މާލޭގެ އުސް އިމާރާތެއްގެ މަތިން މިދިޔަ އޭޕްރިލް 18، ގައި ހައްވާ ޔުމްނު ރަޝީދު، 21، ވެއްޓުނު ހާދިސާގެ ތަހުގީގަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލި ރިޔާސީ ކޮމިޝަނުން އެ މައްސަލައިގައި ހިމެނޭ ރައުދު އަހުމަދު ޒިލާލްއާ ސުވާލުކޮށްފި އެވެ.
ރިޔާސީ ކޮމިޝަނުން ބުނީ ރައުދުއާ މިއަދު ބައްދަލުވެ ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ކުރަން ޖެހޭ ސުވާލުތައް އޭނާ ކޮށްފައިވާ ކަމަށެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް އެ ކޮމިޝަނުން ނުދެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އެ މައްސަލައިގައި ހިމެނޭ ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރިލް 24، ގަ އެވެ. އޭގެ ފަހުން އޭނާގެ ބަންދުގެ މުއްދަތު ތިން ފަހަރެއްގެ މަތިން ވަނީ އިތުރުކޮށްފައެވެ.
އިތުބާރު ހުރި މަސްދަރަކުން އަދަދު އަށް ޔަގީންކޮށްދިން ގޮތުގައި މިދިޔަ ހޮނިހިރު ދުވަހު ރައުދުގެ ބަންދަށް ފަސް ދުވަސް ޖެހި މުއްދަތު މަޖިލީހުގައި އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކްރިމިނަލް ކޯޓުގައި ފުލުހުންނަށް ސާފުކޮށްދެވިފައި ނުވެ އެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި ރައުދު ހައްޔަރު ކުރީ ހާދިސާ ހިނގިއިރު މަސްތުގެ ހާލަތުގައި ހުރުމާއި، ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ވުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތް ކަމުގެ ތުހުމަތުގަ އެވެ. އޭގެއިތުރުން މިނިވަނެއްގެ ގޮތުގައި ހުރެގެން ހެކި ނައްތައިލަފާނެ ކަމަށް ވެސް ފުލުހުން އޭނާއަށް ތުހުމަތު ކޮށްފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް އަޑުއުފުލަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ އެއްވެސް މީހަކު ހައްޔަރު ނުކޮށް މައްސަލައިގެ މައުލޫމާތު ސިއްރުކޮށް އޮޅުވާލަން ފުލުހުން މަސައްކަތްކުރާކަމަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
ޔުމްނު ވެއްޓުނު ހާދިސާގައި އޭނާއަށް ލިބުނު ޒަހަމްތަކަށް މެލޭޝިއާގައި ދަނީ އިތުރު ފަރުވާ ހޯދަމުންނެވެ. އޭނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށް އާއިލާއިން ބުނެ އެވެ.
ރިޔާސީ ކޮމިޝަނުން ރައުދުއާ ބައްދަލުކޮށް ސުވާލުކޮށްފި ރިޔާސީ ކޮމިޝަނުން ރައުދުއާ ބައްދަލުކޮށް ސުވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ