންވެސްޓްމަންޓްތަކަށް ރައްކާތެރިކަން ކަށަވަރު ނުވާނެތީވެ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އިން ބުނެފި އެވެ.
އެމްޓީޔޫ އިން މިހެން ބުނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުނުވެ ދިގުލައިގެން ދާތީވެ އެކަމާ ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގަ އެވެ.
އެމްޓީޔޫގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ސުޕްރީމް ކޯޓަކީ ރާއްޖޭގެ އަދުލު އިންސާފުގެ އެންމެ މަތީ ފަރާތަށްވެފައި ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތްކަމަށް ވީހިނދު އެކޯޓުގެ އަމުރު ތަންފީޒު ނުކުރެވިދާ ކޮންމެ ވަގުތަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތަށް އަންނަ ބަނަ ކަމެއް ކަމަށެވެ. އެންމެ މަތީ ކޯޓުގެ އަމުރު ނުހިނގާނަމަ ދިވެހި ދައުލަތުގެ މަދަނިއްޔަތު ރައްކާތެރި ނުކުރެވޭނެ ކަމަށް އެމްޓީޔޫ އިން ދެކޭ ކަމަށްވެސް މިބަޔާނުގައިވެ އެވެ. އަދި އެފަދަ ހާލަތެއްގައި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންގެ އިތުރަށް ބޭރުގެ ފޮރިން އިންވެސްޓްމަންޓްތަކަށް ރައްކާތެރިކަން ކަށަވަރު ނުވާނެތީވެ އެކަމަކީ އެމްޓީޔޫ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށްވެސް މިބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ވިޔަފާރިއާއި މަދަނީ އެހެނިހެން ހައްގުތައްވެސް ކަށަވަރުކުރެވޭނީ ރާއްޖޭގެ ޝަރުއީ ނިޒާމު ފުރިހަމައަށް މަސައްކަތް ކުރެވޭ މާހައުލެއް އޮވެގެން ކަމަށް ގަބޫލުކުރާ ކަމަށެވެ. އެފަދަ ނިޒާމެއްގައި އެންމެފަހު ބަސް ބުނުމުގެ ބާރު އޮތް ފަރާތަކީ ސުޕްރީމު ކޯޓް ކަމަށްވާތީ އެކޯޓުން ނެރޭ އެއްވެސް އަމުރަކަށް ގޮންޖެހުމުގެ އެއްވެސް ބާރެއް އެއްވެސް މުއައްސަސާއަކަށް ލިބިގެން ނުވާތީވެ ސުޕްރީމް ކޯޓުގެ އަމުރު ވަގުތުން ތަންފީޒުކުރަން ޖެހޭނެ ކަމަށް އެމްޓީޔޫ އިން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ދައުލަތެއްގެ މިނިވަންކަމާއި އިސްތިގުލާލްގެ އެންމެ މައި ތަނބަަކީ އެ ގައުމެއްގެ ޝަރުއީ ނިޒާމު ކަމަށެވެ. ޝަރުއީ ނިޒާމުގެ ބާރު ނެތްކަމަށް ފެނިދާ ފަދަ ހާލަތަކީ އެ ގައުމެއްގެ ހަޔާތުގެ އެންމެ އަނދިރި ސަފްހާތަކުގެ ގޮތުގައި ފާހަގަކޮށް މިބަޔާނުގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އިއްޒަތްކަމުގައިވާ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބާރުނެތްކަމަށް ފެނިދާފަދަ ހާލަތަކަށް ދިއުމަކީ ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިވެރިންނާއި ބޭރުގެ ފޮރިން އިންވެސްޓްމަންޓްތައްވެސް ދެކެން ބޭނުންވާނެ ހާލަތެއް ނޫން ކަމަށެވެ.
"ވީމާ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ އެންމެ ފަހުރުވެރި ރަމްޒު ކަމުގައިވާ ސުޕްރީމް ކޯޓުގެ ގަދަރާއި އިއްޒަތް އަބަދަށް ދެމިއޮންނަން ޖެހޭނެކަމަށް މިޔޫނިއަނުން ދެކެމެވެ.،" އެމްޓީޔޫގެ ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ވަނީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ދައުލަތުގެ މާލިއްޔަތާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް މަނީޓަރީ އޮތޯރިޓީން ދިވެހި ދައުލަތުގެ ހަޒާނާއާއި ފައިސާގެ މައްޗަށް ސަމާލުވުމާއި، އަދި މިފަދަ ދަނޑިވަޅެއްގައި ހިނގާފާނެ ނާޖާއިޒު މުއާމަލާތަކަށް ފާރަވެރިވުމަށް ގޮވާލާ ކަމަށެވެ. ޝަރީއަތުގެ ބާރު ކެނޑިފައިވާ މިފަދަ ކޮންމެ ދަނޑިވަޅަކީ ނާޖާއިޒު މުއާމަލާތް ހިންގަން ފުރުސަތު ލިބޭނެ ކަމެއް ކަމަށް އެމްޓީޔޫ އިން ދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އެހެންކަމުން އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގެ މައްޗަށް ބުރަވެ މިޔޫނިއަނުން ދައުލަތުގެ އެންމެހާ ތަންފީޒީ އިދާރާތަކަށް ގޮވާލަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލުގެ އެންމެ ފަހުރުވެރި ރަމްޒުކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރު (2018/SC-SJ/01) ގައި ހިމެނިފައިވާ އެންމެހާ ކަންތައްތައް އަކުރުން އަކުރަށް އެއްވެސް ލަސްކުރުމެއް ނެތި މިހިނދުން މިހިނދަށް ތަންފީޒުކުރުމެވެ." އެމްޓީޔޫގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ