ބައިވެރިޔާގެ ތަނަވަސްކަމުން ވައްކަންކޮށްގެން ކުރާ ދެވަނަ ކައިވެނީގަ އުފާވެރި ދިރިއުޅުމެއް ނުލިބޭނެ! ލިބޭނީ އިތުރު އަނިޔާ!

ތަނަވަސްކަން ހުރި އަޚްލާޤް ރަނގަޅު މީހަކާއި ކައިވެނިކުރެވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެފަދަ ނިޢުމަތެއް ﷲ ތަޢާލާ ދެއްވަވައިފިނަމަ އޮތީ ޝުކުރުވެރިވުމެވެ. ޝުކުރުވެރިވުމަކީ އެމީހަކާއިއެކު ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތް ކުރުމެވެ. 
ނަމަވެސް ބައެއް އަންހެނުންނަށްވެސް އަދި ބައެއް ފިރިހެނުންނަށްވެސް ކަންކަން ކުރެވެނީ އެގޮތަކަށް ނޫނެވެ. ތަނަވަސް މީހަކާއި ކައިވެނިކުރެވި ދުވަސްކޮޅެއްވާތަނުންވެސް މާރީތި މީހަކު ފެނިދާނެއެވެ. ފެނުމާއިއެކު ކައިވެނި ރޫޅާލައި އެމީހަކާއި ގުޅެން އެބަ ބޭނުންވެއެވެ. އަދި މިކަމުގައި އެންމެ ބޮޑު އެއް މައްސަލައަކަށްވަނީ ތަނަވަސް އަނބިމީހާ ނުވަތަ ފިރިމީހާގެ ތަނަވަސްކަމުން ވައްކަންކޮށްގެން ނުަވަތަ މަކަރާ ހީލަތުން ފައިށާ ހޯދައިގެން ގޮސް އެމީހަކާއި ގުޅެން ބޭނުންވާ ކަމެވެ. މިބުނި މަގުން ކަންކަން ކުރެވޭ ކަމެވެ.  
ލޮބުވެތި އެކުވެރިންނޭވެ! އެގޮތަށް އެކަން ނުކުރާށެވެ! ބައިވެރިޔާ އާއި ވަކިވެ އެހެން މީހަކާއި ގުޅެން ބޭނުންވެއްޖެނަމަވެސް ރިވެތި ގޮތުގައި އެކަންކުރާށެވެ! ބައިވެރިޔާގެ އަތުން ޙަލާލް ނޫން ގޮތުގައި އެއްވެސް މިނަވަރެއް ލިބިނުގަންނާށެވެ! ބައިވެރިޔާއަށް މަކަރު ހެދިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެކަން ބައްލަވައި ވޮޑިގެންވެއެވެ. އެމީހަކަށް އެކަމުގެ ޖަޒާ ދެއްވަވާނެތެވެ. ގިނަ ފަހަރު ދުނިޔޭގައިވެސް ބޮޑެތި މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ.  
އެއިރުން ކުރިން އުންމީދުކުރި އުފާވެރި ދިރިއުޅުމުގެ ބަދަލުގައި އެމީހަކަށް ލިބޭނެ ދެރައާއި ހިތާމަ މާބޮޑުވާނެއެވެ. އާޚިރަތް ދުވަހު ދެއްވަވާނެ ގަދަފަދަ ޢަޛާބަށް ބިރުވެތިޥާށެވެ! ޤިޔާމަތް ދުވަހު ތިމާގެ މަންޒިލަކީ ނަރަކަ ކަމަށްވެއްޖެ މީހަކަށް ކުރަންޖެހޭނެ  ހިތާމައެއްގެ ބޮޑުކަމާއިއެވެ. ބިރުވެތިވާންވީ އެކަމަށް ނޫންހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ