އިސްރާއީލިއްޔާތު- ގެ ވާހަކަތައް ދޮގުކުރުމާ ތެދުކުރުމުގަ ވިސްނަންޖެހޭ ކަންކަން-

ޢާއިޝަތު ރަފާޙް ޢަލީ
 
އިސްރާއީލިއްޔާތުގައި ހިމެނޭ ވާހަކަތައް ތެދުކުރުމާއި ދޮގުކުރުމާއިމެދު ވިސްނަންޖެހޭނެ ކަންތައްތަކެއް އެބަހުއްޓެވެ. އެފަދަ ވާހަކަތައް ޤަބޫލުކުރުމާއި އަދި ދޮގުކުރުމާއިމެދު ބައެއް ކިޔުންތެރިން ސުވާލުއުފައްދާތީ އެކަމުގެ ތަފްޞީލެއްދޭން މަސައްކަތްކުރާނަމެވެ. 
اسرائیلیات އަކީ  اسرائیلیه ގެ ޖަމްޢުއެވެ. اسرائیل މި ނަން ނިސްބަތްވެގެންވަނީ ސަލާމްލެއްވި ޔަޢުޤޫބުގެފާނަށެވެ. ޤުރްއާނުގައި ބަޔާންވެގެންވާ ގޮތުގައި اسرائیل އަކީ ޔަޢުޤޫބުގެފާނަށް ކިޔޭ އެހެން ނަމެކެވެ. އާލުޢިމްރާން ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
كُلُّ الطَّعَامِ كَانَ حِلًّا لِّبَنِي إِسْرَائِيلَ إِلَّا مَا حَرَّمَ إِسْرَائِيلُ عَلَىٰ نَفْسِهِ مِن قَبْلِ أَن تُنَزَّلَ التَّوْرَاةُ ۗ قُلْ فَأْتُوا بِالتَّوْرَاةِ فَاتْلُوهَا إِن كُنتُمْ صَادِقِينَ ‎﴿٩٣﴾
توراة ބާވައިލެއްވުމުގެ ކުރިން، إسرآءيل ގެފާނު އެކަލޭގެފާނުގެ އަމިއްލަ نفس ގެ މައްޗަށް حرام ކުރެއްވި ތަކެތި ފިޔަވައި، އެންމެހާ ކާތަކެތި އެއީ، إسرآءيل ގެދަރިންނަށް حلال ތަކެތި ކަމުގައިވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، ފަހެ، ތިޔަބައިމީހުން توراة ގެނެސް އެ ކިޔައިބަލާށެވެ!" 
މި އާޔަތުގައި إسرآءيل ގެފާނު އޭ އޮތް ބަސްފުޅު ރައްދުވަނީ ޔަޢުޤޫބުގެފާނަށްކަމުގައި ޖުމްހޫރު މުފައްސިރުން ލިޔުއްވައެވެ. ޔަޢުޤޫބުގެފާނަށް ބާރަ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އޭގެ ތެރެއިން ކޮންމެ ބޭފުޅެއްގެ ފަރާތްޕުޅުން އުއްމަތެއްގެ ބަޔަކު އުފެދިގެން ދިޔައެވެ. އެބައިމީހުންނަށް ބަނީއިސްރާއީލުންނޭ ކިޔިގެންވެއެވެ. ޔަހޫދީންނާއި ނަޞާރާއިންނަކީ އެބައިމީހުންގެ ދަރިކޮޅުން އައިސްފައިވާ ބައެކެވެ. ޔަހޫދީންނަކީ މޫސާގެފާނުގެ ރިސާލަތަށް ތަބާވެ، ތައުރާތަށް އީމާންވި މީހުންނެވެ. މިހާރުވެސް ތައުރާތަށް އީމާންވާކަމަށް ބުނެ އުޅޭ މީހުންނެވެ. ނަޞާރާއިން ނުވަތަ ކްރިސްޓިއައުންނަކީ ޢިސާގެފާނަށް ތަބާވެ، އިންޖީލަށް އީމާންވި މީހުންނެވެ. ނުވަތަ މިހާރުވެސް ޢީސާގެފާނަށް އީމާންވެ އެކަލޭގެފާނަށް ކަލެއްގެ ދަރަޖަދީ އެކަލޭގެފާނަށް އަޅުކަންކުރާ މީހުންނެވެ. 
ބަނީއިސްރާއީލުންގެ އެތައް ސިފަތަކެއްގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. ކީރިތި ގުރްއާނުގައި އެބައިމީހުންގެ ވާހަކަ ބަޔާން ކުރައްވާ ﷲ ތަޢާލާ ބަގަރާ ސޫރަތުގެ 67 ވަނަ އާޔަތުން 72 ވަނަ އާޔަތައް ވަހީ ކުރައްވާފައިވެއެވެ. 
وَإِذْ قَالَ مُوسَىٰ لِقَوْمِهِ إِنَّ اللَّهَ يَأْمُرُكُمْ أَن تَذْبَحُوا بَقَرَةً ۖ قَالُوا أَتَتَّخِذُنَا هُزُوًا ۖ قَالَ أَعُوذُ بِاللَّهِ أَنْ أَكُونَ مِنَ الْجَاهِلِينَ ‎﴿٦٧﴾‏ قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌ بَيْنَ ذَٰلِكَ ۖ فَافْعَلُوا مَا تُؤْمَرُونَ ‎﴿٦٨﴾‏ قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوْنُهَا ۚ قَالَ إِنَّهُ يَقُولُ إِنَّهَا بَقَرَةٌ صَفْرَاءُ فَاقِعٌ لَّوْنُهَا تَسُرُّ النَّاظِرِينَ ‎﴿٦٩﴾‏ 
މާނައީ: "އަދި موسى ގެފާނު އެކަލޭގެފާނުގެ قوم ގެމީހުންގެ ގާތުގައި (މިފަދައިން) ވިދާޅުވިހިނދު، (ހަނދުމަކުރާށެވެ!) ތިޔަބައިމީހުން ގެރިއެއް ކަތިލުމަށް ހަމަކަށަވަރުން اللَّه، ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އެއުރެން ދެންނެވޫއެވެ. ފުރައްސާރަކުރެވޭ ބަޔަކު ކަމުގައި ކަލޭގެފާނު ތިމަންމެން ހައްދަވަނީތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. (އެފަދަ ކަންތައްކުރާ) جاهل ންގެ ތެރެއިން، (ވެވަޑައިނުގަތުންއެދި) ތިމަންކަލޭގެފާނު اللَّه ގެ حضرة ން ރައްކާތެރިކަން ލިބިވަޑައިގަންނަވަމެވެ. (67) އެއުރެން ދެންނެވޫއެވެ. އެއީ ކޮންކަހަލަ ގެރިއެއްކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. ހަމަކަށަވަރުން އެއީ، ދުވަސްވެ މުސްކުޅިވެފައިވާ ގެރިއެއް ނޫނެވެ. ޅަގެރިއެއްވެސް ނޫނެވެ. އެ ދެމެދުގެ ގެރިއެކެވެ. ފަހެ، ތިޔަބައިމީހުންނަށް أمر ކުރައްވާ ކަންތައް ތިޔަބައިމީހުން ކުރާށެވެ! (68) އެއުރެން ދެންނެވޫއެވެ. އެ ގެރީގެ ކުލައަކީ ކޮބައިކަން އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، އެކަލާނގެ وحى ކުރައްވައި އަންގަވަތެވެ. އެއީ، ހަމަކަށަވަރުން ބަލާމީހުންނަށް އުފާވެރިކަން ދެނިވި، ރީނދޫކުލައިގެ ކުލަގަދަ ގެރިއެކެވެ. (69)" 
اسرائیلیات އަކީ މިދެންނެވި ފޮތުގެ އަހުލުވެރިންގެ ކިބައިން ވާރިދުވެގެންވާ ތަކެއްޗެވެ. އިހުގެ ފަތްފުށްތަކުގައިވާ ޚަބަރުތަކާއި ވާހަކަތަކެވެ. ނަބީބޭކަލުންގެ ސީރަތުގެ ތެރެއަށް ވަރަށް ބޮޑަށް اسرائیلیات ވަދެފައިވެއެވެ. 
އިސްރާއީލިއްޔާތު ތިން ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ ޤުރުއާނާއި ސުންނަތާ އެއްގޮތްވާ ވާހަކަތަކާއި ޚަބަރުތަކެވެ.  މިފަދަ  ވާހަކައެއް ނަމަ ގަބޫލުކުރެވޭނެކަމަށް ހުރިހާ ޢިލްމުވެރީން އިއްތިފާގްވެއެވެ. ދެވަނަ ބަޔަކީ ޤުރުއާނާއި ސުންނަތާ ޚިލާފްވާ ވާހަކަތަކާއި ޚަބަރުތެކެވެ. މިފަދަ ވާހަކަތައް ގަބޫލުކުރުން ހުއްދަވެގެންނުވެއެވެ. ތިންވަނަ ބަޔަކީ އެއީ ތެދު ޚަބަރެއްކަން ނުވަތަ ދޮގު ޚަބަރެއްކަން ވަކިކުރަން ނޭނގޭ ރިވާޔަތްތަކެވެ.
އިސްރާއީލިއްޔާތާއި ގުޅޭ ގޮތުން ބައެއް އިމާމުންގެ ރަޢުޔު މިތަނުގައި ހިމަނާލާނަމެވެ. އެގޮތުން އަލްޙާފިޘް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. [ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައި ވާރިދުވެގެންވާ ފަދައިން ފޮތުގެ އަހުލުވެރިންގެ ރިވާޔަތްތަކަށް ރިޢާޔަތްކުރުން ހުއްދައެވެ.] 
އިމާމް ބުޚާރީ ގެ ރައުޔަކީ އެފަދަ ވާހަކަތައް ތެދުކުރުމެއްވެސް ނުވެއެވެ. ދޮގު ކުރުމެއްވެސް ނުވެއެވެ. އެއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘަށް ރިޢާޔަތްކޮށްފައެވެ. އެ ޙަދީޘްގައި ވަނީ އެފަދަ ރިވާޔަތްތައް ތެދުވެސް ނުކުރުމެވެ. އަދި ދޮގުވެސް ނުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ