ބޯނަސް މައްސަލައިގައި އެއާޕޯޓު މުވައްޒަފުން ހަޅުތާލު ކުރަން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މުވައްޒަފުންގެ މެދުގައި ބޯނަސް ބަހާ ގޮތާއި މެދު ހިތްހަމަނުޖެހިގެން އެތަނުގެ މުވައްޒަފުން ހަޅުތާލު ކުރަން ފަށައިފި އެވެ.
އެއާޕޯޓުގައި މުޒާހަރާކުރަމުންދާ މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވަގުތަށް މައުލޫމާތުދެމުން ބުނެފައިވަނީ އެމީހުން މުޒާހަރާއަށް ނިކުންނަން ޖެހުނީ ބައެއް މުވައްޒަފުންނަށް ބޯނަސް ފައިސާ ދީފައި، އެހެން މުވައްޒަފުންނަށް ބޯނަސް ފައިސާ ނުދޭ މައްސަލައިގައި ކަމަށެވެ.
އެހެންވެ މުޒާހަރާ ކުރަމުން ދަނީ އެޗްއާރު ކުރިމަތީގައި ކަމަށާއި މުޒާހަރާގައި 100 އަށް ވުރެ ގިނަ މުވައްޒަފުން މިހާރު ބައިވެރިވަމުންދާ ކަމަށް ވެސް އެމުވައްޒަފު ބުންޏެވެ.
އެއާޕޯޓުގައި މަސައްކަތް ކުރާ އެހެން މުވައްޒަފަކު ބުނީ ވޭތުވެދިޔަ ތިން އަހަރު އެ ކުންފުނިން ބޯނަސް ދިން ގޮތާ މެދު ގިނަ މުވައްޒަފުން ހިތްހަމަ ނުޖެހޭ ކަމަށާއި އެގޮތުން ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މީހުންނަށް އެތައް ގުނައެއް ބޮޑުކޮށް ދިން އިރު ކުންފުނި ކުރިއަރުވަން ބުރަކޮށް މަސައްކަތް ކުރާ މީހުންނަށް ބޯނަސްގެ ގޮތުގައި ދިނީ ބޭސިކް ސެލެރީ ކަމަށެވެ.
"ޑިއުޓީ ފްރީގައި މަސައްކަތް ކުރާ މީހުންނަށް އެތައް ގުނައެއް ބޮޑުކޮށް ދިން. މަދު އަހަރުތަކުގައި އުޅެފައި ތިބި މީހުންނަށް ދޭ ބޯނަސް މަދު، އެހެންވެ އެކަން އެނގިގެން އިހުތިޖާޖަށް ނިކުތީ." އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް  ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ  ބޯނަސް ބަހަނީ ކޮންމެ މުވައްޒަފަކަށް ވެސް އެއް މަހުގެ ބޭސިކް މުސާރަ ދޭ ގޮތަށް ކަމަށެވެ. އެހެންކަމުން ހުރިހާ މުވައްޒަފުންނަށް އެއްވަރަކަށް ބޯނަސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ