ޕެރިސް (މެއި 24) - އަންނަ މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕުން ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފެނިދާނެ ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ރޮނާލްޑޯ ވަނީ ފީފާ ކްލަބް ވޯލްޑް ކަޕް (މީގެ ކުރިން ބޭއްވި ފޯމެޓަށް) ހަތަރު ފަހަރު ކާމިޔާބު ކޮށްފަ އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާ އެކު އެއް ފަހަރު އަދި ރެއާލް މެޑްރިޑާއެކު ތިން ފަހަރު އެވެ. އެކަމަކު، މި ފަހަރު ކްލަބް ވޯލްޑް ކަޕް ކުޅޭނީ މުޅިން އައު ފޯމެޓަކަށެވެ.
ސޯޝަލް މީޑިއާ ތަރި، އައި ޝޯ ސްޕީޑްގެ "ޕޮޑްކާސްޓު"ގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ރޮނާލްޑޯ ކްލަބް ވޯލްޑް ކަޕުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި، ރޮނާލްޑޯ އަންނަނީ މިހާރު ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރަމުން ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފަ އެވެ.
"ކްރިސްޓިއާނޯ ރޮނާލްޑޯ، ކްލަބް ވޯލްޑް ކަޕުން ފެނިދާނެ. އޭނާ، އަންނަނީ މިހާރު ބައެއް ކްލަބްތަކާ އެކު މަޝްވަރާ ކުރަމުން." އިންފަންޓީނޯ ވިދާޅުވި އެވެ.
ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ އަލް ނަސްރު ޓީމު ކްލަބް ވޯލްޑް ކަޕު ނުކުޅުނު ނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް އިއްތިހާދުން މި މުބާރާތުގައި ކުޅޭނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން އައި ޝޯ ސްޕީޑްގެ "ޕޮޑްކާސްޓު"ގައި އިންފަންޓީނޯ ދެއްކެވި ވާހަކަތަކާ މެދު ރޮނާލްޑޯ ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
މީގެ އިތުރުން، އިންފަންޓީނޯ ވަނީ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެެއް ޓީމެއްގައި ކުޅޭތަން ބަލަން ބޭނުންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ކްލަބް ވޯލްޑް ކަޕްގައި ކުޅޭ މޮޮރޮކޯގެ ވައިދާދް އޭސީން ވަނީ ރޮނާލްޑޯ އަށް އޮފާއެއް ހުށަހަޅައިފަ އެވެ.
ކްލަބް ވޯލްޑް ކަޕުގައި ރޮނާލްޑޯ ފެނިދާނެ: އިންފަންޓީނޯ ކްލަބް ވޯލްޑް ކަޕުގައި ރޮނާލްޑޯ ފެނިދާނެ: އިންފަންޓީނޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ