ޝަރީއަތް ނިމެންދެން ބަންދު (ވާނުވާ ބަންދު)ގައި ތިބި މީހުންގެ ތެރެއިން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން އަދި ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، ބަންދަށް ލުއި ދިނުމުގެ ކަންކަން މިއަދުން ފެށިގެން ކުރިއަށް ގެންދިއުމަށް ޕީޖީ އޮފީހުން ނިންމައިފި އެވެ.
ތަފްސީލު - ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ އެކަމުގައި ބަލާނެ މައިގަނޑު ކަންކަން ހިއްސާކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުން
މިއީ ފުލުހުންނާއި ކަރެކްޝަންސް މެދުވެރިކޮށް ހަދާ އެސެސްމަންޓެއް
މި އެސެސްމަންޓުގައި ބަންދަށް ލުއި ދެވޭ މީހުން މޮނީޓާ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާންކުރާނެ
އެ އެސެސްމަންޓު ތައްޔާރުކުރާނީ ޕީޖީ އޮފީހުން އެކަމަށް އެންގުމުން ފުލުހުން
ބަންދަށް ލުއިދިނުމުގައި އަމަލުކުރާނެ ގޮތް
އެސެސްމަންޓަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ޕީޖީ އޮފީހަށް ފެންނަ ނަމަ، ބަންދު މުރާޖައާކުރަން ކޯޓަށް ހުށަހަޅާނެ
ލުއި ދެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 66 ވަނަ މާއްދާގެ (ށ)ގެ 6 ވަނަ ނަންބަރުގެ ދަށުން، ކޯޓުން ގިނަވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގައި
މި ނިޒާމުގެ ތެރެއިން ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން 1 ފަހަރު ޕީޖީ އޮފީހުން ކޯޓަށް ހުށަހަޅާނެ
ބަންދަށް ލުއި ދީފައިވާ މީހަކު އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދުކުރަން ކޯޓުގައި އެދޭނެ
އިލެކްޓްރޯނިކް މޮނީޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުން ސަބަބާ އެކު ޕީޖީ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.
އެކަމަށް އެދި ހުށަހަޅަން ޖެހެނީ 'އިލެކްޓްރޯނިކް މޮނީޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދޭން އެދޭ ފޯމެ'ވެ. ބަންދުގައި ހުންނަ މީހާގެ ވަކީލަށް، ޕީޖީ އޮފީހުގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.
އޭގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މީހުން ބަންދުކުރާ މަރުކަޒުތަކުން ވެސް އެ ފޯމު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ވާނުވާ ބަންދުގައި ތިބި މީހުންނަށް އިލެކްޓްރޯނިކް މޮނީޓަރިންގެ ލުޔެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ