ޢިބްރަތްތެރި ވާހަކަ: ނިކަމެތިވީމާ ދެރަކުރަން ބުނަމުން އައި ނުބައި ބަސްތަކަށް ޖަވާބުނުދީ ކެތްތެރިވި އަންހެނަކަށް އުފާވެރި ދިރިއުޅުމެއް ލިބުނު ގޮތުގެ ވާހަކަ-

ޑިގްރީއަށް ކިޔަވަން އަޅުގަނޑު މާލޭގައި ހުރީ މަންމަމެންގެ ވަރަށް ގާތް އެކުވެރި ޢާއިލެއްގެ ގޭގައެވެ. އެކަމުގެ އަގަކަށް މަހަކު 3000 ރުފިޔާވެސް ބައްޕަ އެމީހުންނަށް ދިނެވެ. އެހެންކަމާއިއެކުވެސް އެމީހުން އަޅުގަނޑު ލައްވައި ވަރަށް ބުރަކޮށް މަސައްކަތްކުރުވިއެވެ.  
ދުވާލުގެ ވަޤުތުތަކުގައި މުޅިންހެން އުޅެންޖެހެނީ މަސައްކަތުގައެވެ. ފިލާވަޅު ދަސްކުރަން ވަޤުތު ލިބެނީ ރޭގަނޑު ގޭގެ އެންމެން ކައިނިމުމުން ތަށިތައް ދޮވެހަދައިފައެވެ. އެހެން ގެއެއް ހޯދަންވެސް ވިސްނީމެވެ. ނަމަވެސް ހިތަށް އެރީ ކޮންމެ ގެއެއްގައިވެސް އުޅެންޖެހޭނީ ހަމަ މިފަދަ ގޮތަކަށް ކަމަށެވެ. އަދި މަންމަމެންގެ ގާތުގައި މިވާހަކަތައް ކިޔައިދީފިނަމަ އެމީހުން ދެރަވާނެއެވެ. ދެންދާ ގެއެއްގައި އުޅެންޖެހޭނެ ޙާލާއިމެދުވެސް ވިސްނާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކަށް އޮތީ ކެތްތެރިވެލައިގެން ހުރުން ކަމަށެވެ.  
އެގޭގެ ދެވަނަ ފިރިހެންދަރިފުޅަކީ އަޅުގަނޑާއި އެއް ޢުމުރެއްގެ ޒުވާނެކެވެ. އުޅެނީ ކައިވެނިކޮށްގެންނެވެ. އެންމެ ބޮޑަށް ފޯރަނީ އޭނާގެ އުނދަގުލެވެ. އެންމެ އަމުރުވެރި ބަސްތައްވެސް އަޑުއިވެނީ އޭނާގެ ކިބައިންނެވެ. ކޮންމެ ދުވަހަކުހެން ދެރަވެ ލޮލުން ކަރުނަ އޮހޮރަންޖެހޭ ފަދަ ބަސްތައް ބުނެއެވެ. 
2 އަހަރު ދުވަހުގެ ކޯހެކެވެ. ވީމާ ހިތްދަތިކަމުގައިވެސް އުޅެންޖެހޭނީ 2 އަހަރު ކަމަށް ބަލައި ރައްދުގައި އެއްވެސް އެއްޗެއް ނުބުނަމެވެ. އަދި އެއްވެސް މީހެއްގެ ގާތުގައި ޝަކުވާއެއްވެސް ނުކުރަމެވެ. އަޅުގަނޑު އެއްވެސް މީހެއްގެ ގާތުގައި ޝަކުވާ ނުކުރިނަމަވެސް އޭނާ ބުނާ ބަސްތަކާއި އަޅުގަނޑާއިމެދު ކަންކަންކުރާ ގޮތް އޭނާގެ ފިރިމީހާއަށް ބައެއްފަހަރު ފެންނަކަން އަޅުގަނޑަށް އެނގެއެވެ.  
އެއީ ހޮނިހިރު ދުވަހެކެވެ. ހެނދުނު އެންމެން ސައިބޮއި ނިމުނީމާ ތަށިތައް ދޮންނަން ހުއްޓައި އައިސް އެއްޗެތިގޮވަން ފެށިއެވެ. ރަށްފުށު އަންހެނަކަށްވީތީ އެއްވެސް މަސައްކަތެއް ކުރަން ނުއެނގޭނެ ކަމަށްބުނެ މަލާމާތް ކުރިއެވެ. ފާޑުފާޑުގެ ކާއެއްޗެތީގެ ނަން ކިޔާފައި ދުވަހަކުވެސް އަޑުއެހިންތޯވެސް ސުވާލުކުރިއެވެ.  
އަޚުގަނޑު އެއްވެސް ޖަވާބެއް ނުދެމެވެ. ޝުކުރުކޮށްލައިގެން ހުރީއެވެ. އެހެންހުރެ ތަށިދޮންނަމުންގޮސް ނިމެން އުޅެނިކޮށް އޭނާގެ ފިރިމީހާ އެތަނަށް އައިސް ބުނީ ކޮންމެ މީހަކީވެސް އިންސާނެއް ކަމަށާއި އެއްވެސް މީހެއްގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނެގެން ނުވާނެ ކަމަށެވެ. އޭނާގެ އަނބިމީހާއަށް ރިހާކުރު ކައްކަން ނުއެނގޭނެ ކަމަށާއި ކައްކާނެ ހިތްވަރުވެސް ނުހުންނާނެކަމަށްވެސް ބުންޏެވެ.  
އެހެންބުނާއިރަށް އަނބިމީހާ ބުނީ އަޅުގަނޑުމެން ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށެވެ. އަދި އަޅުގަނޑުގެ ދިފާޢުގައި އޭނާ ވާހަކަދެއްކީ އެހެންވެގެން ކަމަށެވެ.  
އެހިސާބުން އެގެއިން ނުކުންނަން ވިސްނަންފެށީމެވެ. އެއީ އެފަދަ ދޫނުބައި އަންހެނަކު ކޮންމެފަދަ ބޮޑު ބަދުނާމެއް ވެސް ބޮލުގައި އަޅުވައިފާނެތީއެވެ. އަޅުގަނޑުގެ ޢަބުރުގެއްލުވާލައިފާނެތީއެވެ.  
ކޮލެޖުގެ އެކުވެރި 2 ކުއްޖެއްގެ ގާތުގައި ބުނާއިރަށް އަޅުގަނޑު ބަހައްޓައިދޭން އެއްކުއްޖަކު އެއްބަސްވެއްޖެއެވެ. އެހެންވެ ޖެހިގެން އައި ހޮނހިރު ދުވަހު މެންދުރު އެގެއަށް ބަދަލުވާން ނިންމައި 11 ޖަހާއެހައިކަންހާއިރު ފޮށިހިފައިގެން ނުކުތްއިރު އެޒުވާނާ އާއި މަންމަ އާއި ބައްޕަ ސިޓިންގރޫމްގައި ތިއްބެވެ. އެމީހުން އަޅުގަނޑަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކޮށްފައި ދާން އުޅެންފެށުމުން ބަދަލުވަނީ ކީއްވެގެންތޯ މަންމަ ސުވާލުކުރިއެވެ. ނަމަވެސް އަޅުގަނޑު ޖަވާބެއް ނުދެމެވެ.  
އެވަޤު ދަރިފުޅު ބުންޏެވެ. "މަންމާއެވެ! އޭނާ ދާން އެއުޅެނީ އަހަރެންގެ އަނބިމީހާގެ ދުލުގެ ނުބައިކަމުންނެވެ. މަލާމާތާއި ފުރައްސާރަކުރާތީއެވެ. އެކަންކަން މަންމަމެންނަށް ނުއެނގުނަސް އަޅުގަނޑަށް އެނގެއެވެ. އިޞްލާޙްކުރަން ވަރަށް ގިނައިން ނަޞޭޙަތްދިނީމެވެ. ނަމަވެސް ބަދަލުނުވީއެވެ. މަރީ ނުބުންޏަސް ސަބަބަކީ އެއީކަން އަޅުގަނޑަށް އެނގެއެވެ."  
މަންމަ ބުނީ މައްސަލަ ޙައްލުކުރާނެ ކަމަށާއި ނުގޮސް މަޑުކުރުމަށެވެ. އަޅުގަނޑު ބުނީ އަޅުގަނޑުގެ ބޮލުގައި މިހާރުވެސް ވަރަށް ބޮޑު ތުހުމަތެއް އަޅުވާފައިވާ ކަމަށާއި ދެން އިތުރަށް އެގޭގައި ހުރެގެން ވާނީ ބޮޑު މައްސަލަގަނޑަކަށް ކަމަށެވެ.  
އެހެން ބުނުމުން ދަރިފުޅު އޭނާގެ އަނބިމީހާ އެތަނަށް ގެނުވައި އަޅުގަނޑުގެ ކިބައިން މާފަށް އެދެން ބުންޏެވެ. ނަމަވެސް އޭނާ ރުޅި އައިސްފައި ބުނީ މާފަށް އދެއ3ންޖެހޭނެ ވަރުގެ ކަމެއް ނުކުރާ ކަމަށެވެ. އަދި ހުރިހާވެސް މައްސަލައަކީ އަޅުގަނޑުމެން ދެމީހުން ލޯބިވެގެން އުޅޭކަން ކަމަށެވެ. 
އެހެންބުމުން ލޯބިވެގެން ދެމީހުން ކުރީ ކޮންކަމެއްތޯ މަންމަ ސުވާލުކުރީމާ ބުނީ ހުރިހާ ކަމެއް އޭނާއަށް އެނގޭކަމަށެވެ. ނަމަވެސް ކުރި އެއްވެސް ކަމެއް ބުނެއެއް ނުދެވުނެވެ. މަންމަ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ދިނީ އެ ޖަވާބެވެ.  
ވީގޮތެއް ނުއެނގުނެވެ. ކުރިން ދުވަހަކުވެސް ރުޅިއައިސްގެން އުޅޭތަން ނުފެންނަ އެޒުވާނާ ކުއްލިއަކަށް ރުޅި އަތުވެއްޖެއެވެ. އަދި ކުރިކަމެއް ނުބުނާނަމަ އަދަބުދޭނެ ކަމަށް ބުނުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ.  
ޒުވާނާ އައިސް އަޅުގަނޑުގެ ފޮށި އަތުލައި ދުރަށް ޖެއްސިއެވެ. ބުންޏެވެ. "ތިއައީ ރޮބޮޓެއް ހެއްޔެވެ؟ ނޫނީ ޕެރޮޓެއް ހެއްޔެވެ؟ އެހެންވީމާ މިވަޤުތުން ފެށިގެން އެންމެންގެ ކުރިމަތީގައި ލޯބީގެ ކުޅިގަނޑު މިފެށީީއެވެ. ތިއައިނީ ވަރިކޮށްފައެވެ. އަވަހަށް ގެއަށްދާށެވެ."  
އެހެން ބުނުމުން ބުނާނެ އެއްޗެއްވެސް ނުއެނގިފައި އަޅުގަނޑަށް އެތައް އިރަކު ހުރެވުނެވެ. ގަތް ލަދާއި ވީދެރައިން ބާރަށް ގޮސް އަޅުގަނޑު އުޅޭ ކުޑަކޮޓަރިއަށް ވަދެ ތަޅުލީމެވެ. ކޮޓަރިން ނުކުތީ ހަވީރުވީފަހުން މަންމަ އައިސް ގޮވަންފެށުމުންނެވެ.  
ކުރިން ވަރަށް މަޑުމަޑުން ހުންނަ ބަސްމަދު އެޒުވާނާ ފެނިގެންދިއައީ ވަރަށް އާދައާޚިލާފް ޒުވާނެއްގެ ގޮތުގައެވެ. އަޅުގަނޑާއި އެއްވެސް ވާހަކައެއްވެސް ނުދައްކާ ހުރެފައި އަނެއް ދުވަހުގެ ރޭ 2 އެކުވެރިން ގޮވައިގެން އައިސް މަންމަމެންގެ ޙާޒިރަށް އަޅުގަނޑު ގެންގޮސްފައި ބުނީ ރަންކިޔުމަށެވެ. އެވަޤުތު ދިއައީ ސިއްސައިގެންނެވެ. ނަމަވެސް އިރުކޮޅަކު އަނގައިން ނުބުނެ ހުރެފައި ރުހުނީމެވެ.  
ދެމީހުން ލޯބީގެ ވާހަކަ ދެއްކީވެސް ދެމީހުންގެ މެދުގައި ގާތްކަމެއް އުފެދުނީވެސް ކައިވެނިކުރިފަހުންނެވެ. ކައިވެންޏަށް މިހާރު 8 އަހަރުވެ 3 ދަރިންވެސް ލިބިއްޖެއެވެ. ބުނެވެން އޮތީ އަޅުގަނޑުގެ ފިރިމީހާ ފަދަ ރަނގަޅު ފިރިއަކު ވަރަށް މަދުވާނެ ކަމަށެވެ.  
އަޅުގަނޑަށް ކައިވެނިކުރަން މެދުވެރިވި ގޮތުގެ ވާހަކަ މިކިޔައިދިނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމަށެވެ. ފިރިމީހާގެ ފުރަތަމަ އަނބިމީހާ ފަދަ ހިތް ނުބައި، އެހެން މީހުންނަކީ މާދަށުދަރަޖައިގެ މީހުންކަމަށް ދެކޭ މީހުންނަށް ފިލާވަޅަކަށްވާނެ ކަމަށް ދެކެގެންނެވެ. އެއްވެސް ޙައްޤެއް ނެތި ދޮގު އިލްޒާމްތައް އަޅުވައި ބަދުނާމްކުރާނަމަ އެކަމުގެ ނަތީޖާ އެފަދަ ހިތިގޮތަކަށްވެސް ފެނިދާނެ ކަމަށް ބުނެލުމަށެވެ.
 
- ސަމީރާ / މިއަދުނޫހުގެ ކިޔުންތެރިއެއް
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ