ހުޅުމާލޭގައި ޖާގަ ތަނަވަސް ޑަޔަލިސިސް ސެންޓަރެއް ހުޅުވައިފި

ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ހިދުމަތަށް ހާއްސަކޮށް ހުޅުމާލޭގައި 30 އެނދުގެ ޑަޔަލިސިސް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - އޮރެންޖު ހިޔާ ބިލްޑިންގައި ހުޅުވި މި ސެންޓަރު ހުޅުވައިދެއްވީ އެކަމަށްޓަކައި އެ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައި ރައީސް މުހައްމަދު މުއިއްޒު އެވެ. އެއަށް ފަހު ރައީސް ވަނީ އެ ސެންޓަރު ބައްލަވާލައްވާފަ އެވެ.
ތަފްސީލް - މިއަދު ހުޅުވި 30 އެނދުގެ ޑަޔަލިސިސް ސެންޓަރަކީ ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދެމެން އަންނަ ޑަޔަލިސިސް ހިދުމަތް ފުޅާކުރުމަށްޓަކައި މިދިޔަ އަހަރު ފެށި މަޝްރޫއެކެވެ. މި ސެންޓަރުގެ ހިދުމަތް ދޭނީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުންނެވެ.
މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް އަބްދުލް ރައްޒާގު ހަލީމް މި ރަސްމިޔާތުގައި ވާހަކަަދައްކަވަމުން ވިދާޅުވީ، އޮރެންޖު ހިޔާގައި ޑަޔަލިސިސް ސެންޓަރެއް ގާއިމުކުރަން ނިންމީ، ޑަޔަލިސިސް ހޯދާ މީހުންގެ އަދަދު ގިނަވަމުން ގޮސް، ތިން ދަންފަޅިއަށް ހިދުމަތް ދިނުން ބަދަލުކުރިއިރު ވެސް ޖާގައިގެ ދަތިކަމާ އެކު ކިއޫގައި ތިބެންޖެހޭ މިންވަރު ކުޑަ ނުކުރެވުމާއި އެކަމުގައި ގިނަ އިރުތަކެއް ވަންދެން މުވައްޒަފުން އުޅެންޖެހޭތީ ހިދުމަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ.
މިއަދު ހުޅުވުނު ސެންޓަރުގައި:
ސިއްހީ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ ޒަމާނީ ފެންވަރަށް ހިދުމަތް ދެވޭނެ ގޮތަށް އިތުރު ދެ އެނދު ހިމެނޭނެ
އެކަހެރިކޮށްގެން ފަރުވާދޭންޖެހޭ ހާލަތެއްގައި އެކަން ކުރެވޭނެ އިންތިޒާމުތައް ވެސް ގާއިމުކުރެވިފައިވާނެ
ދެ ދަންފަޅިއަށް ވިޔަސް ދުވާލެއްގެ މައްޗަށް 150އެއްހާ މީހުންނަށް ހިދުމަތް ލިބޭނެ
ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ހިދުމަތްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ
"އުފަލާ އެކީގައި ދަންނަވާލަން ބޭނުންވޭ ހުޅުމާލޭގައި އަދި މާލޭ ސިޓީގައި ޑަޔަލިސިސް ހިދުމަތް ބޭނުންވެގެން އިރާދަކުރެއްވިއްޔާ ކިއުގައި ޖެހޭކަށް އެއްވެސް ބޭފުޅަކަށް ނުޖެހޭނެ،" ހަލީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑަޔަލިސިސްގެ ހިދުމަތް ދޭން ފެށީ 2012 ވަނަ އަހަރު އެވެ. އޭރު އެ ހިދުމަތް ފެށީ އެންމެ ހަތަރު އެނދުގެ ޑަޔަލިސިސް ޔުނިޓެއްގެ ގޮތުގަ އެވެ.
އޭގެ ފަހުން، 2020ގެ ނިޔަލަށް އިތުރު ހަ އެނދު އިތުރުކޮށް މިއަދާ ހަމައަށް ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ ސެންޓަރުގައި ހިދުމަތް ދެމުންދަނީ ޖުމްލަ 10 އެނދުގެ ޑަޔަލިސިސް ސެންޓަރެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ