ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.
ވީނިއުސްއަށް އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ދޫކޮށްލައްވައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި 2018ގެ ރިޔާސީ އިންތިހާބަށް ނިކުންނެވުމަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ހިޔާލުފުޅު ދޫކޮށްލެއްވީ ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީގެ ކަންކަން ޕީޕީއެމުން ގެންދިޔަ ގޮތުން ކަމަށާއި ރިޔާސީ ޕްރައިމަރީ ބޭއްވިޔަސް އެ ޕްރައިމަރީ ވެސް އިންސާފުވެރިވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު އުމަރު ދޫކޮށްލައްވާފައި މިވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުން ނާކާމިޔާބުވާ މީހުންނަށް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ސަރުކާރުން ހުށަހަޅައިގެން ގާނޫނު އިސްލާހުކޮށް އެއާ އެއްގޮތަށް ލޯކަލް ކައުންސިލް އިންތިހާބުގެ ޕްރައިމަރީ ބާއްވާފައި ވަނިކޮށެވެ.
އިންސާފުވެރި ޕްރައިމަރީއެއްގައި ނާކާމިޔާބު ނުވާނެ ކަމަށާއި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ބާރާއި ނުފޫޒު އޮންނަ ޕްރައިމަރީއެއްގައި ވާދަނުކުރައްވާނެ ކަަމަށް މީގެ ކުރިންވެސް އުމަރު ވިދާޅުވެފައިވެ އެވެ.
ޕީޕީއެމްގެ ތެރޭގައި ޚިޔާލުތަފާތުންވުން ބޮޑުވެ، ޕާޓީ ދެބައިވުމުގެ އަސްލަކީވެސް 2018ގެ ޕްރައިމަރީގެ މައްސަލަ ކަމަށްވީއިރު، ރައީސް ޔާމީންގެ ފެކްޝަނުން ބުނަމުންދަނީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް 2018ގެ ޓިކެޓު ދޭންޖެހޭ ކަމަށެވެ. ނަމަވެސް ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެކަމާ ދެކޮޅު ހައްދަވަ އެވެ. ހޯމް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު އުމަރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މައުމޫންގެ ފަހަތްޕުޅުގަ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނިކުންނަވަން ނިންމެވި ނަމަވެސް އިންތިހާބަށް ހެދޭ ކޯލިޝަނެއްގެ ތެރެއިން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއަދު ރާއްޖޭގެ ހާލަތު އޮތްގޮތުން ރައީސް ޔާމީން ނުވަތަ ކުރީގެ ރައީސް ނަޝީދުގެ އަތްޕުޅަށް ގައުމު ދޫކޮށްލެވެން ނެތް ކަމަށާއި ތިންވަނަ ޖަމާއަތެއް ގައުމަށް ބޭނުންވާ ކަމަށެވެ.
އުމަރު ވަނީ މިިދިޔަ ހަފުތާގައި އިނގިރޭސިވިލާތަށް ވަޑައިގެން، އެގައުމުގައި މިވަގުތު ތިއްބެވި ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުންނާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ސޮބާހު ރަޝީދުގެ އިތުރަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއިވެސް މަޝްވަރާކުރައްވާފައިވެ އެވެ. ޑރ. ޖަމީލާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ކުރީގެ ދެ ވަޒީރުން ކަމަށްވާ އަބްދުﷲ އަމީނާއި، މުހައްމަދު މަލީހު ޖަމާލުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން އުމަރު ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ