މޫޑީސް އިން ރޭޓިން ދެމެހެއްޓި އެއް ސަބަބަކީ ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިސްލާޙުތަކާއި ބޭރު ފައިސާ އިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމެވެ.
ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އެޖެންސީ ކަމަށްވާ ހޮންކޮންގެ މޫޑީސް ރޭޓިން އިން ތައްޔާރުކޮށްފައިވާ ޕީރިއަޑިކް ރިވިއުއިން ރާއްޖެ ދިގު މުއްދަތުގެ އިޝުއާ ރޭޓިން Caa2 ގައި ދަމަހައްޓައިފި އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން، އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ލިބި، ދައުލަތުގެ ދަރަނި އިތުރުވެގެން ދިޔަކަން، މޫޑީސް އިން މިމަހުގެ އަށެއްގައި ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު އެކުލަވާލި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް، ޓޫރިޒަމް އަލުން ކުރިއަރައި އިގްތިސޯދު ރަނގަޅުވަމުން އައިސްފައިވައިކަމާށާއި މިކަމުން ދައްކުވައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވާދަވެރިކަމާއި އިޤްތިސާދު ކުރިއެރުމުގެ ފުރުސަތުތައް ރަނގަޅުކަމެވެ. މީގެ އިތުރުން އޮކްޓޯބަރު 2024 އިން ފެށިގެން ބޭރު ފައިސާގެ ރިޒާވް އިތުރުވަމުން އައިސްފައިވާކަން މޫޑީޒް އިން ފާހަގަކުރައްވާ، މިއީ ބޭރުގެ މާލީ އިދާރާތަކުގެ އެހީތެރިކަމާއި އަދި ބޭރު ފައިސާއާ ގުޅޭ ސިޔާސަތުތަކަށް ގެނެވުނު އިސްލާޙުތަކާއި ބޭރު ފައިސާ އިން ލިބޭ ދައުލަތުގެ އާމްދަނީގެ ސިޔާސަތުތައް ތަންފީޒުކޮށްފައިވުމުގެ ނަތީޖާކަމަށް ބަޔާންކޮށްފައިވެ އެވެ.
މޫޑީޒް އިން ދެކޭ ގޮތުގައި ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް ބޭރުގެ ދަރަނި އަދާކުރުމެވެ. މިއާއެކު އެމެރިކާގެ އިޤްތިސާދީ ސިޔާސަތުތަކާ ގުޅިގެން މާލީ ބާޒާރަށް އޮންނަ ޔަގީންކަން ދަށްވެފައިވުމާއެކު ބައިނަލްއަޤްވާމީ މާކެޓުން ފައިނޭންސިން ހޯދުމަށް ހުރި ގޮންޖެހުންތައް ވެސް މި ރިވިއުގައި ފާހަގަކޮށްފައިވެ އެވެ.މޫޑީޒް އިން ރޭޓިން ދަމަހައްޓަން ނިންމާފައިވާއިރު ދިވެހިރާއްޖެ އިން ދަނީ ދައްކަންޖެހޭ ދަރަނިތައް ޤަވާއިދުން ދައްކަމުންނެވެ. އެގޮތުން ބޭރުގެ ފަރާތަކުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނެއް މި އަހަރުގެ މާރިޗް މަހު އަނބުރާ ވަނީ ދައްކާފަ އެވެ.
މޫޑީސް އިން ރާއްޖޭގެ ރޭޓިން އެންމެފަހުން ދަށްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އެފަހަރު ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރީ ސީއޭއޭ1 އިން ސީއޭއޭ2 އަށް ދަށްކުރި އެވެ. އޭގެފަހުން ނެގެޓިވް އައުޓްލުކެއްގައި ހުރިނަމަވެސް ރޭޓިން ދަށްކޮށްފައެއް ނުވެ އެވެ. އެފަހަރު ނިންމުން އައިސްފައިވާ އެއް ސަބަބަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. އެގޮތުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް)ގައި ހުރި ފައިސާ ހިމަނައިގެންވެސް ރިޒާވް ދަށްކަމަށާއި، ބޮޑުތަކުން ރިޒާވްގެ ހާލަތު ރަނގަޅުވުމުގެ ފުރުސަތު އޮތީ ކުޑަކޮށް ކަމަށް މޫޑީސް އިން ބުނެ އެވެ. ނަމަވެސް ސަރުކާރުން މި އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާ ކުރަން ފެށުމުން ރިޒާވް ދަމަހައްޓަން ވަނީ ބޮޑު ބާރެއް ލިބިފަ އެވެ. އޭގެފަހުން މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްނުކޮަށް ސީއޭއޭ2ގައި ދަމަހައްޓާފައިވ އެވެ. އެންމެފަހން މޫޑީސް އިން ނެރުނު ރޭޓިންއާ ބެހޭ ގޮތުން ސަރުކާރުން ވަނީ މުސްތަގުބަލުގެ އަންދާޒާއާ ގުޅިގެން ފާހަގަކުރި ހިރާސްތައް ކުޑަކުރުމަށްޓަކައި ރާވާފައިވާ މާލީ އިސްލާހުތައް ތަންފީޒުކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ. ސަރުކާރުން ފަހުން ވަނީ މާލީ އިސްލާހު ގެންނަ ގޮތް ބަދަލުކޮށް ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ. މީގެ ނަތީޖާ ބަޖެޓުގެ ނަމްބަރުތަކުންވެސް މިހާރު ފެނެ އެވެ.، ކްރެޑިޓް ރޭޓިން ބަދަލުކުރުމާ ގުޅިގެން އެންމެފަހުން ފިނޭންސް މިނިސްޓްރީން އެފަަހަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޫޑީސްގެ ނިންމުމުން ރިވެލިވަނީ ދޭދޭ ގައުމުތަކުން ފައިސާ ހޯދުމުގައި ލިބުނު ކާމިޔާބީއާއި އެމްއެމްއޭއިން ތައާރަފުކުރި ބޭރު ފައިސާގެ ގަވާއިދާއި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުގެ ހެޔޮ އަސަރު ކަމަށެވެ. އެގޮތުން މޫޑީސްގެ ފިޔަވަޅަށް ބާރު ލިބުނީ އެމްއެމްއޭއިން ރިޒާވް ބޭންކު އޮފް އިންޑިޔާއާއެކު ހެދި ކަރަންސީ ސްވޮޕުގެ ސަބަބުން ބޭރު ފައިސާއަށް އޮތް ޕްރެޝަރު ކުޑަވުމާއި، ފޮރިން ކަރަންސީ ގަވާއިދަށް ގެނައި ބަދަލުން ޓޫރިޒަމް ވިޔަފާރިތަކުގެ އާމްދަނީ ބޭންކުތަކަށް ޖަމާކޮށް މިންވަރެއް މާރުކުރުމުން ބޭންކިން ނިޒާމުގައި ދައުރުކުރާ ޑޮލަރު އިތުރުވާނެކަމަށް ބެލެވޭ ބެލެވުމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ރާއްޖޭގެ ކްރެޓިޑް ރޭޓް ކުރީ 2017ވަނަ އަހަރު އެވެ. މިގޮތުން މޫޑީސް އާއި ފިޗުގައި ރާއްޖެ ރޭޓްކުރި އެވެ. މި ބަދަލާއެކު ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓްތަކަށް ރާއްޖޭގެ ވިޔަފާރީގެ ތިމާވެށީގައި ހުރި ގޮންޖެހުންތަކާއި މަންފާހުރި ކަންކަން ތިންވަނަ ފަރާތެއް މެދުވެރިކޮށް އެނގެން މެދުވެރިވި އެވެ. މިއީ އިންވެސްޓަރުންގެ ޔަގީންކަން އިތުރު ވެގެން ދިޔަ ކަމެކެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ