ގޫގުލްގެ 'ޖީ' އަކުރަށް ނެގީ ށ. އެރިޔަދޫ

އިއްޔެއަކީ ދުނިޔޭގައި ފާހަގަކުރާ އާތު ޑޭ އެވެ. މި ދުވަހަށް ގޫގުލްއިން ތައްޔާރުކުރި ޑޫޑުލް ހާއްސަކުރީ ދުނިޔޭގެ ގުދުރަތީ ތިމާވެށިން ހޮވާލެވުނު ސަރަހައްދުތަކަށެވެ. ގޫގުލް އެ ނަމުގައި ހިމެނޭ އަކުރުތައް ސިފަވާ ގުދުރަތީ ރީތި މަންޒަރުތަކެވެ.
ގޫގުލްގެ ނަން ފެށޭ ކެޕިޓަލް ޖީ އަކުރަށް މިފަހަރު ހިޔާރުކުރީ ށ. އަތޮޅުގައި އޮންނަ ރީތި ފަޅުރަށެއް ކަމަށްވާ އެރިޔަދޫ އެވެ. މި ރަށް އުފެދިފައި އޮންނަ ގޮތުން ސިފަކުރެވެނީ އިނގިރޭސި ބަހުގެ ކެޕިޓަލް ޖީއެއް ހެންނެވެ. އެހެންކަމުން ގޫގުލްގެ ނަން ފެށޭ އަކުރަށް އިއްޔެ ހޮވީ އެރިޔަދޫ އެވެ.
ގޫގުލްއިން ބޭނުންކުރި އެ ރަށުގެ ފޮޓޯ އަޖައިބެއްހާ ރީއްޗެވެ. ރަށު ވަށައިގެން ކަހަލަ ގޮތަކަށް ހުދު ވެލިގަނޑެވެ. މޫދު ތިލަ އެވެ. ކަނޑުގެ ގަދަ ނޫކުލަ، ރަށުގެ ފަރާ ހިސާބަށް ނިމި، ރަށުގެ ގުރުދަތީ މާހައުލު ފެށެނީ ވެސް އަޖައިބެއް ކަހަލަ ކުލަތަކުންނެވެ.
ރާއްޖޭގެ ތަފާތު ރީތި ކަމަކީ މި އެވެ. 
ގޫގުލްގެ ދެ އޯގެ ތެރެއިން އެއް އޯ ނެގީ ފްރާންސްގެ ފަރުބަދަމަތީގައި އޯގެ ބައްޓަމަށް ދެމިގެން ގޮސްފައި އޮތް ކޯރެކެވެ. ދެވަނަ އޯކަރު ހާއްސަކުރީ ކެނެޑާގެ ކިޔުބެކްގެ ޖަންގަލީ ސަރަހައްދުގެ ބައެކެވެ. 
ދެވަނަ ޖީ އަކުރުގެ ބައްޓަން ގެނެސްދިނީ އާޖެންޓީގެ ފަރުބަދަމަތީ ކޯރެއް ދެމިގެން ގޮސްފައި އޮތް ހިސާބެއްގެ ފޮޓޯއެކެވެ.
އެލް އަކުރު ހާއްސަކުރީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޔޫޓާއަށެވެ. އެ ސްޓޭޓްގައި ހިމެނޭ އުސް ފަރުބަދަތަކެއް އެލް އަކުރަކަށް ދެމިގެން ގޮސްފައިވާ މަންޒަރެވެ.
އީ އަކުރުގެ ބައްޓަމަށް ފެންނަނީ އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ އެކަހެރި ރަށެކެވެ.
މިދިއަ އަހަރު އާތު ޑޭއަށް ގޫގުލްއިން ތައްޔާރުކުރި ޑޫޑުލްގައި މޫދުގެ ސަރަހައްދަށް ހާއްސަކުރީ ތުރުކީގެ ރަަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ