ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން މަރިޔަމް ޒީނިޔާ މިއަދު ވަކިކޮށްފި އެވެ.
ވީ ކިހިނެއް؟ - ކޮމިޝަންގެ ނިންމުންތަކަށް އެއްބާރުލުން ނުދޭތީ އާއި ކޮމިޝަނަށް އިހުތިރާމް ނުކުރާ ކަމަށް ބުނެ، އޭނާ ތިން ދުވަހަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ މިމަހުގެ 20ގަ އެވެ.
ތަފްސީލް - މަގާމުން ވަކިކޮށްފައިވާކަން އޭނާ މިރޭ 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.
ބްރޯޑްކޮމް އިން ޒީނިޔާ ސަސްޕެންޑުކުރީ އެ ކޮމިޝަންގެ މެންބަރުންނާ މެދު ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށް އެތަނުގެ މުވައްޒަފުން މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށެވެ. އެ ޕެޓިޝަންގައި ޒީނިޔާ އާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުންދާކަން ފާހަގަކޮށްފައިވެ އެވެ.
ގުޅުންހުރި ކަމެއް - އެސްޖީ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމުން އެކަމާ ދެކޮޅު ހެދުމަށް މުވައްޒަފުން މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައިވަނިކޮށް، އެ ކޮމިޝަނުގެ އައިޓީ އޮފިސަރު އަހުމަދު ފަޒީލު ވެސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވެ އެވެ.
ހަތް ދުވަހަށް އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރީ އެ ތަނުގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކަމަށް ބްރޯޑްކޮމް އިން ބުނެ އެވެ.
ބްރޯޑްކޮމްގެ އެސްޖީގެ މަގާމުން ޒީނިޔާ ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ