ޕީޕީއެމް މެމްބަރުންގެ ސަބަބުން ގައުމަށް ގެއްލުންތަކެއް ލިބޭ : ރައީސް މައުމޫން

ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެމްބަރުންގެ ސަބަބުން ގައުމަށް ގެއްލުން ވަމުންދާކަމަށް ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމް ގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދާ ޕާޓީގެ ސިޔާސަތުތަކާ ހިލާފަށް އަމަލުކުރަމުންދާ މަޖިލިސް މެމްބަރުންގެ ސަބަބުން ޕާޓީއަށާއި ގައުމަށް ގެއްލުން ވަމުންދާކަމަށެވެ.
އެގޮތުން އިއުލާން ކުރުމަކާ ނުލާ ފަޅުރައްތައް ދޫކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ޕާޓީގެ ރޫހާއި ހިލާފަށް ކުރިކަމެއްކަމަށާއި، އެކަމުގެ ސަބަބުން ޕާޓީއާ މެދު އާންމުގެ ވިސްނުން ކިލަނބު ވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިންވެސް އެފަދަދަ މައްސަލަތައް ފެންމަތިވެފައިވާ ކަމަށާއި އެކަންތައްތައް ހައްލުކުރެއްވުމަށް މެދު ނުކެނޑި ކުރެއްވި މަސައްކަތް ނާކާމިޔާބުވެފައިވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޕާޓީގެ ތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ޕާޓީގެ ގުނަވަންތަކުން ނުކުޅެދިފައިވުމާއެކު، ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އެމަސައްކަތުގައި އެމަނިކުފާނު މަޝްވަރާ މަޖިލީހެއް އެކުލަވާލާފައިވާއިއުރު، ކުރީގެ ހޯމް މިނިސްޓަރު އުމަރުނަސީރުވެސް އެ މަޖިލީހުގައި ހިމެނެއެވެ.
ޕީޕީއެމް އިސްލާހީ ޕްރޮގްރާމްގައި ފަސްޖެހުމެއް ނެތި ކުރިއަށް ވަޑައިގަންނަވާނެކަމަށް ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އަބްދުރަހީމް އަބްދުﷲ ގެ ބާރުތައް ވަނީ ޕާޓީ ތެރެއިން ނަންގަވާފައެވެ.
އެކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އަބްދުރަހީމް އަބްދުﷲ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލު ކުރެއްވިއިރު، ގާސިމް އިބްރާހީމާއި ރައީސް ޔާމީންގެ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ރައީސްޔާމީންގެ ދަރިކަލުން ފާރީޝް މައުމޫނާއި މެދު ފިޔަވަޅު އެޅުމަށް ފޮނުވާފައިވާއިރު، ފާއިތުވި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ނަސީރާއި ރައީސް މައުމޫންގެ ގުޅުންދަނީ އިތުރަށް ބަދަހިވަމުންނެވެ.
އުމަރު ނަސީރަކީ ޕީޕީއެމް ގެ ޕްރައިމަރީގައި ރައީސް ޔާމީން ވޯޓު އޮޅުވާލެއްވިކަމަށް ތުހުމަތުކުރެއްވުމުން ޕާޓީން ވަކިކުރުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައީސް ކަމަށް ގެންނެވެމަށް 2013 ގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ.
ރައީސް ޔާމީން ގެ ސިޔާސަތުގެތަކުގެ ސަބަބުން ޕާޓީގެ ތެރޭގައި ކޯޅުންގަނޑެއް އުފެދިފައިވާއިރު، މީގެ ކުރިން ރައީސް މައުމޫނުގެ އިރުޝާދާ ދެކޮޅަށް ރައީސް ޔާމީން ކުރެއްވި ކަންތަކުގެ ސަބަބުން ޕީޕީއެމް އަށް އަދި ސަރުކާރަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އެގޮތުން ރައީސް މައުމޫނުގެ އިރުޝާދާ ދެކޮޅަށް މައުމޫން ހަމީދުގެ ބަދަލުގައި މުހުތާޒު މުހުސިން ޕީޖީ އަކަށް ގެނެސް މުހުތާޒު އެމަގާމުން ވަކިކުރިތާ މާގިނަ ދުވަހެއް ނުވެ އޭނާގެ މައްޗައްވަނީ ސައްހަނޫން ކޯޓު އަމުރެއް ބޭނުންކޮށްގެން ރައީސް ޔާމީން ހައްޔަރުކުރަން އުޅުމުގެ ދައުވާކޮށް އެކަން ސާބިތުވެފައެވެ.
އޭގެ އިތުރުން އަހުމަދު އަދީބު ނައިބު ރައީސަކަށް ގެންނަން ރައީސް މައުމޫނު ދެކޮޅު ހެއްދެވިއިރު، އަދީބުގެ މައްޗަށްވެސް ވަނީ ފިނިފެންމާ ލޯންޗުކޮޅުގައި ''ބޮމެއް'' ގޮއްވައި، ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނުކަމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ކޮށްފައެވެ.
މިފަދަ ގިނަ މައްސަލަތަކާ ގުޅިގެން ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ދަނީ ރައީސް ޔާމީންގެ ގާބިލްކަމާއި މެދު ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ