މަޖިލީހުގެ ނިންމުމަކީ ގާނޫނީ ބުރަދަނެއް ހުރި ނިންމުމެއް ނޫން: ގާސިމް

ނޮވެމްބަރު 11 އަށް ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވެރިކަމުގެ ބާރުތައް ހަވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނީ ގޮތުން އެއް ވެސް ބުރަދަނެއް ހުރި ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.
މ. ކުނޫޒްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވީ މަޖިލީހުން ނިންމި ނިންމުމަކީ ނޮވެމްބަރު 11 އަށް ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ދިމާވެދާނެ މައްސަލަތަކާ ގުޅޭ ގޮތުން މަޖިލީހުގެ ލަފައަކަށް އެދި ރައީސް ޑރ. މުހައްމަދު ވަހީދު ފޮނުއްވާފައިވާ ސިޓީއަކާއި ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަކީ ރައްޔިތުންގެ މަޖިލީހުން ރައީސް އަށް އެރުވި ލަފައެއް ކަމަށް ގާސިމް ވިދާޅުވި އެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ އަމަލު ކުރުން ލާޒިމް ނިންމުމެއް ނޫން. ކުރާކަށް ނުވެސް ޖެހޭނެ. މިއަދުގެ ނިންމުމަކީ ރައީސް ޑރ. ވަހީދު މަޖިލީހުގެ ރައީސް އަށް ފޮނުވި ސިޓީއަކާ ގުޅިގެން ރައީސް އަށް އެރުވި ލަފައެއް. އެއީ ނޮވެމްބަރު 11ގައި ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ދިމާވެދާނެ ގާނޫނީ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގެ ލަފައަކަށް އެދި ރައީސް ފޮނުއްވި ސިޓީ އެއް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން އެ ނިންމުމަކީ ގާނޫނު އަސާސީ އާ ހިލާފު ނިންމުމެއް ކަމަށާއި އެހެން ކަމުން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އެ ނިންމުމަށް ތަބާވާން ނުޖެހޭނެ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ނޮވެމްބަރު 11ގައި ރައީސަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަށް ވެރިކަމުގެ ބާރުތައް ހަވާލު ކުރެވޭނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން ކަމަށެވެ. އަދި ނޮވެންބަރު 11ގައި ރައީސް އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ ކަން ކުރަންވީ ގޮތް ސުޕްރީމް ކޯޓުން ބުނެދީފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިއަދު ފެންނަމުންދާ މަންޒަރަކީ ހުރިހައި ބާރުތަކެއް ރައްޔިތުންގެ މަޖިލީހަށް ޖަމާކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ. އެގޮތުން ވެރިކަން ކުރުމުގެ ބާރާއި ތަހުގީގު ކުރުމުގެ ބާރާއި އަދި އަދުލްއިންސާފުގެ ބާރު ވެސް މަޖިލީހުގެ ބާރުތަކުގެ ތެރެއަށް ވައްދަން މަސައްކަތް ކުރަމުންދާ ކަމަށް އިލްހާމް ވިދާޅުވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމަކީ އިލެކްޝަންސް ކޮމިޝަނާއި އެމްޑީޕީ ގުޅިގެން ހިންގި އަމަލެއް ކަމަށެވެ. އަދި އެކަމުގެ ބޭނުމަކީ ރިޔާސީ އިންތިހާބު ބޭއްވުން ލަސްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ވެރިކަމުގެ ބާރުތައް ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ