ދީނުގައި ހިފަހައްޓައިގެން ތިބެ ތަގުވާވެރިކަން އިތުރުކުރަން ޙައްޖު ޚުތުބާގައި ގޮވާލައްވައިފި

އަރަފާތުގެ ބިން (5 ޖޫން 2025): މާތްﷲ ގެ ދީނުގައި ހިފަހައްޓައިގެން ތިބެ ތަގުވާވެރިކަން އިތުރުކުރުމަށާއި އެކަލާންގެ އުގޫބާތަށް ބިރުވެތިވުމަށް މިއަދު ދެއްވި އަރަފާގެ ޚުތުބާގައި މަސްޖިދުލްހަރާމްގެ ޚަތީބު އަދި އިމާމް ޝައިޚު ޑޮކްޓަރު ސާލިހު ބިން އަބްދުﷲ ބިން ހަމީދު ޙައްޖުވެރިންނަށާއި އިސްލާމީ އުންމަތަށް ގޮވާލައްވައިފިއެވެ. މަސްޖިދުއްނަމިރާގައި މިއަދު ދެއްވި ޙައްޖު ޚުތުބާ (ޚުތަބަތު އަރަފާ)ގައި ޝައިޚު ޑޮކްޓަރު ސާލިހު ބިން އަބްދުﷲ ބިން ހަމީދު ވިދާޅުވީ، އިސްލާމް ދީނުގެ ޖަވްހަރު ބިނާވެފައިވަނީ ދުނިޔެއާއި އާޚިރަތުން ދިންނެވުމުގެ މައްޗަށް ކަމުގައެވެ. ޝައިޚް ސާލިހް ވިދާޅުވީ: "اتقوا الله بفعل أوامره وترك مناهيه، فإن الله يحب المتقين، وجعل العاقبة للتقوى" މިހެންނެވެ. "ތިޔަބައިމީހުން މާތްﷲ ގެ އަމުރުފުޅާ އެއްގޮތަށް ތަގްވާވެރިވާށެވެ. އަދި އެކަލާންގެ ނަހީ ކުރައްވާފައިވާ ކަންކަމުން ދުރުވެގެންނާށެވެ. ހަމަކަށަވަރުން މަތް ﷲ ތަގްވާވެރިން ދެކެ ލޯބި ވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުންގެ ޢާގިބާ އަކީ ތަގްވާވެރިކަން ކަމުގައި ހަދާށެވެ." ޝައިޚުގެ ޚުތުބާގައި އީމާންކަމާއި އިސްލާމްކަމާބެހޭގޮތުން ވާހަކަދެއްކެވީ ޚުލާސާ ގޮތެއްގައެވެ. މިގޮތުން ވާހަކަދައްކަވަމުން އިހްސާންތެރިކަން އިސްކޮށް މުސީބާތްތަކަށް ކެތްތެރިވުމަށް މުސްލިމުންނަށް ގޮވާލެއްވިއެވެ. ތަގުވާވެރިކަމަކީ އިބާދާތުގެ އިތުރުން އަޚުލާގާއި ރިވެތި ސުލޫކާ އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އަދި، އަނެކާއަށް އިހުތިރާމްކޮށް އަނެކާގެ ހައްގުތަކަށް އަރައިނުގަތުން ކަމަށް ވެސް ވިދާޅުވިއެވެ. ޝައިޚުގެ ޚުތުބާގައި ހާލުގައި ޖައްސާގައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރުމަށް ވެސް އިލްތިމާސްކުރެއްވިއެވެ. ފަލަސްތީނުގެ ރައްޔިތުންނާއި ޚާއްސަކޮށް ޣައްޒާގެ ރައްޔިތުން އިސްރާއީލުގެ އިސްތިއުމާރާއި އަނިޔާވެރިކަމުގެ ސަބަބުން އުޅެންޖެހިފައިވާ ގިލަންވެރި ހާލަތަށް ބައްލަވާލައްވައި ޣައްޒާގެ ރައްޔިތުން އަނިޔާވެރިކަމުން ސަލާމަތްކުރުމަށް ގޮވާލައި ދުއާކުރެއްވިއެވެ. އަރަފާތުގެ ޚުތުބާއަށް ފަހު ޙައްޖުވެރިން މެންދުރުނަމާދާއި އަސްރު ނަމާދުކޮށްފައިވަނީ ޖަމްއުކޮށް ގަސްރު (ޖަމްއު ތަގްދީމު) ކޮށެވެ. އެއީ، ކީރިތި ރަސޫލާ ވެސް ޙައްޖަތުލްވަދާއުގައި އަރަފާތު ދުވަހު މެންދުރުނަމާދާއި އަސްރު ނަމާދު ކުރެއްވި ގޮތެވެ. ޙައްޖު ދުވަހުގެ ބޮޑުބައި ޢަރަފާތުގެ ބިމުގައި ހޭދަކުރުމަށް ފަހު އިރު އޮއްސޭންފެށުމުން ޙައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. މި ރެއަކީ އަޟްޙާ ޢީދުވިލޭރެއެވެ. މިރޭ ޙައްޖުވެރިން ތިބޭނީ މުޒްދަލިފާގައެވެ. މުޒްދަލިފާއަކީ އަރަފާތާއި މިނާއާދެމެދު އޮންނަ ބިމެކެވެ. އެއަށް ފަހު އަނެއްކާ ވެސް ޙައްޖުވެރިން ދާނީ މިނާއަށެވެ. އެއީ ޖަމްރާތަކަށް ހިލައުކުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ