ނިއުމާތުގެ ދައުރަށް ފަސް އަހަރު އިތުރުކުރަން މަޖިލީހުން ފާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމުގައި ހުންނެވި ނިއުމާތު ޝަފީގުގެ ދައުރަށް ފަސް އަހަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ނިއުމާތުގެ ދައުރު އިތުރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ. https://sun.mv/208562 މިކަމާމެދު މެމްބަރުން ދެކޭގޮތް ބެލުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 50 މެންބަރުންގެ އިއްތިފާގުން ނިންމީ، އޭނާގެ ދައުރު އިތުރުކުރަން ފެންނަ ކަމަށެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ނޮވެމްބަރު 20، 2019ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113ވަނަ މާއްދާގެ ދަށުން އުފެއްދި މަގާމެކެވެ. އެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ ޖުލައި 23، 2020ގައެވެ. އެންމެ ފުރަތަމަ އޮތީ އަންނަ ބުދަ ދުވަހު އޭނާގެ ދައުރު ހަމަވާ ގޮތަށެވެ. ނަމަވެސް ނިއުމާތުގެ ދައުރު އިތުރުކުރުމަށް މަޖިލީހުން ފާސްކުރުމާ ގުޅިގެން ދެން އޭނާގެ ދައުރު ހަމަވާނީ ޖުލައި 23، 2030ގައެވެ. ނިއުމާތު ވަނީ 1985ވަނަ އަހަރު ޕްރީ-ސްކޫލް ޓީޗިންގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރައްވައި، އޭގެ ފަހުން އެތައް އަހަރެއް ވަންދެން ޕްރީ ސްކޫލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2010ވަނަ އަހަރު އާލީ ޗައިލްޑްހޫޑްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވިއެވެ. 2013ވަނަ އަހަރު ހަމަ އެ ދާއިރާއިން ނިއުމާތު ވަނީ މާސްޓާސް ހާސިލްކުރައްވާފައެވެ. އޭނާ ވަނީ ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ޕްރޮގްރާމް ގާއިމުކޮށް، 19 އަތޮޅެއްގައި ސެންޓަރުތައް ގާއިމުކޮށް، ޓިޗަރުން ތަމުރީނު ކުރުމާއި ބެލެނިވެރިން އަހުލުވެރިކުރުމުގެ މަސައްކަތުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ. ނިއުމާތަކީ ކުޑަކުދިންނަށް ފޮތް ލިޔުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމު ވެސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ތަންފީޒުކުރަން ޖެހޭ ކަންކަން ތަންފީޒު ކުރެވޭ މިންވަރު މޮނިޓާ ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ މުއައްސަސާތައް މޮނިޓާކޮށް އިވެލުއޭޓު ކުރާ ފަރަތެކެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާ މިންވަރު ބެލުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަަސައްކަތް ކުރާ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާ ކުރުމަކީ ވެސް އޭނާގެ މަގަމުގެ މަސްއޫލިއްޔަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ