ދައުވާތަކާ ގުޅޭ ލިޔުންތައް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ހަވާލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކޮށްފަ އެވެ.
ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކުރުމަށް ގާސިމް ކޯޓަށް ހާޒިރުކުރީ މިއަދު ހެނދުނު 10:00 ޖެހިއިރު އެވެ.
ލިޔުންތަކާ ހަވާލުވެވަޑައިގަތުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ދައުވާއާ ގުޅޭ ލިޔުންތައް ހަވާލުކުރި ނަމަވެސް ޝަރީއަތް ފަށާނެ ވަކި ދުވަހެއް ކޯޓުން މިއަދު އަންގާފައި ނުވާ ކަމަށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
މިއީ މިދައުވާތައް ގާސިމް އިބްރާހީމްގެ މައްޗަށް އުފުލުނު ދެވަނަ ފަހަރެވެ. މިދައުވާ ތަކުގައި މީގެ ކުރިން ދައުވާ އުފުލި ޝަރީއަތް ނިމި ހުކުމް ކުރުމާ ހަމައަށް ގޮސްފައިވަނިކޮށް މިމަހުގެ 10 ވަނަ ދުވަހު ބޭއްވި މިމައްސަލަތަކުގެ ޝަރީއަތުގެ ފަހު ބަޔަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވުމުން ކްރިމިނަލް ކޯޓުން މިމައްސަލަތައް އޭރު ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ މައްސަލަތައް ބޭރުކޮށްލާފަ އެވެ.
ގާސިމްގެ މައްސަލަތައް މީގެ ކުރިން ކްރިމިނަލް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފްއާއި ގާޒީ އަހްމަދު ޝަކީލްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ވަގުތީ ގޮތުން މިހާރު އައްޔަންކުރައްވާފައި ހުންނެވި ގާޒީ އާދަމް އަރީފް އެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އޭރު އިންނެވީ ގާޒީ ބާރީ އެވެ. ނަމަވެސް މިމައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލި ފަހުން ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކޮށް ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލުކޮށް އަދި ގާޒީ އާދަމް އާރިފް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް އައްޔަންކުރަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިމައްސަލަތައް އަލުން ކޯޓަށް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
ގާސިމް އިބްރާހީމްގެ މައްޗަށް ކުރިންވެސް އުފުލި ދައުވާތައް އަލުން އުފުލާފައި މިވަނީ އެ ދައުވާތައް ކްރިމިނަލް ކޯޓުން މިމަހުގެ 10 ވަނަ ދުވަހު ބޭރުކޮށްލާފައިވާތީ މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށް ގާސިމްގެ ގާނޫނީ ޓީމުން ބުނެފައިވަނިކޮށެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ދައުލަތުން ގާސިމަށް ދެކޮޅަށް ހެކީގެ ގޮތުގައި ހަމައެކަނި ހުށަހަޅާފައިވަނީ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ގާސިމް ދެއްކެވި ވާހަކަފުޅެއްގެ ތަންކޮޅެކެވެ.
ގާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެމަނިކުފާނުގެ ގެންދަވަނީ ޝަރީއަތުގައި އާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ. އަދި ދައުވާތަކުގައިވާ ފަަދަ ކަމެއް ދުވަހަކުވެސް ކުރައްވާފައި ނުވާނެ ކަމަށްވެސް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ