ފައިންލްގެ ފުރަތަމަ ޖާގަ ނައިރަފު ޗެލްސީއަށް!

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިއަދު ހަވީރު ކުޅެފިއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކޮށްފައި ވަނީ ގްރޫޕް އޭގެ އެއްވަނަ ޓީމު، ނައިފަރު ޗެލްސީ އެސްސީ އާއި ގްރޫޕް ބީގެ ދެވަނަ ޓީމު، މާފަރު އެފްސީއެވެ. ނައިފަރު ޗެލްސީ އަކީ މިދިޔަ އަހަރު މި މުބާރާތުގެ ރަނަރަޕް ޓީމެވެ. އަދި މާފަރު އެފްސީ ވަނީ މިދިޔަ އަހަރު ވެސް ސެމީ ފައިނަލްގައި ނައިފަރާއި ދެކޮޅަށް ވާދަކޮށް ޕެނަލްޓީން ބަލިވެފައެވެ. ފުރަތަމަ ހާފް ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ހަމަހަމަ ކުޅުމެއް ފެނިފައިވާއިރު، މެޗުގެ 36ވަނަ މިނެޓްގައި މާފަރުން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ އެ ޓީމްގެ ކެޕްޓަން އައްޒާމް އަބްދުﷲ (އެޑޫ)އެވެ. ފުރަތަމަ ހާފްގައި ދެ ޓީމަށް ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ މުހައްމަދު އަފްވާން ދެވަނަ ހާފް ފެށިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނައިފަރުން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލަކީ ނައިފަރަށް ލިބުނު ޕެނަލްޓީއެއްގައި ޖައުޝަން ނަގައިދިން ބޯޅަ ނައިފަރު ޓީމްގެ ޖާޒީ ނަންބަރު ހަތަރެއް އަހުމަދު އަޝްރަފް ބޮލުން ގޯލަށް އަމާޒުކޮށްގެން ކާމިޔާބުކޮށްދިން ގޯލެކެވެ. އަދި ފުރަތަމަ ގޯލްޖަހައި ކުޑަ ވަގުތުކޮޅެއް ފަހުން ނައިފަރުން ވަނީ އިތުރު ގޯލެއް ޖަހައި ލީޑް ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު އަށެއް މަފާޒް އަބަދުލް ޝަކޫރުއެވެ. މީގެ އިތުރުން ނައިފަރުން ވަނީ ތިންވަނަ ގޯލެއް ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 30 ޕްރިންސް ބޯޑޫއެވެ. ދެވަނަ ހާފްގައި ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ދެ ޓީމަށް ވެސް ވަނީ ލިބިފައެވެ. ފައިނަލްގެ ފުރަތަމަ ޖާގަ ނައިފަރު ޗެލްސީ އެސްސީން ހޯދީ 3-1ގެ ނަތީޖާއަކުން މާފަރު އެފްސީގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީގެ ޖާޒީ ނަންބަރު ހަތަރެއް އަހުމަދު އަޝްރަފެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗް މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، މި މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމް، މާޅެންދޫ އެފްޓީ އާއި ގްރޫޕް އޭގެ ދެވަނަ ޓީމް، ވިންޑް ވޯރިއޯސް އެސްސީއެވެ. ވިންޑް ވޯރިއޯސް އެސްސީ އަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. މި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ