ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ސައުދީ ފަންޑުގެ ސީއީއޯއަށް އަރުއްވައިފި
ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑުގެ ސީއީއޯ، ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލްމުރްޝިދަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އަރުއްވައިފިއެވެ. ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. ރައީސް އޮފީހުން ބުނިގޮތުގައި, ސައުދީ ފަންޑުގެ ސީއީއޯއަށް، ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް ނިންމެވީ، ސައުދީ ފަންޑުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި، ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް، ވަރަށް ފުޅާ، ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި، އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. އަދި ރައީސް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް، ސައުދީ ފަންޑުގެ ސީއީއޯއަށް ދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގެ 3 ވަނަ މާއްދާއިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ސައުދީ ފަންޑުގެ ސީއީއޯ އިއްޔެ ރާއްޖެ ވަޑައިގަތީ މުހިންމު މަޝްރޫއުތަކެއްގައި ސޮއިކުރެއްވުމަށެވެ. އެގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށާއި، އެއާޕޯޓުގެ ކާގޯ ޚިދުމަތްތައް ތަރައްގީކުރުމަށް, ރާއްޖެއަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް އެ ފަންޑުން ހަމަޖައްސަވައި ދެއްވައި, އެއްބަސްވުމުގައި ސޮއި ކުރައްވައިފައެވެ. https://sun.mv/204751 މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދާއި، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. މި އެއްބަސްވުމުގެ ދަށުން 63,750,000.00 ސައުދީ ރިޔާލު، ނުވަތަ 17 މިލިއަން ޑޮލަރު ލިބޭނެއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވިދާޅުވީ، އެ ފަންޑާއި ރާއްޖެއާ ދެމެދު ތަރައްގީގެ ބަދަހި ގުޅުމެއް މީގެ 47 އަހަރުކުރިން ފެށުނު ކަމަށެވެ. ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ޖުމުލަ 488 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑުން މިހާތަނަށް ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމްކުރުމާއި، ސިއްހީ ޚިދުމަތްތަައް ގާއިމްކުރުމަށް ދިން ލޯނުތައް ހިމެނެއެވެ. މި ދަތުރުފުޅުގެ ތެރެއިން 400 ފްލެޓް އެޅުމަށް ވެސް ޚާއްސަ ލޯނެއް ހަމަޖައްސައިދެއްވައި މިއަދު ސޮއި ކުރުމަށް ވަނީ ނިންމާފައެވެ. https://sun.mv/204725 ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އެންމެ ފުރަތަަމަ ރާއްޖެއަށް އެހީ ދިނީ 1978ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ