މާފުށި ކޯޓުގެ މެސެޖު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ކ. މާފުށީ ކޯޓުން ވަރަށް އާދައިގެ ބަހުރުވަޔަކުން ލިޔެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ފޮނުވި މެސެޖު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެ މެސެޖުގައި ބޭނުންކޮށްފައިވާ އިބާރާތަކީ ކޯޓުން ނިންމާ ނިންމުމެއް ނުވަތަ އަންގާ އެންގުމެއްގައި ހުރެގެން ވާނެ އިބާރާތަކަށް ނުވާތީ އެ މެސެޖު ބާތިލްކޮށްފައިވާ ކަމަށެވެ.
މާފުށީ ކޯޓުން ކަރެކްޝަނަލް ސާވިސް އަށް މެސެޖެއް ފޮނުވީ އެރަށު މީހެއްގެ ދަރިފުޅުގެ ހަރަދަށް އެ މީހާގެ މުސާރައިން ކެނޑުމަށްފަހު ކޯޓުގެ އެކައުންޓަށް ފައިސާ ޖަމާކުރަން ކޯޓުން އަންގާފައިވާ ގޮތާއި ހިލާފަށް ކަރެކްޝަނަލް ސާވިސް އިން އެކިފަހަރު އެކި އަދަދުތަކުން ފައިސާ ޖަމާކުރަމުންދާތީ އެކަން އިސްލާހު ކުރުމަށެވެ.
މި މެސެޖު އިބާރާތްކޮށްފައިވަނީ ދަށު ދަރަޖައިގެ ބަހުރުވައަކުން ކަމަށް ވާތީ ސޯސަލް މީޑިއާގައި މި މެސެޖު އާންމުވެ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެގެން ދިޔަ އެވެ.
"ތިޔަތާންގައި ތިއްބަވާ ބޭފުޅުންނަށް ތަންދޮރު އެނގޭނެ ކަމަށް އަޅުގަނޑު ހީކުރަނީ. މި ކޯޓުން ހުކުމެއް ކޮށްފައި އޮތިއްޔާ އެއާ އެއްގޮތަށް އަމަލުކުރަންޖެހޭނެ. އެ ހުކުމުގައި އޮތް އެއްޗެއް އެނގޭނެ ޕައްލަންބެއަށް ވެސް، އަންމަކަޅޭއަށް ވެސް، ޔަހުޔާއަށް ވެސް. މިވަރު ތަންކޮޅެއް ބޮޑު." މާފުށި މެޖިސްޓްރޭޓް އިބްރާހިމް ހުސައިން ސޮއިކުރައްވާފައިވާ މެސެޖްގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ