އެޓަލަންޓާ ބަލިކޮށް އިންޓަ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އެޓަލަންޓާ ބަލިކޮށް އިންޓަ އަށް އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް

މިލާން (މާޗް 17) - އިޓާލިއަން ލީގުގައި ރޭ އެޓަލަންޓާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ލީގު ތާވަލުގެ ދެ ވަނައިގައި އޮތް ނަޕޯލީ ވަނީ ރޭ ކުޅުނު މެޗުން ވެނެޒިއާއާ ދެކޮޅަށް ނުކުމެ 0-0 އިން ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. މި ނަތީޖާގެ ފައިދާނަގައި، އިންޓަ މޮޅުވުމުން އެ ޓީމަށް ވަނީ 29 މެޗުން 64 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީ އަށް ވަނީ 29 މެޗުން 61 ޕޮއިންޓް ލިބިފަ އެވެ، ތިން ވަނައިގައި އޮތް އެޓަލަންޓާގެ އޮތީ 29 މެޗުން 58 ޕޮއިންޓެވެ. ލީގުގެ ހަތަރެއްގައި އޮތް ބޮލޯނިއާ އަށް ވަނީ 29 މެޗުން 53 ޕޮއިންޓް ލިބިފަ އެވެ. ބޮލޯނިއާ އިން ރޭ ވަނީ 5-0 އިން ލާޒިއޯ ބަލިކޮށްފަ އެވެ.
އެޓަލަންޓާ ދަނޑުގައި ކުޅުނު މެޗުގެ ދެ ވަނަ ހާފު ފެށިގެން ނުވަ ވަނަ މިނިޓްގައި އިންޓަ އިން ލީޑުނެގި އެެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ، ހަކަން ޗަނޮނޯލޫ ނެގި ކޯނަރެއްގައި ކާލޯސް އަގުސްޓޯ ބޮލުން ޖެހި ގޯލުންނެވެ.
އެޓަލަންޓާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތަށް ހުރަސް އެޅުނީ މެޗުގެ 81 ވަނަ މިނިޓްގައި އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު އެޑަސަން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެޓަލަންޓާގެ ކުޅުންތެރިއަކު މަދުވިތާ މާގިނައިރެއްނުވެ، މެޗުގެ 87 ވަނަ މިނިޓްގައި އިންޓަ އަށް ލީޑުފުޅާކޮށްދިނީ، އެ ޓީމުގެ ކެޕްޓަން، ލައުޓާރޯ މާޓީނޭޒް އެވެ. މިއީ، ނިކޯލޯ ބަރޭލާ ދިން ބޯޅައަކުން މާޓީނޭޒް ޖެހި ގޯލެކެވެ.
އިންޓަ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، އިތުރު ވަގުތުގެ ތެރޭގައި އެ ޓީމުގެ ޒުވާން ޑިފެންޑަރު، އަލެސަންދްރޯ ބަސްޓޯނީ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ