ކަރަންޓް އަގު ބޮޑުވެގެން ލުބުނާނު ބަޔަކު ހަކަތައާބެހޭ ވުޒާރާ ހިސާރުކޮށްފި

ކަރަންޓްގެ އަގު ބޮޑުވެގެން ލުބުނާނުގެ ރައްޔިތުންގެ ބަޔަކު ނުކުމެ އެގައުމުގެ ހަކަތައާބެހޭ ވުޒާރާ ހިސާރުކޮށްފިއެވެ.
ބަޔަކު ނުކުމެ ހަކަތައާބެހޭ ވުޒާރާ ހިސާރުކުރީ، ކަރަންޓްގެ މައްސަލަތައްވެސް ބޮޑުވެފައި، އަގުވެސް ރައްޔިތުން އަތްފޯރާ ފަށަށްވުރެ އެތައްގުނަ މަތިވުމުން އެކަމަށް ހިތްހަމަ ނުޖެހިގެންނެވެ.
ހަކަތައާބެހޭ ވުޒާރާ ހިސާރުކުރީ ލުބުނާނުގައި މިހާރު ހިންގަމުންދާ "ވީ ވޯންޓް އެކައުންޓެބިލިޓީ" ކެމްޕެއިންގެ ހަރަކާތްތެރިންނެވެ. އެމީހުންވަނީ މިއަދުގެ ވަރަށް ހެނދުނާ ހަކަތައާބެހޭ ވުޒާރާ ދޮށަށްގޮސް، އެތަނަށް މުވައްޒަފުން ވަނަނުދީ ހުރަސްއަޅާފައެވެ.
ހަކަތައާބެހޭ ވުޒާރާއަށް ވަންނަ ދޮރުމަތިން މުޒާހަރާކުރާމީހުން ދުރުކުރަން ސަލާމަތީ ފަރާތްތަކުން މަސައްކަތް ކުރުމުން ކޮންމެވެސް ވަރެއްގެ ދެކޮޅުވެރިކަމެއްވެސް ވަނީ ހިނގާފައެވެ. އެގޮތުން، ހަކަތައާބެހޭ ވުޒާރާގެ އިމާރާތުގެ އެތައް ކުޑަދޮރެއްގެ ބިއްލޫރިތައްވަނީ ތަޅާލާފައެވެ.
ޚަބަރުލިބޭގޮތުގައި، މުޒާހަރާކުރާ މީހުން މިހާރުވަނީ ހަކަތައާބެހޭ ވުޒާރާގެ ދޮރުމަތީގައި ބޮޑު ބެނާއެއްވެސް ދަމާފައެވެ. އެ ބެނާގައި ލިޔެފައިވަނީ "އެއްބިލް، ދެބިލެއްނޫން" މިހެންނެވެ. މިއީ، ސަރުކާރުން ފޯރުވައިދޭ ކަރަންޓްގެ ޚިދުމަތަށް ފައިސާ ދައްކައި އަދި ކަރަންޓްގެ ޚިދުމަތްދޭ އަމިއްލަ ކުންފުނިތަކަށްވެސް ފައިސާ ދައްކަންޖެހޭ މައްސަލައަށް ރިއާޔަތްކޮށް ލިޔެފައިވާ އިބާރާތެކެވެ.
ލުބުނާނުގައި ކަރަންޓްގެ ޚިދުމަތްދޭ ވިއުގައަކީ ދުވަސްވެފައިވާ ވިއުގައެއް ކަމުން، ކަރަންޓްގެ ޚިދުމަތް ކެނޑުން ވަނީ އާންމު ކަމަކަށް ވެފައެވެ. ސަރުކާރުންދޭ ކަރަންޓްގެ ޚިދުމަތް މެދުކެންޑުމުން، އާންމުން ދެން ބޭނުންކުރަނީ އަމިއްލަ ފަރާތްތަކުން ދޭ ކަރަންޓްގެ ޚިދުމަތެވެ. އަމިއްލަ ފަރާތްތަކުންދޭ ކަރަންޓްގެ ޚިދުމަތުގެ އަގު އެތައްގުނަ މަތިކަމަށް ވެއެވެ.
މިމައްސަލާގައި، ލުބުނާނުގެ އާންމުންގެ ކެތްތެރިކަން ވަނީ ކޮޅުންލައިފައެވެ. އަދި އެކަމާ ދެކޮޅަށް ލުބުނާނުގެ އެތައްހާސްބަޔަކު ދާދިފަހުން ބޭރޫތުގައި ވަރުގަދަ މުޒާހަރާތަކެއްވެސް ކޮށްފައި ވެއެވެ. "ވީ ވޯންޓް އެކައުންޓެބިލިޓީ" ކެމްޕެއިންގެ ދަށުން، އަސާސީ ޚިދުމަތްތަކުގެ މައްސަލަތަކުގައި ގެންދަނީ އެކިފަހަރުމަތިން މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން ކުނީގެ މައްސަލާގައިވެސް ދާދިފަހުން ވަނީ ބޮޑު މުޒާހަރާއެއް ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ