އާރްޓީއެލް ފެރީގެ ޚިދުމަތަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތަށް 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި، އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ މުޅި ރާއްޖެ ފެރީގެ ނިޒާމަކުން ގުޅާލުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް ފެށި ޚިދުމަތެކެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކޮށްފައި ވަނީ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަލަ ސުބްރަމާނިއަމެވެ. އެމްއޯޔޫގައި ސޮއިކުރައްވައި، މިނިސްޓަރު ޚަލީލް ވިދާޅުވީ، މި އެހީގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ. އަދި، ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ޚަލީލް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އާރުޓީއެލްގެ ފެރީތަކެއް: އެޚިދުމަތަށް އިންޑިއާ ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމާފައި --- ފޮޓޯ: މާހިލް އާތިފް މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވަނީ މަޝްރޫއާ ގުޅުވައި ވާހަކަދައްކާވަފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމުކުރެވޭނެ ކަމަށާއި ރަނގަޅު ފެންވަރުގެ އުޅަނދުތައް ގަނެވޭނެކަން އަމީން ފާހަގަކުރެއްވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އަމީން ގަބޫލުކުރައްވައެވެ. މީގެ އިތުރުން، މި އެއްބަސްވުމާ ގުޅިގެން ސަފީރު ބަލަ ސުބްރަމާނިއަމް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީ އިންޑިއާގެ އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އާރުޓީއެލްގެ ފެރީތަކެއް: އެޚިދުމަތަށް އިންޑިއާ ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް ނިންމާފައި --- ފޮޓޯ: މާހިލް އާތިފް މުޅި ރާއްޖެ ހަ ޒޯނަކަށް ބަހާލައި ބައެއް ޒޯންތަކުގައި ހިމެނޭ ރަށްތަކަށް ކަނޑައެޅޭ ތާވަލެއްގެ ދަށުން މިހާރުވެސް އަންނަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ދެމުންނެވެ. އެ ޚިދުމަތްދޭ އަތޮޅުތަކުގެ ތެރޭގައި ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅުގެ އިތުރަށް އަރިއަތޮޅު ހިމެނެއެވެ. https://sun.mv/198510 އަމާޒަކީ މިއަހަރުގެ ނިޔަލަށް މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރާއްޖެ އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް، ދެމެހެއްޓެނިވި ގޮތެެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރަށް ވުރެ އަގުތައް ބޮޑުކުރަން ޖެހޭ ކަމަށް މިނިސްޓަރު އަމީން ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ