ޑީއާރްޕީގެ ލީޑަރު އަހުމަދު އަހުމަދު ތަސްމީން އަލީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ޖީއެމްއާރުން ޓިކެޓު ދިން ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށްފަހު އެކަން ސާބިތުކުރެވޭވަރުގެ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ ނެރުނު އެންޓި ކޮރަޕްޝަންސް ކޮމިޝަން )އޭސީސީ(ގެ ރިޕޯޓުގައި އެ ދެ ޓިކެޓަކީ "ސައްހަ" ދެ ޓިކެޓް ކަމަށް ބުނެފައިވާ ކަމަށް އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
ޒެޑް ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޖީއެމްއާރު ބޭފުޅުންނާ ބައްދަލު ކުރެއްވުމަށްޓަކައި ތަސްމީން އާއި އަބްދުﷲ ޝާހިދު ލަންކާއިން އިންޑީއާގެ ނިއުދިއްލީ އަށް ޖީއެމްރާރުގެ ޓިކެޓެއްގައި ދިޔަ ކަމަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި މައްސަލައަކީ އެ ކޮމިޝަނަށް ތަހުގީގު ކުރުމަށް ވަރަށް ދަތި މައްސަލައެއް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ޖީއެމްއާރަކީ އިންޑީއާގައި ވަރަށް ނުފޫޒުގަދަ ކުންފުންޏެއް ކަމަށާއި އޭސީސީން ތަހުގީގު ކުރި މައްސަލަ ހިނގާފައި ވަނީ ސިރީލަންކާގަ އާއި އިންޑިއާގެ ހައިދަރުއާބާދުގައި ކަމުން އެތަންތަނަށް ގޮސް ސުވާލުކޮށް މައުލޫމާތު ހޯދުމުގެ ހައްގު އޭސީސީއަށް ލިބިގެން ނުވާ ކަމަށެވެ.
ތަސްމީން އާއި އަބްދުﷲ ޝާހިދު ކޮލަންބޯ އިން ދިއްލީއަށް ދިއުމަށް ޖީއެމްއާރުން ޓިކެޓެއް ދިން ކަން އެނގެން ނެތް ކަމަށް އޭސީސީން މިއަދުގެ ނެރުނު ރިޕޯޓްގައި ބުނެފައި ވާތީ އުމަރު ވިދާޅުވީ އެ ދެ ބޭފުޅުންނަށް ޖީއެމްއާރުން ޓިކެޓެއް ދިން ކަން ސާބިތު ނުވި ނަމަވެސް އެ ދެ ޓިކެޓަކީ "ސައްހަ" ދެ ޓިކެޓް ކަމަށް އެރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ.
~
އޭސީސީގެ ރިޕޯޓްގައި ބުނެފައި ވަނީ ތަސްމީން އާއި އަބްދުﷲ ޝާހިދު ނަމުގައި ސްރީލަންކަން އެއާރލައިންސްއިން ދޫކޮށްފައިވާ ދެ ޓިކެޓާއި ބެހޭ ގޮތުން ސްރީލަންކަން އެއާލައިންސްއިން އެ ކޮމިޝަނަށް ދިން މައުލޫމާތުގައި އެ ދެބޭފުޅުންގެ ނަމުގައިވާ ޓިކެޓެއް ދޫކޮށްފައި ވަނީ "އެފްސީއެމް ޓްރެވަލް ސޮލިއުޝަން" ގެ ނަމުގައި ކަމަށެވެ. އަދި އެ ޓިކެޓަށް ފައިސާ ދައްކާފައިވަނީ ވެސް "އެފްސީއެމް ޓްރެވަލް ސޮލިއުޝަން"ގެ ނަމުގައި ކަމަށާއި އެ ޓިކެޓް ދަތުރުކޮށްފައި ނުވާ ކަމަށާއި، އެ ޓިކެޓް ރިފަންޑްކޮށްފައި ވަނީ ވެސް ޓިކެޓް ގެނި ފަރާތުން ކަމަށް ސްރީލަންކަން އެއާލައިންސްއިން އެ ކޮމިޝަނަށް އަންގަވާފައިވާ ކަމަށެވެ.
ޓިކެޓް ދިނީ ޖީއެމްއާރުންކަން އެނގެން ނެތް ކަމަށް ބުނެ އޭސީސީން މައްސަލަ ނިންމާލާފައި ވަނީ، އެ ޓިކެޓު ދޫކުރި ކަމަށް ބުނާ އެފްސީއެމް ޓްރެވެސް ސޮލިއުޝަނުގެ އެއްވެސް ބަހެއް ނުލިބުމުންނެވެ.
އުމަރު ވިދާޅުވީ އެ މައްސަލަ އޭސީސީއިން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ނުކުރެވުނީ އިންޑިއާގަ އާއި ސިރީލަންކާގައި އެ މައްސަލަ ބަލާނެ ގާނޫނީ ބާރެއް އެ ކޮމިޝަނުގައި ލިބިގެން ނުވާތީ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ގާނޫނުތައް އިންޑިއާގަ އާއި ސިރީލަންކާގައި ނުހިނގާނެތީ އެ މައްސަލަ ފުރިހަމައަށް ތަހުގީގު ނުކުރެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި "މިވީ ގޮތަކުން ކުށް ސާބިތުވާ އެކަކު ވެސް ނުހުންނާނެ" ކަމަށް އުމަރު ވިދާލުވި އެވެ.
މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރު ކުންފުންޏަށް 25 އަހަރަށް ކުއްޔަށް ދިނުމުގައި އަބްދުﷲ ޝާހިދާއި ތަސްމީންގެ ބޮލުގައި ކޮރަޕްޝަންގެ ތުހުމަތު އެޅުވި ޒެޑް ފެކްޝަން ޖަލްސާގައި އުމަރު ވިދާޅުވި ބަސްފުޅު ރޭގެ ޖަލްސާގައި ވެސް ތަކުރާރު ކުރައްވާފައިވެ އެވެ.
"ހިޔާނާތްތެރިއަކު ނުކުންނަނީ އަޅުގަނޑުމެންގެ ތެރެއިން ކަމަށް ވިޔަސް، އަޅުގަނޑުމެންގެ ބޭރުން ކަމަށް ވިޔަސް އެބަޔަކާ ދެކޮޅަށް ތެދުވާނެ" އުމަރު ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ޕީއޭގެ ލީޑަރު އަބްދުﷲ ޔާމިން އަބްދު ގައްޔޫމާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ޒެޑް ފެކްޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެނެވި އެވެ.
ތަސްމީނާއި ޝާހިދުގެ ނަމުގައި ނަގާފައިވާ ޓިކެޓަކީ ސައްހަ ދެ ޓިކެޓުކަަމަށް އޭސީސީގެ ރިޕޯޓުގައި އެބައޮތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ