ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކެއް ބާތިލުކުރަން އެމްޑީޕީން ހައި ކޯޓަށް

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން މި ފަހުން ގެނައި ބައެއް އިސްލާހުތައް ބާތިލްކުރަން އެމްޑީޕީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ކައުންސިލްތަކަށް ދީފައިވާ ބައެއް މާލީ ބާރުތައް ހަނިވާ ގޮތަށް އިސްލާހުތަކެއް މަޖިލީހުން ފާސްކޮށް ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ވެސް އެމްޑީޕީންނާއި ގިނަ ކައުންސިލްތަކުން އެ ކަމަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ތަފްސީލް - އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފު 'ދައުރު'އަށް ވިދާޅުވީ އެ ޕާޓީން ކޯޓުގައި އެދިފައިވަނީ މައިގަނޑު ދެ މާއްދާއެއް ބާތިލްކުރުމަށް ކަމަށެވެ. އެއީ:
ކައުންސިލްގެ ދައުރުގެ ފަހު އަހަރު މާލީ ކަންކަމާ ގުޅޭ ބައެއް ކަންކަން ސަރުކާރުގެ ހުއްދަ ނުނަގައި ކުރުން މަނާކޮށްފަައި އޮންނަ މާއްދާ
އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލުގެ މިންވަރު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަ މާއްދާ
އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
އެނގުން މުހިންމު - ކައުންސިލްގެ ދައުރުގެ ފަހު އަހަރު މާލީ ކަންކަމާ ގުޅޭ މައިގަނޑު ތިން ކަމެއް، ސަރުކާރުގެ ބަހެއް ނެތި ނުކުރެވޭ ގޮތަށް ބަދަލުކުރި އެވެ. އެއީ:
ކައުންސިލް އިދާރާއަށް ނުވަތަ ކައުންސިލްގެ އޮފީހަކަށް ދާއިމީ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުން
ކައުންސިލް އިހްތިސާސްގެ ދަށުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުުރުމާއި ދިނުން
ކައުންސިލްތަކުގެ ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައި ނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފެށުން
މިހާރު އޮތް ކައުންސިލުތަކުގެ ދައުރު އަންނަ މެއި މަހަށް ހަމަވާތީ ދައުރުގެ ބާކީ މިހާރު އޮތީ ގާތްގަނޑަކަށް 10 މަހެވެ. އެހެންކަމުން، މި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، މި ދައުރުގެ ބާކީ މި އޮތް މުއްދަތު ތެރޭ މާލީ ކަންކަމާ ގުޅޭ އެ ތިން ކަމުން ކުރެ ކަމެއް ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކު އެވެ.
ބިލުގައި ދެން ހިމެނޭ އިސްލާހުތައް ކުރުކޮށް
ކައުންސިލްގެ ބޭންކް އެކައުންޓު ބަލަހައްޓަން ވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ މަތިން؛ އެކައުންޓު ސްޓޭޓްމަންޓް ހޯދަން އެދިއްޖެ ނަމަ، އެ މައުލޫމާތު ކައުންސިލުން ދޭން ވާނެ
ދައުލަތުން ކައުންސިލްތަކަށް ދޫކުރާ ފައިސާ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ އެއްވެސް ޓެކުހެއް ނުވަތަ ޔުޓިލިޓީ ބިލަކަށް ދައްކަން ފައިސާއެއް އޮތް ނަމަ، އެ ފައިސާ އުނިކުރުމަށް ފަހު، ބާކީވާ އަދަދު؛ އެގޮތަށް އުނިކުރާނީ ހަ މަސް ވަންދެން ނުދައްކާ ހުރި ފައިސާ
އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުލި ނުނެގޭނެ (މިސާލަކަށް ކަރަންޓް ހިދުމަތް ދިނުމަށް ސްޓެލްކޯ ނުވަތަ ފެނަކައަށް ދޫކޮށްފައިވާ ބިން)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ