އަސާސީ ގިނަ ބޭސް ގެނެސް، ރަށްރަށަށް ފޮނުވަން ފަށައިފިން: އެސްޓީއޯ

އަސާސީ ބޭސްތައް ހޯދުމުގެ މަސައްކަތް ފުރިހަމަކޮށް، އޭގެ ތެރެއިން ގިނަ ބޭސް މި މަހު ރާއްޖެ ގެނެސް، އެ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެސްޓީއޯ އިން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - ރާއްޖޭގެ ގިނަ ބޭސް ފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާތީ، އަންނަ މަހު 15 އިން ފެށިގެން ހުރިހާ ބޭހެއް އަގުހެޔޮކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހު 24ގައި ވިދާޅުވެފައިވެ އެވެ.
ވީ ކިހިނެއް؟ - ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ މި ފަހުން ވަރަށް ބޮޑުވި އެވެ.
އެކަން ބޮޑުވީ، މީގެ ކުރިން އާސަންދައިން ލިބުނު ބޭސްތައް އެ ސްކީމުގެ ދަށުން ދޫކުރާ ނަމަ ބޭސްފިހާރައަށް ގެއްލުންވާ ކަމަށް ބުނެ، ބައެއް ބޭސްފިހާރަތަކުން އާސަންދައިން އެ ބޭސްތައް ދޫކުރުން ހުއްޓާލުމުންނެވެ. އެފަދަ ހާލަތްތަކުގައި އެ ބޭސް ގަންނަން ޖެހެނީ އަތުން ހަރަދުކޮށްގެންނެވެ.
ބުނީ ކީކޭ؟ - އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ބޭހުގެ ދަތިކަމަށް ލުޔެއް ލިބޭނެ އެވެ.
"އެސްޓީއޯ އިން އެންމެ އިސްކަމެއް ދެމުން އަންނަ އެއް ކަމަކީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ،" ބަޔާނުގައިވެ އެވެ. 
"މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެސްޓީއޯ އިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ."
އެސްޓީއޯގެ އެންމެ ބޮޑު އެއް އަމާޒަކީ، އެ ކުންފުނިން ބުނި ގޮތުގައި، މުސްތަގުބަލުގައި މިފަދަ ދަތިކަމެއް ތަކުރާރުނުވާނެހެން، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުމެވެ.
އެސްޓީއޯ އިން ބުނީ:
ސިއްހީ ދާއިރާގެ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން، އަސާސީ ބޭސްތަކުގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރި ބޭސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާނެ 
ފާހަގަކުރެވޭ ބޭސްތައް ރާއްޖޭން ދެމެހެއްޓެނިވި ގޮތެއްގައި، މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖައްސާނެ
"ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ ފަދައިން އެމްއެފްޑީއޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ކޮންމެ ޖެނެރިކެއް ރާއްޖޭން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މާސައްކަތްތައް ވެސް ދަނީ ބާރަށްކުރެވެމުންނެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ