މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ: މިނިސްޓަރ ޝަފީޢު

މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ތަޢުލީމީ ނިޒާމުގެ ތެރޭގައި ނުތިބޭނެކަމަށާއި، މުދައްރިސުންނަށްވުރެ ބޮޑަށް މުދަރިއްސުންގެ ޤަދަރާއި ކަރާމާތް ހިފެހެއްޓޭނެ ބަޔަކު ނުތިބޭނެކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގެ މުދައްރިސުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ތަޢުލީމީ ނިޒާމުގެ ތެރޭގައި ދަރިވަރުންނަށް ވުރެ ބޮޑަށް އަޅާލުމާއި އޯގާތެރިކަން އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކެއް ނުހިމެނޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، މުޅި ތަޢުލީމީ ނިޒާމް އަދި ސްކޫލް މާޙައުލު ބައްޓަންވާންވާނީ މުދައްރިސުންނާއި ދަރިވަރުންނަށް އަމާން، ރައްކާތެރި، ކުލުނުވެރި، އަދި ހަމަހަމަކަމާއެކު އެންމެން ޝާމިލުވާ ވަށާޖެހޭ ތަޢުލީމެއް ލިބޭ މާޙައުލަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިފަދައިން އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ތަޢުލީމީ ނިޒާމުގެ ތެރެއިން ހާސިލުކުރަން ބޭނުންވާ ކާމިޔާބީތައް އިރާދަކުރެއްވިއްޔާ ހާސިލުވަމުންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މުދައްރިސުންނަށް ޝުކުރު އަދާކުރައްވަމުން، މިނިސްޓްރީން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު މުދައްރިސުންނާ މިނިސްޓަރ ހިއްސާކުރެއްވިއެވެ. އަދި ޕޮލިސީތަކާ ގުޅޭގޮތުން މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، މުދައްރިސުންގެ ނަފްސާނީ ދުޅަހެޔޮކަމާ ފަންނީ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ޕޮލިސީތަކާއި ކަރިކިޔުލަމް ތަންފީޒުކުރުމުގައާއި، ތަޢުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މުދައްރިސުންގެ ޚިޔާލު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު، ސްޓޭޓް މިނިސްޓަރ ހުސައިން ސައީދު، މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޝީފާޒް މުޙައްމަދު، މާލޭ ޒޯންގެ ކޯޑިނޭޓަރ އަބްދުލް ވަލިއްޔު އަލީ އަދި ސްކޫލް އެޑްމިނިސްޓްރޭޝަން ޑިވިޜަން ހިންގުމާ ޙަވާލުވެހުންނެވި އަލީ މުފީދު ބައިވެރިވެ ވަޑައިގަތެވެ.
 
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ