ޓީވީ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި މި ދެމަފިރިންގެ 16 އަހަރުވީ ކައިވެނި ރޫޅާލައިފި
ސްޓާޕްލަސްއިން ގެނެސްދެމުން އަންނަ ޑްރާމާ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"އިން މަގުބޫލުވި ލަތާ ސަބެރުވާލް އަދި ސަންޖީވް ސެތުގެ 16 އަހަރުވީ ކައިވެނި ރޫޅިފައިވާ ކަމަށް ބަތަލާ ލަތާ ސަބެރުވާލް ބުނެފިއެވެ. މި ދެ ތަރިން ކައިވެނިކުރީ 2009 ވަނަ އަހަރު ފެށި "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ޑްރާމާ ސިލްސިލާއިން ބައްދަލުވެ ދެ ތަރިންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމާ އެކުގައެވެ. ޑްރާމާ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ބަތަލާ ހީނާ ޚާން ކުޅުނު އަކްޝަރާގެ މައިންބަފައިންގެ ރޯލްއިން ފެނުނު މި ދެމަފިރިންނަކީ ސޯޝަލް މީޑިއާގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅެމުން އައި ދެ ތަރިންނެވެ. ނަމަވެސް މި ފަހުން ލަތާގެ ސޯޝަލް މީޑިއާއިން ސަންޖީވްއާ އެކު ފެނުން މަދުވުމާ އެކު ދެ ތަރިންގެ ގުޅުން ރަނގަޅުތޯ ވެސް ގިނަ ބަޔަކު ވަނީ އަހާފައެވެ. ލަތާ ސަބެރުވާލް އަދި ސަންޖީވް ސެތު ޑްރާމާ ސީރީސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓީވީ ލަތާ އާއި ސަންޖީވްގެ ގުޅުމާ ގުޅޭގޮތުން އާންމުން އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފެށުމުން ބަތަލާ ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ދެ މީހުން ވަކިވެފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ. އެ ނިންމުމާ ގުޅޭގޮތުން އެއްވެސް މީހަކު ސުވާލު ކުރުމަށް ނޭދޭ ކަމަށާއި ސަންޖީވްގެ ދިރިއުޅުމުގައި ކުރިއަށް އަންނަން އޮތް ދުވަސްތަކަކީ އުފާވެރި ދުވަސްތަކަކަށް ވުމަށް އެދޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ހަމައެއާއެކު ދެ މީހުންނަށް ވެސް ޕްރައިވެސީ ދިނުމަށާއި ކަމުގެ ހަގީގަތް ނުބަލާ ދޮގު ހަބަރުތައް ނުފެތުރުމަށް ވެސް ލަތާ ވަނީ މީޑިއާ ރިޕޯޓަރުންގެ ފަރާތުން އެދިފައެވެ. ލަތާ އާއި ސަންޖީވްގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު ދަރިފުޅު ހުންނަނީ ލަތާ ގާތުގައެވެ. ލަތާ އަކީ ޓެލެޑްރާމާތަކުގެ އިތުރުން ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާއެކެވެ. އޭގެތެރޭގައި ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރުގެ ފިލްމު "ވިވާހް" ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ