ޕޮލިސް ކާރެއް ސައިކަލެއްގައި ޖެހި، ތުއްތު ކުއްޖަކު ކާރު ދަށުނުވެ ސަލާމަތްވީ ކިރިޔާ
ކުޅުދުއްފުށި ސިޓީގައި ކުޑަކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް ބާރަށް އައި ޕޮލިސް ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހު 03:50 ހާއިރުކަން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެއެވެ. މި ވީޑިއޯއިން ފެންނަނީ ތުއްތު ކުއްޖަކު ގޮވައިގެން އަންހެނަކު ސައިކަލުގައި ހަނި ގޯޅިއަކަށް އަޅައިލާ މަންޒަރެވެ. ސައިކަލުގެ ކުރީގައި ތުއްތު ކުއްޖާ އިންނަ އިރު، އޭނާ ސައިކަލު ދުއްވީ ބެލްޓެއް ނާޅުވައެވެ. ގޯޅިން އަޅައިލާ ހަމަޖެހިނުލެވެނިސް، އެ ގޯޅިން ބާރަށް ނިކުމެގެން އަންނަ ޕޮލިސް ކާރަކާޖެހި އަންހެން މީހާ ވިއްސައިގެން ދެއެވެ. އެއާއެކު ޕޮލިސް ކާރުގެ ފުރޮޅު ދަށަށްވާހެން، އަންހެން މީހާ ގޮވައިގެން އިން ތުއްތު ކުއްޖާ ވިއްސައިގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. ވެއްޓުމާއެކު ވަގުތުން އަންހެންމީހާ ތެދުވެ ތުއްތު ކުއްޖާ ބިންމަތިން ނަގައި މަގުގެ އެއްކައިރިއަށް ޖެހެއެވެ. އަދި ކާރުގައި ތިބި ދެ ފުލުހުން ކާރުން ފައިބާ އަންހެން މީހާގެ ގާތަށް ދާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ. މި ހާދިސާގައި ތުއްތު ކުއްޖާއަށާއި އަންހެން މީހާއަށް ގެއްލުމެއް ވިތޯ ބެލުމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ. މި އެކްސިޑެންޓާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ވެސް ނުލިބިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ