މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމާ ބެހޭ ގޮތުން މައުލޫމާތު ދެނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މި އިނާމާބެހޭ އިތުރު މަޢުލޫމާތު ދެއްވުމަށް މިމަހުގެ 10 ވާ ހޯމަ ދުވަހު ބައްދަލުވުމެއް ބާއްވަވާ ގޮތަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، މިމަހުގެ 9 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3.00ގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނަން ނޯޓް ކުރެއްވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައިވާ ކަމަށާއި ނަން ނޯޓް ކުރެއްވުމަށް ގުޅުއްވަންޖެހެނީ، އެ އޮފީހުގެ ނަންބަރު: 3336262 ނުވަތަ 3336206 ނަންބަރު ފޯނަށް ކަމަށެވެ.
އަދި ބައްދަލުވުން އޮންނާނެ ތަނަކާއި ގަޑި، ނަން ނޯޓްކުރައްވާ ބޭފުޅުންނަށް، އެ ކޮމިޓީން ފަހުން އަންގަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުމާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުމާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުމާއި، މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުމާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދެންނެވި ކާމިޔާބީތައް 2007 ވަނަ އަހަރު ނުވަތަ އޭގެފަހުން ޙާޞިލްކޮށްފައިވާ އަދި އެކަމަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ކުރިން ލިބިފައިނުވާ ފަރާތްތަކަށެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަންޖެހެނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން، ހުށަހަޅުއްވާ ފޯމްތައް ހުށަހެޅުއްވުމުގެ ފުރްޞަތު، މި ސެޕްޓެމްބަރު މަހުގެ 20ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3.00ގެ ނިޔަލަށް ވަނީ ހުޅުއްވާލައްވާފައެވެ.
އިނާމަށް ނަން ހުށަހަޅާ ފޯމް، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ