މާދަމާއިން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ކަނޑު ގަދަވާނެ

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާ ރަނގަޅުވި ނަމަވެސް، ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބޯކޮށް ވާރޭވެހި، ކަނޑުގަދަވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާދިސާތައް ހިނގައިފައިވެއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން "ސަން"އަށް ބުނީ މާދަމާއިން ފެށިގެން މޫސުން އަލިވެ، ހޯމަ ދުވަހުން ފެށިގެން ވައި މަޑުވި ނަމަވެސް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ކަނޑު ވަރަށް ގަދަވާނެ ކަމަށާއި ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ކަނޑު ގަދަވެފައި، ދެކުނަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. މިއަދު މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް 18:00އާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ބުނެފައެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. މޫސުން ގޯސްވުމާ ގުޅިގެން އިއްޔެ އެމްއެންޑީއެފުން ވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަން ނުދޭނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި، މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނުރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އެމްއެންޑީއެފް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި: ޑިންގީއެއްގައި ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާ ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާ އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ ބާވީސް ގެސްޓުންނާއި 15 ފަޅުވެރިންނާއެކު ބ. އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާ ހަތަރު މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާ ތ. ވިލުފުށިން ހަތް މީހުންނާއެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާ އަށް 8 ދިވެހީންނާއި ހަތަރު ބިދޭސީންނާއެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނޭ އޭގެ ތެރެއިން ގައްދޫން ގެއްލުނީ 79 އަހަރުގެ ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް، އޭނާ ދަތުރުކުރި ޑިންގީ ކަނޑު އަޑިން ފެނިފައިވީ ނަމަވެސް ޒަކަރިއްޔާ ފެނިފައިނުވެއެވެ. https://sun.mv/208487 ރ. އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ. ދުވާފަރަށް އަރާފައެވެ. އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު މާލެ ގެނެސްފައިވާއިރު، ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ އެ ރަށަށް ވައްދައިފައެވެ. އެ ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދިނީ ފުލުހުންނެވެ. ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ ބުރާސްފަތި ދުވަހުގެރޭ 00:05ގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ. ހިންމަފުއްޓަށް ގެންގޮސްފައެވެ. https://sun.mv/208463 ތ. ވިލުފުށިން ނުކުތް ފަހުން ގެއްލުނު ކަމަށް ރިޕޯޓުކުރި މަސްދޯނި އެ ރަށަށް ވަދެފައިވާއިރު، މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ދިޔަވެ އަޑިއަށް ދިޔައިރު އެ ބޯޓުގައި ތިބި އެންމެން ވަނީ ސަލާމަތްތެރިކަމާއެކު ޖުލައި 10ވަނަ ދުވަހުގެ 22:52 ހާއިރު މާލެ ގެނެސްފައެވެ. އެ މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ