މުންޑޫގައި ކަރަންޓް ނެތި ދެ ދުވަސް!

ލ. މުންޑޫގެ ރައްޔިތުން ކަރަންޓަށް ޖެހިފައިވައިތާ ދެ ދުވަސް ވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އާބާދީގައި 380 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މުންޑޫ ކައުންސިލުގެ ނައިބް ރައީސާ ހައްވާ ހުޒައިމާ މިރޭ 'ސަން' އަށް ވިދާޅުވީ، އެރަށަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓް ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ފަތިހު 4:00 ހާއިރު ކަމަށެވެ. އަދި އޭގެ ފަހުން އެ ރަށަށް އެއްވެސް ވަރަކަށް ކަރަންޓް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގައި ހުންނަނީ 25 ކިލޯއާއި 40 ކިލޯ އަދި 70 ކިލޯގެ ޖަނަރޭޓަރު ތަކެއް. ކަރަންޓް ދިނުމަށް ބޭނުންކުރަނީ 25 ކިލޯ އަދި 40 ކިލޯގެ ޖަނަރޭޓަރު. 25 ކިލޯގެ ޖަނަރޭޓަރުގެ ފިއުލް ޕަމްޕު ހަލާކުވެފަ. 40 ކިލޯގެ ޖަނަރޭޓަރުގެ މައުންޓް ބިއްދައިގެން ގޮސްފަ. ހޭލާ ތިބެގެން ދަނީ އެދޭތި މަރަމާތު ކުރަމުން،" ހުޒައިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިންޖީނު ގޭގައި ހުރި 70 ކިލޯގެ ޖަނަރޭޓަރުން ރަށަށް ކަރަންޓް ނުދެވެނީ، އެ ޖަނަރޭޓަރު ހިންގަން ބޭނުންވާ މާލީ ތަނަވަސްކަން ކައުންސިލުގައި ނެތުމުން ކަމަށެވެ. އަދި ރައްޔިތުންގެ އިންޖީނުގެ ހިންގުމަށްޓަކައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރަން ރައްޔިތުން ނިންމައި އެކަން ހުށަހެޅި ނަމަވެސް އެކަމަށް އަދި ޖަވާބެއް ލިބިފައިނުވާ ކަމަށް ހުޒައިމާ ވިދާޅުވި އެވެ.
"އަޅުނގަޑުމެން ފެނަކަ އާ ރައްޔިތުންގެ އިންޖީނުގެ ހަވާލުކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި. ނަމަވެސް އަށް މަސް ވެގެން ދިޔަ އިރުވެސް ޖަވާބެއް ނުލިބޭ. ޖަވާބެއް ހޯދުމަށް ތިން މަސް ވަންދެން މަސައްކަތް ކުރެއްވިއްޖެ. އަދިވެސް ޖަވާބެއް ނުލިބޭ،" މުންޑޫ ކައުންސިލުގެ ނައިބް ރައީސާ ވިދާޅުވި އެވެ.
ކަރަންޓް ނުލިބުމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އިޝާރާތްކުރައްވައި ހުޒައިމާ ވިދާޅުވީ، ރަށު ފިހާރަތަކުގެ ފްރިޖްތަކުގައި ހުރި ކުކުޅު ފަދަ އެއްޗެހި ކައިރީގައި އޮންނަ ލ. މާބައިދޫ ގޭގެއަށް ބަދަލުކުރަމުންދާ ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިރޭ 'ސަން' އަށް ވިދާޅުވީ، މުންޑޫ ރައްޔިތުންގެ އިންޖީނުގެ އެ ކޯޕަރޭޝަނާ ހަވާލުކުރުމަށް ކައުންސިލުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެތަނާ ހަވާލުވުމަށް ކުރަންޖެހޭ ދިރާސާތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުންޑޫގެ އިތުރުން ރ. އަތޮޅު މީދޫ އާއި އުނގޫފާރު ފަދަ ރަށްރަށުން ވެސް އިންޖީނުގެ ހަވާލުކުރުމަށް ނިންމާ، ހުށަހަޅާފައި އެބަހުރި. ނަމަވެސް ދިރާސާއެއް ނުކޮށް އެތަން ނަގައިފިނަމަ، އަވަސް މުސްތަގްބަލެއްގައި އެކަމަށް ހައްލެއް ނުގެނެވި ރައްޔިތުުންގެ ކަންބޮޑުވުން އެބައާދޭ. އަދި ބައެއްފަހަރު އިންޖީނުތަކެއް ނަގާއިރު، ރަށު މެދު އިންޖީނުގެ ހުރުމުން ރައްޔިތުން އެބަ ބޭނުންވާ އެހެންތަނަކަށް ބަދަލުކުރަން. އެހެން ކަމުން ދިރާސާއެއް ކުރުމަށްފަހު މިހާރު އިންޖީނު ގެތައް ނަގަނީ،" ނިމާލް ވިދާޅުވި އެވެ.
މުންޑޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި މާދަމާ ހެނދުނުގެ ވަގުތެއްގައި ފެނަކަ ކޯޕަރޭޝަންގެ ޓީމެއް އެރަށަށް ގޮސް ފަންނީ އެހީތެރިކަމުގެ އިތުރުން ތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަަމަށް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ