ޔުމްނު ވެއްޓުނު ހާދިސާ: ފުލުހުން އިހުމާލުވެފައިވޭތޯ ބަލަން ޕީޖީ އައްބާސް އަމުރު ކުރައްވައިފި ޔުމްނު ވެއްޓުނު ހާދިސާ: ފުލުހުން އިހުމާލުވެފައިވޭތޯ ބަލަން ޕީޖީ އައްބާސް އަމުރު ކުރައްވައިފި

މި ހިނގާ އޭޕްރީލް 18، ގައި އުސް އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ހިންގާ ތަހުގީގުގައި ފުލުހަކު އިހުމާލުވެފައިވޭތޯ ބަލައި ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް މިއަދު އަމުރު ކުރައްވައިފި އެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ތަހުގީގު ކުރާ އޮފިސަރަކު އިހުމާލުވެފައިވޭތޯ ނުވަތަ އިޖުރާއަތްތަކާ ހިލާފަށް އަމަލުކޮށްފައިވޭތޯ ބަލަން ފުލުސް އޮފީހަށް އަންގާފައިވާނެ ކަމަށެވެ.
"މި މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން މިހާތަނަށް އެއްވެސް އިހުމާލެއް އަދި އިޖުރާއަތްތަކާ ހިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، އެ މައްސަލައިގައި ހިމެނޭ ދެ މީހަކު ކުޑަކަމުދާތަކެތި ދިނުމަަށް އިންކާުރު ކުރުމުން ވެސް އަޅައިނުލާ ދޫކޮށްލާފައިވާތީ އެފަދަ މައްސަލަތަކުގައި ފިޔަވަޅު އަޅަން ވެސް ޕީޖީ އަމުރު ކުރެއްވި އެވެ.
"މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރި ބައެއް މީހުން، މަސްތުގެ ހާލަތުގައި ތިބިކަމަށް ތުހުމަތުކުރެވުނު ނަމަވެސް، އެމީހުންގެ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ، ކުޑަކަމުދާތަކެތި ނެގުމުގައި ގާނޫނީ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ފާހަގަކޮށްފައިވާތީ، ގާނޫނީ އުސޫލުތަކުގެ ތެރެއިން މީހަކަށް ކުޑަކަމުދާތަކެތި ދޭން އަންގައި، އެތަކެތި ނުދީފިނަމަ، ކުޑަކަމުދާތަކެތި ދޭން އިންކާރުކުރުމުގެ މައްސަލައެއް ގޮތުގައި އެކަން ތަހުގީގު ކުރުމަށް މި އޮފީހުން އަންގާފައިވާނެ،" އެ ބަޔާނުގައިވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ރައުދު އަހުމަދު، 21، އެވެ. އެއީ ހ. ފެންޓެނޯއީގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު އިރު އޭނާއާއެކު އުޅުނު މީހާ އެވެ. ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ފުލުހުން ފުރަތަމަ ބުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައި ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުމެއްވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް އޭނާއަށް ބެލެވޭ ކަމަށް މީހެއް ކައިރީ ރައުދު ބުނެފައިވާ ކަމަށް ވެސް ފަހުންް ކޯޓުގައި ފުލުހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ