ފުލުހުންގެ މައި އިދާރާ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރަނީ

މުޅި ރާއްޖޭގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކުރުމުގެ އިތުރަށް, އެންމެ ޒަމާނީ ފުލުހުންގެ ޕޮލިސް ހެޑް ކުއާޓަރެއް މާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 93ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތުގައި މިހާރު ހުރި ހުރިހާ ގޮންޖެހުންތައް ނައްތާލުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދޭ މުއައްސަސާއަކީ ފުލުހުންނަށްވާއިރު އެ މުއައްސަސާ އިތުރަށް ތަރައްގީކުރުމަށް ފާއިތުވެދިޔަ 2 އަހަރާ ބައިގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. ޤާނޫނީ ގޮތުންނާއި އުމްރާނީގޮތުން އަދިވެސް ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަމުގެ ފުރިހަމަ ދިރާސާއެއް ކުރެވި، ފުލުހުން އެދޭގޮތަށް ބަދަލުތައް ގެނައުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޖޭގެ އެކި ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރަން ފަށާފައިވާއިރު އެންމެ އާބާދީ ބޮޑު ސަރަހައްދު ކަމަށްވާ މާލެ ސަރަހައްދުގައި އަދިވެސް އެކަށީގެންވާ ވަރަށް ފުލުހުންގެ މަރުކަޒުތައް ގާއިމުވެފައި ނެތް ކަމަށެވެ. އެކަން ހައްލުކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގެ ދެވަނަ އިމާރާތް އެޅުމުގެ ހުރިހާކަމެއް ފަހިކޮށްދެއްވާނެ ކަމަށާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޒަމާނީ ވަސީލަތްތަކާއެކު ޖާގަ ތަނަވަސް އިމާރާތެއް އަޅުއްވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ހުރި ފުލުހުންގެ މައި އިދާރާ ޒަމާނީ ފެންވަރަށް ތަރައްގީކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މައި ހެޑްކުއާޓަރު މިހާރު އެހެރީ ކުޑަކުޑަ ތަންކޮޅެއްގައި. އެެހެންވީމަ ޒަމާނަށްފެތޭ، ޖާގައާއި ވަސީލަތުގެ ގޮތުން ތަނަވަސް، އެންމެ ރަނގަޅު ފެންވަރުގެ ފުލުހުންގެ ހެޑްކުއާޓަރެއް އިރާދަކުރެއްވިއްޔާ މާލޭގައި އެޅުމަށްޓަކައި ކޮށްދޭންޖެހޭ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ތަރައްގީކުރެވޭ ފުލުހުންގެ މަރުކަޒުތަށް އަންނަ އަހަރު ނިންމުމަށް އަޒުމު ކަނޑައަޅައި، މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
ޤައުމުގެ ހަމަޖެހުން ޤާއިމުކޮށް، އިޖުތިމާޢީ ގޮތުން ހުރި މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރައްވަމުންދާ މަސައްކަތް ކާމިޔާބުކަމާއެކު ކުރެވިގެންދަނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި މަސައްކަތް ކުރާތީކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތުގައި ދޭންޖެހޭ އެއްބާރުލުން އެމަނިކުފާނުގެ ސަރުކާރުން ފުލުހުންނަށް ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ