އެއްބަސްވުމާ ޚިލާފުވުމުން އިސްރާއީލުގެ އަސީރުން ދޫކޮށްލުން މަޑުޖައްސާލައިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ޚިލާފުވުމުގެ ސަބަބުން ހޮނިހިރު ދުވަހު މިނިވަންކުރަން ހަމަޖެހިފައިވާ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންކުރުން މަޑުޖައްސާލައިފިއެވެ. ހަމާސްގެ ހަތިޔާރު އެޅި ގޮފި، ގައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އަސީރުން އެއްބަސްވުމަށް އިސްރާއީލުން އަމަލު ކުރަންދެން އަސީރުން މިނިވަންނުކޮށް ބައިތިއްބާނެ ކަމަށެވެ. އުބައިދާ ވިދާޅުވި ގޮތުގައި ދެ ފަރާތުގެ މެދުގައި އެއްބަސްވެގެން ކުރިއަށް ގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އެތައް މާއްދާއަކާ އިސްރާއީލުން ވަނީ ޚިލާފުވެފައެވެ. އޭގެ ތެރޭގައި ގެދޮރު ގެއްލިފައިވާ ޣައްޒާގެ އާންމުން އެ ސަރަހައްދުގެ އުތުރަށް އެނބުރި ދާން ހުއްދަ ދިނުން ލަސްކުރުމާއި، އެއްބަސްވުން ތަންފީޒުކުރަން ފެށި ފަހުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވައި ބަޑީގެ ހަމަލާތައް އަމާޒުކޮށް، އެއްބަސްވެފައިވާ ގޮތުގެ މަތިން ޣައްޒާއަށް އިންސާނީ އެހީ ވައްދަން ހުއްދަ ނުދިނުން ހިމެނޭ ކަމަށް ވެސް އުބައިދާ ވިދާޅުވިއެވެ. ހަމާސްގެ އެ ނިންމުމާ ގުޅިގެން އިސްރާއީލުގެ ދިފާއީ ވަޒީރު، އިސްރާއީލް ކަޓްޒް ވިދާޅުވީ، އެ ނިންމުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މުޅިން ޚިލާފު ނިންމުމެއް ކަމަށެވެ. "ޣައްޒާގައި ދިމާވެދާނެ ކޮންމެ ހާދިސާއަކަށް ތައްޔާރަށް ތިބުމަށް އަޅުގަނޑު ވާނީ އަސްކަރިއްޔާއަށް އަންގާފައި،" ކަޓްޒް ވިދާޅުވިއެވެ. މިދިޔަ މަހުގެ 19 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން މިހާތަނަށް ފަސް ފަހަރެއްގެ މަތިން އިސްރާއީލުގެ 21 މީހުންނާއި ފަލަސްތީނުގެ 730 އަށް ވުރެ ގިނަ މީހުން މިނިވަންކޮށްފައިވެއެވެ. އަސީރުން ބަދަލުކުރުން ދެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހެވެ. އެ ދުވަހު ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއްގެ ބަދަލުގައި އިސްރާއީލުގެ އަސީރުންގެ ތިން މީހަކު މިނިވަންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަސީރުން މިނިވަންކުރުން މަޑުޖައްސާލާނެ ކަމަށް ގައްސާމް ބްރިގޭޑްސްއިން އިއުލާންކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެމެހެއްޓެނިވިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ