ކަމެއް ކުރަން ބޭނުންވުމުން ބައިވެރިޔާގެ ކިބައިން ހުއްދައަށް އެދުމަކީ ބައިވެރިޔާގެ ދަށުވުމެއް ނޫން! އެއީ ދަރަޖަ އުފުލި ލޯބި އިތުރުވާނެ ކަމެއް!

ލޯބިން އެކުގައި ދިރިއުޅޭއިރު ކޮންމެ ކަމަކަށް އަނެކާގެ ކިބައިން ހުއްދަ ހޯދަން ނުޖެހުނަސް (ހުއްދަ ދީފައި އޮތަސް) ވިސްނުންތެރިން ހުއްދައަށް އަހައިލާނެއެވެ. "މިވެނި ބައަކާއެކު މިރޭ މިވެނި ތަނަކަށް ގޮސްލަންތަ؟" ފަދަ ސުވާލުތައް ކުރާނެއެވެ. އެޢިބާރާތް ބަދަލުވެސް ކޮށްލައިފާނެއެވެ. "މިރޭ މިއުޅެނީ މިވެނި ބައަކާއިއެކު މިވެނި ތަނަކަށް ގޮސްލަން" ކަމަށްވެސް ބުނެފާނެއެވެ.  
މިފަދައިން ކަންކަން ކުރަނީ ހަމައެކަނި އަނބިންނެއްވެސް ނޫނެވެ. ވިސްނުންތެރި ފިރިންވެސް އެގޮތަށް ކަންތައް ކުރެއެވެ. މިކަމުގައި މައްސަލައަކަށް ދިމާވާ ކަމަކީ މިގޮތަށް ކަންތައް ކުރާނަމަ އެއީ ބައިވެރިޔާ ދެކެ ބިރުގަތުން، ދަށުވުން ކަމަށް ބައެއް އެކުވެރިން ސިފަކޮށް މަލާމާތްކުރާކަމެވެ.  
ބުނަންހެއްޔެވެ؟ އެގޮތަށް ކަންކަން ކުރަނީ ބައިވެރިޔާ ދެކެ ބިރަކުން ނޫނެވެ. އަދި ދަށުވެގެނެއްވެސް ނޫނެވެ. ދެމަފިރިންގެ މެދުގައި ލޯބި އިތުރުކުރުމަށެވެ. ތިމާ ކުރަން އުޅޭ ކަންކަން ބައިވެރިޔާއަށް ކުރިއާލައި އެންގުމަށެވެ. އަދި ބައިވެރިޔާގެ ރުހުން ލިބިގެން އެކަންކުރުމަށެވެ. ދެމަފިރިންގެ މެދުގައި މިފަދައިން ކަންކަން ކުރެވޭނަމަ ޖެހޭ މައްސަލަތައް ބޮޑުތަނުން މަދުވާނެއެވެ.  
މިޘާލަކަށް ފިރިމީހާ ގެއަށް އައިއިރު އަނބިމިހާ ގޭގައި ނެތީއެވެ. އެގަޑީގައި ބޭރަށްދާނެކަން ކުރިން އެނގިފައި ނެތްނަމަ ކިތަންމެ ރަނގަޅު ފިރިއެއްގެ ހިތުގައިވެސް ސުވާލުތަކެއް އުފެދޭނެއެވެ. ކަންބޮޑުވެސްވާނެއެވެ. ކުރިން އެނގިފައި އޮތްނަމަ އެކަމަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ.  
މިހުންނަނީ އެންމެ ކުރިންސުރެ ހަރުދަނާ މީހުން ޢަމަލުކުރަމުން އައި ކަންކަމެވެ. ފަހަކަށް އައިސް ޙައްޤުތައް ގިނަވެ މީސްތަކުންގެ ވިސްނުން ބަދަލުވީއެވެ. އެއީ މާދަށު ދަރަޖައިގެ ކަންކަމަށް ޤަބޫލުކުރެވެން ފެށީއެވެ. ނަމަވެސް އަހުރެން ބުނާނީ މިއީ އެންމެ މަތީ ދަރަޖަ ކަމަށެވެ. ސަބަބަކީ އެންމެ މަތީ ދަރަޖައަކީ ދެމަފިރިންގެ މެދުގައި ލޯތްބާއި ގުޅުން އެންމެ މަތީ ދަރަޖައިގައި ބާއްވައިގެން ދިރިއުޅެވުން ކަމަށްވާތީއެވެ.
 
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ