ރައްޔިތުންގެ މަޖިލިސް ޑިޖިޓަލައިޒްކުރުމަށް އިންޑިއާއިން އެހީތެރިވަނީ

ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަސީލަތްތައް ޑިޖިޓަލައިޒްކުރުމުގައި ރާއްޖެއަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ލޮކް ސަބާގެ ރައީސް އޯމް ބިރްލާއާއި ގައުމުގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއާމަން ޖަގްދީޕް ދަންކަރުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި އަބްދުއްރަހީމް މިއަދު ވަނީ ބިރްލާއާ ބައްދަލުކުރައްވާފައެވެ. އަބްދުއްރަހީމް ވަނީ، އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސާއި ޓެކްނޮލޮޖީ ބޭނުންކުރާ ކުރުމަށް ތައުރީފު ކުރައްވާފައެވެ. މި ބައްދަލުވުމަށް ފަހު ބިރްލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ލޮކް ސަބާއިން ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ. https://x.com/ombirlakota/status/1889251312841511205 "އިންޑިއާގެ ގާނޫނުހަދާ މަޖިލީހުން ރައްޔިތުންގެ މަޖިލީހަށް ވެވެން ހުރި ހުރިހާ އެހީއެއް ވެދޭނަން" އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އިންޑިއާގެ ލޮކް ސަބާގެ ޓްރެއިނިން އިދާރާ "ޕްރައިޑް"ގެ ފަރާތުން މަޖިލީހުގެ އޮފިސަރުން ތަމްރީނުކުރުމުގައި އެ އިދާރާގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް އޭނާގެ ޕޯސްޓުގައި ވެއެވެ. އަބްދުއްރަހީމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި މަޖިލީހުގެ ނުވަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ހިމެނެނީ: ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު އަފޫ ހާމިދު ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ހަމީދު ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ހަބީބް މި ދަތުރުފުޅަކީ އަންނަ ހުކުރު ދުވަހު ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ