ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި' ލޯނަށް ހުށަހަޅާއިރު، މާލޭ ސިޓީ ކައުންސިލުން ފާސްކުރާ ކުރެހުން ނެތަސް، އެ ސްކީމުގެ ދަށުން ލޯނަށް ކުރިމަތިލެވޭގޮތަށް އުސޫލަށް ބަދަލު ގެނެސްފި އެވެ.
ވީ ކިހިނެއް؟- ގެދޮރު އަޅަން ބިން އޮވެ، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އިމާރާތް ނުކުރެވި ތިބި މީހުންނަށް ދޭ އެހީއެއްގެ ގޮތުގައި މި ސްކީމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު ނިންމާފައި އޮތީ، ލޯނަށް ކުރިމަތިލާއިރު ސިޓީ ކައުންސިލުން ފާސް ކުރާ ކުރެހުމެއް ހުށަހަޅާށެވެ.
ބުނީ ކީކޭ؟- ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވި ގޮތުގައި އެގޮތަށް ކުރެހުން ހުށަހެޅުމަށް އަންގާފައިވަނީ ބޭންކުތަކުން ބޭނުންވާތީ އެވެ. އެކަމަކު، ކައުންސިލަށް ކުރެހުން ހުށަހަޅައިގެން އެ ފާސްކުރަން ވަރަށް ވަގުތު ނަގާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، މިހާރު ނިންމާފައިވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި ކައުންސިލުން ފާސްކުރާ ކުރެހުން ނެތް ނަމަވެސް، އިންޖިނިއަރުން ނޫނީ އާކިޓެކްޓްގެ ސްޓޭމްޕް ޖަހާފައިވާ ކުރެހުން ވެސް ހުށަހެޅޭ ގޮތަށެވެ.
އަދި އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު، ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މި ލޯނަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ކައުންސިލްގެ ކުރެހުން ނެތަސް ހިޔާވަހި ލޯނަށް ހުށަހެޅޭގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ