ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މާދަމާ ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ.
ގާސިމްގެ ގާނޫނީ ޓީމުން ބުނީ މާދަމާ މެންދުރުފަހު 13:30ގައި ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން އަންގާފައިވާ ކަމަށެވެ.
މާދަމާ ބާއްވާ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ މައްސަލައާއި ގުޅިގެން ދައުލަތުން ޖަވާބުދާރީވުމާއި ދިފާއީ ވަކީލުގެ ފަރާތުން ދައްކަން ހުރި ވާހަކަތައް ހުށައެޅުމެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. ހުރިހާ ދައުވާއަކަށް ވެސް ގާސިމް އިބްރާހީމް ވަނީ އިންކާރުކުރައްވާފަ އެވެ.
ގާސިމްގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން އެމަނިކުފާނުވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށް ދޫނިދޫގައި އެކަހެރިކުރައްވާފައެވެ.
މީގެ ތެރެއިން ފުރަތަމަ ފަހަރު ގާސިމް ހައްޔަރުކޮށް، 6 ދުވަސްވަންދެން ދޫނިދޫގައި ގެންގުޅެފައިވަނީ ގާނޫނާއި ޚިލާފަށްކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެެވެ.
ގާސިމް އިބްރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށް ދޫނިދޫގައި 19 ދުވަސްވަންދެން ވަނީ ގެންގުޅެފައެވެ. އޭގެ ފަހުން ގާސިމް މިނިވަންކުރީ ގިނަ ޝަރުތަކެއް ކުރިމަތިކުރުމަށްފަހުއެވެ.
ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން ވަނީ ފުލުހުން ކޯޓްގައި ދޮގު ހަދާފައިވާތީ ގާސިމްގެ މައްޗަށް ކުރި ޝަރުތުތައް އުވާލާފައެވެ.
ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއަށްވެސް އެމަނިކުފާނު ވަނީ އިންކާރު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނު ގާނޫނާއި ޚިލާފު އެއްވެސްކަމެއް ނުކުރައްވާނެކަމަށާ އަދި ގާނޫނާއި ޚިލާފު ކަމެއްކުރުމަށް ހިތްވަރުވެސް ނުދޭނެކަމަށެވެ.
ގާސިމް މާދަމާ ކޯޓަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ