ލިސާން 05
"އަހަރެންގެ އަމިއްލަ އިޙްސާސްތަކަކީ އަހަންނަށް މިހާރު ބާރު ފޯރުވޭ އެއްޗެއް ނޫން. ރަނީމް ނުފެނިއްޖެނަމަ އަހަންނަށް ވާ ގޮތެއް ނޭނގެ. އަބަދުވެސް ބޭނުންވަނީ ރަނީމްއާއެކު ރަނީމްގެ ކައިރީގައި ހުންނަން." ނާވީ ބުންޏެވެ. އޭނާ ރަނީމް ދިޔަ ދިމާލަށް ބަލައިލިއެވެ. އޭރު ރަނީމް ގެއަށް ވަދެއްޖެއެވެ. "އިތުރު އެއްވެސް ކަމަކާ މެދު ހަމަ ވިސްނާކަށް ބޭނުމެއް ނުވޭ ދޯ." ދައިސަމް ބުނެލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ނާވީއަށް ވިސްނައިދިނުމަކީ ބޭކާރުކަމެކޭ އޭނަގެ ހިތް ބުންޏެވެ. "އަހަރެން ރަނީމް ދެކެ ލޯބިވޭ." ރަނީމް ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި ނަޒަރު ނާވީ އެހެން ދިމާލަކަށް އަނބުރައެއް ނުލައެވެ. އޭނާ ވާހަކަ ދެއްކީ ހަމަ އެ ހުރި ގޮތަށް ހުރެއެވެ. "ހިނގާ ދާން." ދައިސަމް އެހެން ބުނެލުމާއެކު ނާވީ ދައިސަމްއަށް ބަލައިލާފައި ބޯ ޖަހައިލިއެވެ. ***** ނާވީއާއި ދައިސަމްއާ ދެމީހުން ދިޔައީ، އެތަނާ މާދުރުނޫން ރަށަކަށެވެ. އެއީ ފަޅު ރަށެކެވެ. ބޮޑެތި ބިޔަ ގަސްތަކުން ފުރިފައިވީ ޖަންގަލި ނޫނީ އެ ރަށުގައި ނުވެއެވެ. ބޮޑެތި ބިޔަ ނިކަގަސްތަކާއި ބެރެބެދި ގަސްތަކާއި ކާނި އަދި ވަރުކަނދު ގަސްތަކުގެ ޚަޒާނާއެކެވެ. އޭގެ އިތުރުންވެސް ދިވެހި ރުކާއި ބިޔަކޮށް ހެދޭ ވަރަށް ގިނަ ބާވަތުގެ ގަސްތައް އެ ރަށުގައި ހުއްޓެވެ. ރަށަށް އާދެވުމުން، ދައިސަމް އޭނާ ދާންޖެހިއްޖެކަމަށް ބުނެ ދިޔުމުން ނާވީ މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާލަށެވެ. ނާވީ ގޮސް މަޑުކޮށްލީ، ބިޔަ ނިކަގަހާއި ބެރެބެދި ގަސްތަކެއްގެ ކައިރީގައެވެ. އެއަށްފަހު އޭނާ ވަށައިގެން ބަލައިލިއެވެ. ބަލާބެލުމަށް އާދައިގެ މީހަކަށް ގަސްތަކެއް ފެނުނު ނަމަވެސް ހަޤީގަތުގައި އެއީ ބިޔަ ވަރުގަދަ ކިއްލާއެކެވެ. ރީތި ގަނޑުވަރުތައް އެތަނުން ފެންނަމުން ދިޔައެވެ. އެ ބޮޑު ކިއްލާ ބަލަހައްޓަން ތިބީ ބިޔަ ބޮޑެތި ބަޔެކެވެ. އެމީހުންގެ އަތުގައި ލޮންސިއާއި ތީރުފަދަ އެއްޗެހި ހުއްޓެވެ. އެ އެއްޗެހި ހުރީ އެމީހުންގެ ހަށިގަނޑަށް ވުރެ ވެސް ދިގު ކޮށެވެ. ގަނނޑުވަރު ވަށައިގެން ހޭލަމޭލަވެ ގިނަ ބަޔަކު އުޅޭތަން ފެނެއެވެ. ނާވީ ފެނުމާއެކު ދޮރުވާނަކަށް ހުރި މީހާ އަދަބު އިޙްތިރާމް އަދާކޮށްލުމުގެ ގޮތުން ކުޑަކޮށް އިސްޖަހައިލިއެވެ. ނާވީ ބޯ ޖަހާލާފައި އެ ކިއްލާގެ ތެރެއަށް ވަނެވެ. އޭނާ ގޮސް ހުއްޓުނީ މެދުގައި ހުރި ޝާހީ ގަނޑުވަރުގެ ދޮރުމަތީގައެވެ. އެތެރެއަށް ވަނުމާއެކު، އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ، ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މެދު އުމުރުގެ އަންހެން މީހާއެވެ. އެ އަންހެން މީހާ ލާފައިހުރި މަޑުމަޑު ނޫކުލައިގެ ހެދުން ބިންމަތީގައި ކޭތެއެވެ. ބޮލުގައި އަޅާފައިވާ ފޮތިގަނޑުވެސް ހެދުމާއި އެއްވަރަށް ދިގެވެ. އިސްތަށިގަނޑު ހުޅިއަކަށް ޖަހާލާފައި ވާއިރު ބޮލުގައި ކެވެލި ގަނޑެއް ފާޑު އެއްޗެއް އަޅާފައިވާއިރު އެ ޒީނަތްތެރިކޮށްލާފައިވަނީ އަލިމަހާ އެކިކަހަލަ އަގުބޮޑެތި ޖަވާހިރުންނެވެ. ހުދު ދޮންކަމެއް ލިބިފައިވާ އެ އަންހެން މީހާވެސް އިސްކޮޅުން ދިގެވެ. އެއީ ރީތި އަންހެނެކެވެ. "ދަރިފުޅާ…" އެތެރެއަށް ވަދެގެން އައި ނާވީ ފެނުމާއެކު ދެކޮޅަށް ހިނގަ ހިނގާ ހުރި މީހާގެ ފިޔަވަޅުތައް މަޑުޖެހިއްޖެއެވެ. އޭނާ ވަގުތުން އަވަސް ފިޔަވަޅުތަކެއް ނާވީގެ ގާތަށް އަޅައިލިއެވެ. "ކޮންތާކު އުޅެފަ ތިއައީ؟ މަންމަ ހާސްވާނެ ވަރު ނޭނގޭތަ؟" ނާވީގެ ގާތަށް ހުއްޓުމަށްފަހު، އޭނަ ވާހަކަ ދެއްކިއެވެ. ނަމަކީ ޝައިސްތާއެވެ. އެއީ ނާވީގެ މަންމަ އެވެ. "ތަންތަން ބަލައިލަން ދިޔައީ…" ނާވީ ބުނެލިއެވެ. އާދައިގެ މަތީން މަޑުމައިތިރިގޮތަކަށެވެ. އޭނާއަކީ އަބަދުވެސް މައިންބަފައިންނަށް އިޙްތިރާމްކުރާ މީހެކެވެ. "އެހެންވިޔަސް ގަނޑުވަރުން ދަރިފުޅު ނުފެންނަތާ ވެސް ދެ ދުވަސްވަނީ...! ބައްޕަވެސް އިންނެވީ ހިތްހަމަނުޖެހިފަ." ޝައިސްތާ ބުނެލިއެވެ. ނާވީއަކީ ކަންތައްތައް ހޯދުމަށާއި ތަންތަނަށް ދަތުރުކޮށް އުޅޭ ހިތްވާ ޒުވާނެއްކަން އޭނާއަށް އެނގެއެވެ. އޭނާ އެކަމާ ދެކޮޅީއެއް ވެސް ނޫނެވެ. އެހެންނަމަވެސް ނާވީ ވިސްނަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ. އެމީހުންގެ އާއިލާއަކީ އެ ޝަހަރުގެ ރަސްމަތިފުށުގެ ޢާއިލާއެކެވެ. އެއީ އެމީހުންނަށް ވާރުތަވަމުން އައިސްފައިވާ ވެރިކަމެކެވެ. ވީއިރު ޝަހަރުގެ އެންމެންގެ ކުރިމަތީގައި އެމީހުން ޖެހިލުންވާ ކަހަލަ ސަޚުސިއްޔަތެއް ބަހައްޓަން ޖެހެއެވެ. އެހެން ޖިންނީން ޖެހިލުންވާ ފަދަ ބަޔަަކަށް އެމީހުން ވާން ޖެހެއެވެ. ނާވީ އަކީ އެކަހަލަ ކަންކަމާ އެއް އިރެއްގައިވެސް މާ ބޮޑަށް ވިސްނާ ފިކުރު ކުރާ ޒުވާނެއް ނޫންކަން ޚުދު ޝައިސްތާއަށް ވެސް އެނގެއެވެ. އެހާ މިނިވަންކަމާއެކު ނާވީ އުޅޭ ސަބަބަކީވެސް އެއީއެވެ. އެހެންނަމަވެސް އެއީ ނާވީ އުޅެން އެއްގޮތަކަށްވެސް އޭނާއަށް ކަމުދާ ގޮތެއް ނޫނެވެ. "ބައްޕަކައިރީ ބުނެދެއްވާ އަޅުގަނޑާ މެދު އެހާ ކަންބޮޑުވެނުލައްވަން. މަންމަވެސް އަޅުގަނޑަށް ކަމެއް ވެދާނެތީ ހާސްވެނުލައްވާ! އަޅުގަނޑަކީ މިހާރު ކުރީގެ ނާވީއެއް ނޫން. ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރަން އަޅުގަނޑަށް މިހާރު ވަނީ ދަސްވެފައި. ބައްޕައާއި ކާފަ އެކޭ އެއްގޮތަށް އެހެން ޖިންނީން، އަޅުގަނޑާވެސް ކުރިމަތިލާން ޖެހިލުން ވާކަން މަންމައަށް އެނގިލައްވާނެ. އެހެންވީމަ ތިހާ ކަންބޮޑުނުވޭ." ނާވީ އޭނާގެ މަންމަގެ ހިތްހަމަ ޖައްސައިދޭން މަސައްކަތްކުރިއެވެ. ޝައިސްތާގެ އަތުގައި އޭނާ ހިފައްޓައިލީ ލޯތްބާއެކުގައެވެ. "ބައްޕަ އެބަ އިންނެވި ކާފައާއި އެކު ނާވީގެ އިންތިޒާރުގައި…" އެހެން ބުނެލާފައި އަތުން އިޝާރާތްކޮށްލީ ބޮޑުކޮޓަރީގެ އެއްފަރާތެއްގެ ސައްލާކޮށް، މަޝްވަރާކުރަން ތިބެވޭގޮތަށް އެމީހުން ހަދާފައިވާ އަށި ތަކާ ދިމާލަށެވެ. ނާވީ އޭނާގެ މަންމައަށް ބަލައިލާފައި ގޮސް އެތަނަށް ހުއްޓި ސަލާމް ގޮވައިލާފައި ވަދެލިއެވެ. އޭރު އެތަނުގައި ތިބީ ނާވީގެ ބައްޕަ ނަމީރާއި އޭނާގެ ކާފަ އިންޖާބެވެ. "ނާވީ… ދަރިފުޅު ކޮންތާކު ތިއުޅެނީ؟" އެންމެ ފުރަތަމަ ވާހަކަ ދެއްކީ އޭނާގެ ކާފަ އިންޖާބެވެ. އިންޖާބަކީ މިހާރު އެ ޝަހަރުގެ ރަސްކަމާ ހަވާލުވެ ހުރި މީހާއެވެ. އޭނާ ރަސްކަމާ ހަވާލުވީ އުމުރުން ވަރަށް ޅައިރުގައެވެ. އިންޖާބަކީ އެމީހުންގެ މެދުގައި ހެދިފައިވާ އުސޫލުތައް ދަމަހައްޓާ އެއަށް އަމަލުކުރުމަށް ހުރިހާ ޖިންނީންނަށް އަމުރުކުރާ މީހެކެވެ. އޭނާގެ ނިންމުމާ ޚިޔާލު ތަފާތުވާ ކޮންމެ ޖިންނިއަކަށްވެސް ހަރުކަށި އަދަބު ލިބެއެވެ. އޭނާއާ ދެކޮޅަށް އެއްޗެއް ބުނަން އެ ޝަހަރުގެ ހުރިހާ ޖިންނީންވެސް ޖެހިލުންވެއެވެ. ސަބަބަކީ އިންޖާބަކީ ބާރުގަދަ މީހަކަށް ވުމެވެ. އިންޖާބުގެ ބޯވަނީ އެކީ ނުރަވެފައެވެ. އުމުރުން ދުވަސްވަމުން ދިޔަ ނަމަވެސް އަދިވެސް ހަށިގަނޑުގައި އެއްވެސް ކަހަލަ ބަލިކަށިކަމެއް ނެތެވެ. ލާފައިހުރީ ރަސްރަސްކަލުން ލާ އުޅޭ ފަދަ ބޮޑު ޖުއްބާ ފާޑު ހެދުމެކެވެ. "ތަންތަން ބަލައިލަން ދިޔައީ…" ނާވީ ޖަވާބު ދިނެވެ. އޭނާ އިށީނީ އިންޖާބު އިށީނުމަށް އޭނާއަށް ހުއްދަ ދިނުމުންނެވެ. އޭރު ނާވީގެ ބައްޕަ ނާވީއަށް ބަލަހައްޓައިގެން އިނީ ހިތްހަމަނުޖެހިފައެވެ. އެ އަސަރުތައް ދެނެގަންނާކަށް ނާވީއަކަށްވެސް އުނދަގުލެއް ނުވެއެވެ. "ނާވީއަށް ވެސް އެނގެން ޖެހޭނެ ތިހެން އަބަދު އުޅުނީމަ ކަމަކު ނުދާނެކަން. ގަނޑުވަރާ ދުރުގައި އަބަދު ތިހެން އުޅުނީމަ ބައްޕަ ހިތްހަމައެއް ނުޖެހޭ." ނަމީރު ވާހަކަ ދެއްކީ އިންޖާބަށް ބަލައިލުމަށްފަހު، އޭނާ ހުއްދަ ދިނުމުންނެވެ. "ބަރާބަރު ދެ ދުވަސްވީ ގަނޑުވަރު ތެރެއިން ބައްޕައަށް ނާވީ ނުފެންނަތާ... އެކަމާ މަންމަ ކަންބޮޑުވެލައްވާނެ ވަރުވެސް ނާވީއަށް ނުވިސްނެނީތަ؟" ނަމީރު އަނެއްކާވެސް ސުވާލުކޮށްލިއެވެ. ނާވީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާއަށް އިންޖާބަށްވެސް އަވަސް ނަޒަރެއް ދެވުނެވެ. "ބައްޕާ… އަޅުގަނޑަށް ފެންނަނީ ނާވީއަށް ގަނޑުވަރުގެ ނަމަވެސް ކޮންމެވެސް މަސްއޫލިއްޔަތެއް ދޭން. އެހެން ނޫނީ އަޅުގަނޑަށް ހިޔެއް ނުވޭ ނާވީ އެ އުޅޭ އުޅުން ހުއްޓާލާނެހެން." ނަމީރު ބުނެލިއެވެ. "ނަމީރު. ނާވީއަކީ ޒުވާނެއް. އޭނައަށް އޭނަ ބޭނުންވާ މިނިވަންކަން ދިނުމަކުން ކޮބާ މައްސަލައަކީ؟ ދުވަސްކޮޅަކުން ނަމީރު ރަސްކަމާ ހަވާލުވީމަ ދެން ނަމީރުގެ ޒިންމާތައްވެސް ނަގާނީ އޭނައޭ. އެހެންވީމަ އެހަށް އޭނަ އެ މިނިވަންކަންމަތީގައި އުޅުމުގެ ފުރުސަތު ދީ." އިންޖާބަކީ އޭނާގެ ކާފަ ދަރިފުޅު ނާވީ ދެކެ އިންތިހާއަށް ލޯބިވާ މީހެކެވެ. އިންޖާބުގެ ވާހަކައިން ނާވީގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މަންމައާއި ބައްޕަ ހިތްހަމަނުޖެހުނެއްކަމަކު ކާފަ އޭނާއާ އެއްކޮޅަށް ހުރުމުން އުފާވިއެވެ. "އަނެއްކޮޅުން އޭނައާއެކު އަބަދު ކަހަލަ ގޮތަށް އެކުވެރިޔާ ދައިސަމް އެބަ އުޅެއެއްނު. އޭނައަކީވެސް ބާރުގަދަ ޖިންނިއެއް. ޝަހަރުގެ މީހުން ޖެހިލުންވާފަދަ ބާރެއް އެ އާއިލާގެ އެހެން ޖިންނީންނެކޭ އެއްގޮތަށް ދައިސަމްއަށް ލިބިފައިވޭ. ވީއިރު އެކަމާ ކަންބޮޑުނުވޭ. ޒުވާން ދަރިފުޅަށް އިތުބާރުކުރޭ. އެ ދަރިފުޅު ތަމްރީނުކުރީ އަހަރެން އިސްވެހުރެ. އެހެން މީހުންނާ ކުރިމަތިލާ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޤާބިލުކަން މި ޒުވާން ދަރިފުޅު ނާވީގެ ގައިގަ ހުންނާނެ." އިންޖާބު ފަޚުރުވެރިކަމާއެކު ބުންޏެވެ. އެއާއެކު ނަމީރު ބޯ ޖަހައިލިއެވެ. އިންޖާބާ ދެކޮޅަށް އެއްޗެއް ބުނުމަކީ އޭނާ ކުރާނެ ކަމެއް ނޫނެވެ. އެގޮތް އޭނާއަށް ކަމު ނުދިޔަ ނަމަވެސް އިތުރު އެއްޗެއް ނުބުނީ އެހެންވެގެންނެވެ. ނާވީ އެތަނުން ނުކުތްއިރު، މާމަ ބަތީލާ ހުރީ މަންމަ ޝައިސްތާ ކައިރީގައެވެ. އެ ދެމީހުން ތިބީ ކޮންމެވެސް ވާހަކައެއްގައެވެ. ބަތީލާ ވެސް ލާފައިހުރީ ޝައިސްތާ ލައިގެން ހުރި ފަދަ ހެދުމެކެވެ. އެހެންނަމަވެސް އެ ހެދުން ހުރީ ކަޅުކުލައިގައެވެ. ނާވީއަށް ބަތީލާ ފެނުމާއެކު އެ ދިމާލަށް ދިޔައެވެ. ބަތީލާ ނާވީގެ ގައިގައި ބައްދާލާފައި ސަލާމްކޮށްލިއެވެ. "ޝައިސްތާ. އަހަރެންގެ މި މާމަ ދަރިފުޅާ މެދު ކަންބޮޑުވާނެކަމެއް ނެތް. އޭނައަކީ މިހާރު ފުރިހަމަ ޒުވާނެއް. އެހެން މީހުން ޖެހިލުންވާފަދަ މީހެއް." ބަތީލާ ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ފުޅާ ހިނިތުންވުމެއް ވެއެވެ. ނާވީއާ މެދު އިންޖާބެކޭ އެއްގޮތަށް އޭނަވެސް އިންތިހާއަށް ފަޚުރުވެރިވެއެވެ. ރޭ ވަންދެން ގަނޑުވަރުތެރޭގައި ނާވީ އުޅުނެވެ. އޭނާ ގެއިން ނުކުތްއިރު ދުނިޔެމަތީގައި ވަނީ ކަޅު ހިޖާބެއް އޮޅާލާފައެވެ. ދައުރުވަމުން ދިޔަ ވިލާތައް އެއްފަރާތް ވެލުމާއެކު، ހަނދުވަރުގެ ރިހިއަލިން ދުނިޔެމަތި އުޖާލާކޮށްލައިފިއެވެ. އެއާއެކު އުޑުމަތިން ކަޝްފުވެގެން ދިޔަ ތަރިތައްވެސް ހީވީ، ކުދިކުދި ޖަވާހިރުތަކެއް ފަދައިންނެވެ. ނާވީ ގޮސް ފޭބީ، ގޮނޑު ދޮށަށެވެ. އެއީ ހިމޭން މާހައުލެކެވެ. ރާޅުތައް ބީއްސާލާ އަޑު ނޫން އެހެން އަޑެއް މުޅި މާހައުލުގައިވެސް ނުވެއެވެ. ސިހުން ލިބި ނާވީއަށް ފަހަތް ބަލައިލެވުނީ ދައިސަމްގެ އަޑު އިވުމާއެކުގައެވެ. "އަނެއްކާ މިރޭވެސް ދަނީތަ؟" ހިނގުން މަޑުޖައްސައިލުމާއެކު ނާވީ އެނބުރިލިއެވެ. އޭރު ދައިސަމް ހުރީ އޭނާއާ ފަސްވަރަކަށް ފޫޓު ދުރުގައެވެ. "ދައިސަމް. މިރޭ އަހަރެން ނުހުއްޓުވާ… އަހަރެން މިއައީ ރަނީމްއަށް ވަޢުދެއްވެފަ. އަހަރެން މިރޭ އޭނާއާ ބައްދަލުކުރަން ދާން ޖެހޭނެ." ނާވީ ބުންޏެވެ. "ތި ގޮތް ދޫނުކުރުމުގެ ސިފަ އަކީ ކަލޭ ކުޑަ އިރުއްސުރެ ކަށީގައި ހަރުލާފަ ހުންނަ ސިފައެއް. އަހަރެން ކަލެއަށް ކިތަންމެ ވަރަކަށް ހުރަސް އެޅިޔަސް ކަލޭ ބޭނުންވިއްޔާ ދާނެ. އެކަން އަހަންނަށް އެނގޭ. އެހެންވީމަ ކަލޭ ހުއްޓުވުމަކީ ބޭކާރުކަމެއް." ދައިސަމް ބުންޏެވެ. ނާވީ ބޭނުންކަމެއް ކުރާނެކަމެއްކަން ދައިސަމް އަށް އެނގެއެވެ. ނާވީ ހުއްޓުވަން ބޭނުންވިޔަސް އެކަމަށް އެކަން ކުރުމަށް އުޒުރުވެރިވީ އަމިއްލައަށް ވެސް އެއީ ބޭކާރުކަމެއްކަން ވިސްނޭތީއެވެ. "އަހަންނަށް އޭނަ ދެކެ ލޯބިވެވުނީ ގަސްތަކު ނޫން. އޭނަ ނުބުންޏަސް އަހަންނަށް އެނގޭ، އޭނަގެ ހިތުގައިވެސް އަހަންނާ މެދު އިޙްސާސްތަކެއް ވާކަން. އެހެން ނޫނީ އަހަރެން ނުދިޔަ ދުވަސްތަކުގައި އޭނަ އަހަރެން ހޯދާކަށް އެތަނަކަށް ނުދިޔައީސް." ނާވީ ބުންޏެވެ. ރަނީމްގެ ހަނދާންތައް އާވުމުން އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. "އޭނަގެ ހިތުގައި އިޙްސާސްތަކެއް ވިޔަސް ނުވިޔަސް، އެމީހުންގެ ދުނިޔޭގައި އެއަށް ކިޔަނީ ކީކޭކަން ވެސް އަހަރެން ކަލެއަށް ކިޔައިދިނިން. ބުނެދިނިން…ތިފަދަ ކޮންމެ ގުޅުމެއް ނިމެނީ ހިތިގޮތަކަށްކަން ހަނދުމަ ނައްތާނުލާތި." ދައިސަމް ބުންޏެވެ. އެ އަޑު އަހަން ހުރެފައި ނާވީ އޭނާއަށް ބަލައިލިއެވެ. "އަހަރެން ދަނީ…" އެހެން ބުނެލާފައި ނާވީ ދުއްވައިގަތީއެވެ. ވަކި ހިސާބަކުން އޭނާ ވަށައިގެން ފެހިނޫ ކުލައެއް އަރަން ފެށިއެވެ. ހަމައެއާއެކު އެ އަލިކަމުގެ ތެރެއިން ފިޔަގަނޑެއް ހުޅުވުނުހެން ހީނުވެ ނާވީ ގެއްލިއްޖެއެވެ. ދައިިސަމްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ނާވީ ދިޔައީ ރަނީމްއާ ދިމާކުރުމުގެ ބޭނުމުގައި ރުއްފަލަށެވެ. ގަހުގެ ގޮފިގަނޑަކަށް އެރުމަށްފަހު، އޭނާ އޮށޯވެލިއެވެ. އެއްފައި ބޭރައް ވައްޓާލައިގެން އޮތްއިރު ނިތުގައި އަތް ޖައްސާލައިގެން އޭނާ އޮތެވެ. ވިސްނުންތަކުން އޭނާގެ ސިކުނޑިއަށް ބާރުވަމުން ދިޔައެވެ. ނާރުތަކުގައި ވާންކަމެއް އުފެދެން ފެށިއެވެ. ދައިސަމް އޭނާ އެހާ ވަރުން ހުއްޓުވަން އެ އުޅެނީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟ ރަނީމްއާ ދިމާވިފަހުން އެ ހިތަކީ މިހާރު އޭނާގެ މިލްކެއް ނޫނެވެ، އެހިތަކަށް އޭނާގެ ބާރެއް ނުހިނގައެވެ. އޭގައި ރަސްކަން ކުރަނީ ރަނީމްއެވެ. ނާވީއަށް އެ ދިމާލަށް އަންނަމުން ދިޔަ ރަނީމް ފެނުމާއެކު ގޮފިގަނޑުން ފުންމައިލިއވެ. އަދި އޭނާ އެތަނުގައި މަޑުކޮށްލައިގެން ހުރީ ރަނީމްއަށް ފެންނާނެ ގޮތަކަށެވެ. އެހެންނަމަވެސް އޭނާ ހުރީ މޫދުގެ ރާޅުޖަހާ ފަށުގައި ފުރަގަސްދީގެންނެވެ. އެ ދިމާލަށް އައި ރަނީމްއަށް ނާވީ ފެނުނީ ފުރަގަހުންނެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިވެ މޫނުމަތި އުޖާލާވެގެން ހިނގައްޖެއެވެ. އެއީ ނާވީކަން އޭނާއަށް އެނގުނެވެ. ފިޔަވަޅުތައް ކުޑަކޮށް ބާރުކޮށްލަމުން އޭނާ ގޮސް ނާވީގެ ފަހަތުގައި މަޑުކޮށްލިއެވެ. "ނާވީ…" ރަނީމް މަޑުމަޑުން ގޮވައިލިއެވެ. އެ އަޑު ޖެހުމުން އެކަނިވެސް ނާވީގެ ހިތަށް ފިނިކަން ގެނެސް ދިނެވެ. އޭނާ އެނބުރިލާ ރަނީމްއަށް ބަލައިލިއެވެ. ރަނީމް ހުރީ ކުރުތާ ހެދުމެއްގައެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ. ތެތްފިނި ވައިރޯޅިތަކުގެ ސަބަބުން މާހައުލުގައިވެސް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ހިފާލާފައި ހުއްޓެވެ. "ރަނީމް…" ނާވީ ހިނިތުންވެލިއެވެ. "އަހަންނަށް އެނގޭ ރަނީމް އަންނާނެކަން." "އަހަރެން ނައި ނަމައޯ؟" ރަނީމް ސުވާލުކޮށްލިއެވެ. "އަހަރެން ވަރަށް ދެރަވާނެ އޭރުން… އެކަމަކު އަހަރެންގެ ހިތް ބުނީ ރަނީމް އަންނާނެޔޭ…އުންމީދުކުރެވުނީވެސް އެގޮތަށް." ނާވީ ބުނެލިއެވެ. "އެއީ ކީއްވެ؟" ރަނީމް ވެސް ހުރީ ހިނިތުންވެލައިގެންނެވެ. "ބުނަންވީތަ؟" ނާވީ އަހައިލިއެވެ. އޭނާ ހިނިތުންވުން ފުޅާކޮށްލިއެވެ. ފިޔަވަޅެއް ކުރިއަށް އަޅާލާފައި ނާވީ ހުއްޓިލީ ސީދާ ރަނީމްއާ ކުރިމައްޗަށް ވީ ގޮތަށެވެ. "އަހަންނަށް ރަނީމް ކަމުދޭ… އަހަންނަށް… އަހަންނަށް ރަނީމް ދެކެ ލޯބިވެވިއްޖެ." ނާވީ އެހެން ބުނެލާފައި ވަރަށް ފުން ނަޒަރަކުން ރަނީމްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކަށް ބަަލައިލިއެވެ. ހިތުގެ އިޙްސާސްތައް ރަނީމްއަށް ހާމަނުކޮށް ހުންނަން އޭނާއަށް ކުޅަދާނަ ނުވުމުން އެންމެފަހުން ނާވީއަށް އޭނާގެ ހިތުގެ ޙާލު ރަނީމްގެ ކުރިމަތީގައި ބަންޑުންކޮށްލަން މަޖުބޫރުވިއެވެ. (ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ