ފޭކު ޕްރިންސާ ގުޅޭ ގޮތުން ސުވާލުކުރަން އުޅުމުން އެހެން ކަމެއް އޮތް ކަމަށް ބުނެ މިނިސްޓަރު ހަލީލު މަޖިލީހަށް ވަޑައިނުގަތް ފޭކު ޕްރިންސާ ގުޅޭ ގޮތުން ސުވާލުކުރަން އުޅުމުން އެހެން ކަމެއް އޮތް ކަމަށް ބުނެ މިނިސްޓަރު ހަލީލު މަޖިލީހަށް ވަޑައިނުގަތް

ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. އަބްދުالله ހަލީލުއާއި ސުވާލުކުރަން އޮތް ޖަލްސާއަށް ވަޑައިނުގަންނަވަން ވަޒީރު ނިންމަވައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް މަޖިލީހަށް ހުށަހެޅުއްވި މި ސުވާލު ތާވަލުކުރީ މިއަދުގެ ޖަލްސާ އަށެވެ.
ޖަލްސާ ފަށަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަޒީރު ކޮންމެހެން ހާޒިރުވާން ޖެހޭ ރަސްމީ އެހެން މަސައްކަތެއް ކުރަން ޖެހޭ ވަގުތާއި މިއަދުގެ ޖަލްސާއަށް ހާޒިރުވާން ޖެހޭ ވަގުތާ ދިމާވާތީ، މަޖިލީހަށް ހާޒިރުވެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ.
"ވީމާ ދެން އެންމެ އަވަހަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ތާރީހެއްގައި އެ ސުވާލު އެޖެންޑާ ކުރާނެ ވާހަކަ ދަންނަވަން،" ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ކުރިއަށްދާ ވަގުތު ވަޒީރު ކުރައްވަނީ ރަސްމީ ކޮން މަސައްކަތެއް ކަމެއް ނޭނގެ އެވެ. ފޮރިން މިނިސްޓްރީގައި އެ ވަގުތު ރަސްމީ ހަފުލާއެއް، އަދި ވަޒީރު ހާޒިރުވާން ޖެހޭ ރަސްމީ ކަމެއް އޮތް ކަމަށް މައުލޫމާތެއް ނުލިބެ އެވެ.
މި މައްސަލައިގައި ހިމެނޭ ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައީ، ގަތަރުގެ ކުންފުންޏަކާ ހަދަން ހަވާލު ކުރި ފައިނޭންޝަލް ސެންޓަރުގެ ހުޅުވުމުގެ ރަސްމިއްޔާތަށް، އެ ޕްރޮޖެކްޓުގެ މޫނުމަތި ރީތި ކުރުމަށެވެ. އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ނޫންކަމަށް އޭރު ވެސް ނޫސްތަކުން ބުންޏެވެ.
މީކާއިލްގެ ސުވާލުގައި އެދިފައިވަނީ ފަހުދު އަކީ ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ މީހެއްތޯ ބެލުމަށެވެ. އޭގެ އިތުރުން، ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރިނުވީ ކީއްވެގެންތޯ އާއި އެ ކަމުގެ ސަބަބުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ކުރޭތޯ ބެލުމަށް މީކާއިލް ވަނީ ސުވާލު ކޮށްފަ އެވެ.
ހައްޖުގެ އަޅުކަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުގެ ވެބްސައިޓުން އެމަނިކުފާނު ފަހަދު އާއި ބައްދަލު ކުރެއްވި ހަބަރު ޑިލީޓުކުރި އެވެ.
އެ ކަމުގެ މައުލޫމާތު އެނގޭ އިސް އޮފިޝަލަކު އަދަދު އާ ވާހަކަ ދައްކަމުން ބުނީ، އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނަމުންދިޔަ މައްސަލައިގައި އެ ގައުމުން ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރި ކަމަށެވެ. އަދި އެކަން އިސްލާހުނުކޮށް، މައާފަށް ވެސް އެދިފައިނުވާތީ ސައުދީ ސަރުކާރުން މައްސަލަ ޖެއްސި ކަމަށްވެ އެވެ.
"ސައުދީ ސަރުކާރުން ހަމަ ރަސްމީކޮށް އެންގީ ހަބަރާއި ފޮޓޯ ހިމެނޭ ގޮތަށް އެކަމާ ގުޅޭ ހުރިހާ އެއްޗެއް ނަގަން،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެ އޮފިޝަލް ވިދާޅުވި އެވެ.
ސައުދީގެ ފޭކު ޕްރިންސް ރާއްޖެ އަންނަ ހަބަރު ދިވެހި ސަރުކާރުން އޮތީ ސިއްރުކޮށްފަ އެވެ. ފޭކު ޕްރިންސް އައުމާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދިޔައީ ސިއްރު ސިޓީތަކެއް މެދުވެރިކޮށެވެ. ފޭކު ޕްރިންސް ރާއްޖެ ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވީ ދެ ވަޒީރެއް ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ