ދިރާގު ރޯޑް ރޭހުގައި ބައިވެރިވާން ހުޅުވާލައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025ގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހާފް މެރެތަން، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު، 5 ކިލޯމީޓަރު ކޯޕަރޭޓް ޓީމް އަދި ހާފް މެރެތަން ކެޓެގަރީތަކުގެ ރަޖިސްޓްރޭޝަން ހުޅުވާލައިވެ އެވެ.
ޖުމްލަ 4،000 މީހުންނަށް ބައިވެރިވެވޭ މި ރޭހުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ތަފްސީލް - ޑީއެމްއާރްއާރަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ.
މި ދުވުމުގެ 16 ވަނަ އެޑިޝަން:
އޮންނާނީ އަންނަ 24 އޮކްޓޫބަރުވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި 
މި ރޭހަކީ ކޮންމެ އަހަރަކު ވެސް ވަނަވަނައަށް ދާ ދުވުންތެރިންނަށް ބޮޑެތި ފައިސާގެ އިނާމްތައް ލިބިގެންދާ ރޭހެއް؛ މި އަހަރުގެ ރޭހުގެ ވަނަތަކަށް ހޮވޭ ދުވުންތެރިންނަށް ޖުމްލަ 280،000ރ. ދޭން ދިރާގުން ވަނީ ނިންމާފައައި
މީގެ އިތުރުން، ޑީއެމްއާރްއާރަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. އެގޮތުންް، މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފައިސާ ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާ އިން ރާވައިފައިވާ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000ރ.ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދޭނެ 
މީގެ އިތުރުން، ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯޒްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ
ބުނީ ކީކޭ؟ - ''މި ދުވުމުގައި ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް މި އަހަރު މުޅިން އާ ރޫޓެއް ތައާރަފްކުރުމަށް ވަނީ ހަމަޖެހިފައި. މި ރޫޓަކީ ވެސް ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސާޓިފައިކޮށްފައިވާ ރޫޓެއް. އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުގެ ދުވުމުގައި ވެސް ކޯޕަރޭޓް ޓީމް ކެޓަގަރީގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދުވުމުގައި ބައިވެރިވާ ދުވުންތެރިންގެ އަދަދު އިތުރުވުން،" ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޑީއެމްއާރްއާރް މެދުވެރިކޮށް ވާދަވެރި ދުވުމާއި ގިނަ މީހުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ދުވުމުގެ ސަގާފަތް އިތުރަށް ވަރުގަދަކޮށް، ދުޅަހެޔޮ ސިއްހަތު ކުރިއެރުވުން."
ފާހަގަކޮށްލެވޭ - ޑީއެމްއާރްއާރަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޭސް ރޫޓަކާ އެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
މި ދުވުމުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ