ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމުގެ ހައްގެއް އެކަކަށް ވެސް ނޯންނާނެ: ރައީސް
ހިތަށް އަންނަ ކޮންމެ ވާހަކައެއް ދެއްކުމާއި ލިޔުމުގެ ހައްގު އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ދިވެހީންގެ ރީތި އާދަތައް ދަމަހައްޓަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ. އެ މަނިކުފާނު އެފަދައިން ގޮވައިލެއްވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ދިވެހި ރައްޔިތުންނާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ މަނިކުފާނު އެފަދައިން ވިދާޅުވިއިރު މީޑިއާތައް 'ކޮންޓްރޯލް ކުރާ' ބިލެއް ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހަޅާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ، ގައުމު އަމާންކަމާއި ރައްކާތެރިކަމާ އެކު ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ވިސްނަންވީ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެ ގޮތުން، އެ ޒިންމާއަކީ ކޮންމެ ދިވެއްސެއްގެ ބޮލުގައި ވެސް އެޅިފައި އޮތް ފަރުދީ ޒިންމާއެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެންމެން ވެސް ގައުމިއްޔަތު ދިރުވައި އާލާކުރަން މަސައްކަތްކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "ހަގީގީ ކުރިއެރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކު ކުރަން ހުރި ކަމެއް. އަޅުގަނޑުމެންގެ ސިކުނޑި ތަރައްގީކުރުން. ގައުމިއްޔަތު އާލާކޮށް، އެހެން ޖީލުތަކަށް ގެންދިއުމުގެ މަސައްކަތް އަމިއްލައަށް ކުރުން،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހީންނަކީ ކޮންމެ ކަމެއްގައި ވެސް ގައުމު އިސްކުރާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އެ ގޮތުން، ދިވެއްސަކަށް ވީތީ ފަޚުރުވެރިވާ އެތައް ސިފައެއް މީގެ ކުރިން މި ގައުމުގައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، މައިންބަފައިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އަވައްޓެރިންނަށް އަޅާލައި އޯގާތެރިވެ، އެހީތެރިވުމަކީ ދިވެހީންގެ ދިވެހިވަންތަކަމުގެ ސިފައެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، އެ ކަންކަން މިހާރު ބަދަލުވެއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. "މިއަދު މި ފެންނަނީ އެ މަންޒަރެއް ނޫން. މިއަދު އަޅުގަނޑުމެންގެ ތެރޭގައި އަނެކާގެ އިއްޒަތާއި އަބުރާއި ޝަރަފަށް ބެލުމެއް ނެތް. ތިމާ ކުރިއަށް ދެވެނިކޮށް ނިމުނީ. ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ހިތަށް އަންނަ ކޮންމެ އެއްޗެއް ބުނެލުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށެވެ. އެ ގޮތުން، އެއްވެސް މީހަކު ކުރާ ކަމެއްގެ ސަބަބުން ނުވަތަ ބުނާ ބަހެއްގެ ސަބަބުން އަނެކާގެ މިނިވަންކަމާއި އަބުރާއި އިއްޒަތަށް އަރައިގަނެވޭ ނަމަ އެއީ ހައްގުތަކުގެ އިމުން ބޭރުވުން ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން އަނެކާގެ އިއްޒަތާއި ޝަރަފާއި އަބުރަށް އަރައިގަތުން. އެއްވެސް މީހަކަށް އޮތް ހައްގެއް ނޫންކަން ހިތަށް އަންނަ އެއްޗެއް ބުނެލުމަކީ. ހިތަށް އަންނަ ކޮންމެ އެއްޗެއް ގަލަމުން ލިޔެލުމަކީ،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، އަނެކާގެ އަބުރާއި އިއްޒަތާއި ހައްގަށް އަރައިގަތުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށެވެ. ހައްގުތަކާއި މިނިވަންކަން ވެސް ލިބެނީ އިމެއްގެ ތެރެއިންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ގޮތުން، މިސާލެއްގެ ގޮތުން ރައީސް ވަނީ ޖަލްސާގެ ބައިވެރިއަކު އެ މީހަކަށް ބޭނުން ވާހަކައެއް ދެއްކުމުގެ މިނިވަންކަން އެބައޮތް ކަމަށް ބުނެ، 'މި ތަނުގައި ބޮމެއް އެބައޮތޭ' ކިޔައި ވާހަކަދެއްކޭނެތޯ ސުވާލު އުފައްދަވާފައެވެ. އެހެންވެ، މިނިވަންކަމާއި ހައްގުތަކުގެ ބޭނުން ހިފޭނީ އަނެކާގެ ހައްގުތަކާއި މިނިވަންކަމަށް އަރައިނުގަނެ ކަމަށް ރައީސް ވިދާޅުވިއެވެ. "ސިކުނޑީގެ ބޭނުންކުރަން ޖެހޭނެ. ކޮށްގެން މި ގައުމުގެ މިނިވަންކަން، ގައުމިއްޔަތު ހިމާޔަތްކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ. މި ފަދަ މޭރުމަކުން ރައީސް ވާހަކަދައްކަވާފައިވާއިރު މީޑިއާތައް ރެގިއުލޭޓްކުރަން ސަރުކާރަށް ގިނަ ބާރުތަކެއް ލިބޭހެން ބިލެއް ހުށަހަޅައިގެން ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެ ގޮތުން، އެ ބިލާ އެކު ނޫސްތަކާއި ޓީވީތައް ހުއްޓުވާލާއި ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ލިބޭތީ ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖިލީހަށް އެ ބިލު ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލަށް ސަރުކާރުން ވަނީ ތާއީދުކޮށްފައެވެ. އެކަމަކު، ބިލާ އެކު މިނިވަން ނޫސްވެރިކަން 'މަރާލާނެ' ކަމަށް ބުނެ ނޫސްވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ