ޝަރުއީ ދާއިރާ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ޑިސިޕްލިނަރީ މައްސަލަތަކަށް ވަކި ކޮމިޓީއަކާ އެކު ވަކި ފަންތިއެއްގެ ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް ހެދުމުގެ ހިޔާލެއް ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. މުހައްމަދު ޝަމްހީދު މިއަދު މަޖިލިހަށް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ޝަމްހީދުގެ މި ހުށަހެޅުންތައް އައީ މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުންނެވެ.
ތަފްސީލު - ޝަމްހީދު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހަޅާފައި އޮތް ބިލުން ނުކުންނާނެ ނަތީޖާއަކަށްވާނީ ޝަރުއީ ދާއިރާ މިނިވަން ނުވެ، އިތުރަށް އަޅުވެތިވުމެވެ. އޭގެ ބަދަލުގައި ޝަރުއީ ދާއިރާ މިނިވަން ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި އޭނާއަށް ފެންނަ އިސްލާހައް ހުށަހެޅުއްވި އެވެ.
އޭނާ ވިދާޅުވީ:
ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީ ނުފޫޒުން ސަލާމަތް ކުރުމަށްޓަކައި އުވާލަންވީ؛ އެއަށް ފަހު ގާނޫނީ އަދި ޕްރޮފެޝަލް ބޭފުޅުންނާ އެކު އަލުން ކޮމިޝަން އެކުލަވާލަންވީ
ދެވަނަ ކަމަކަށް ފަނޑިޔާރުން އައްޔަން ކުރުމާއި ސުލޫކީ މައްސަލަ ބެލުމަކީ ދެ އިދާރާއަކުން ކުރާ ކަމަކަށް ހަދަންވީ؛ ސުލޫކީ މައްސަލަތައް ބެެލުމަށް އޮންނަވީ ވަކި ހާއްސަ 'ޑިސިޕްލިނަރީ ކޮމިޓީއެއް'
"އަދި ވަކި ފަންތީގެ ފަނޑިޔާރުން ވަކިކުރުމަށްޓަކައި ހާއްސަ ކޯޓެއް ހެދިދާނެ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އޭނާ ފާހަގަ ކުރެއްވި ގޮތުގައި، ފަނޑިޔާރުކަން ކުރެވޭނީ މަދުވެގެން ޑިގްރީ ފެންވަރަށް ތައުލީމް ހާސިލުކޮށްގެން ތިބޭ މީހުންނަށް ހަދަން ޖެހޭނެ އެވެ. އަދި މަގާމަށް އައްޔަން ކުރުމުގެ ކުރިން އެކަަމަށް ހާއްސަ ކޯހެއް ފަރުމާކޮށްގެން އެ ފަރާތްތަކަށް ހިންގަން ޖެހޭ ގޮތަށް ހަދަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެން ގެންނަން ފެންނަ ބަދަލެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް ފަށާ ދުވަހާއި ނިމޭ ދުވަހެއް އެނގޭ ގޮތަށް ނިޒާމް ބައްޓަން ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅުން ހުރި - މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލަށް ބަހުސްކޮށް، ނިންމައި ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ވަކި ފަންތިއެއްގެ ފަނޑިޔާރުން ވަކިކުރަން ހާއްސަ ކޯޓެއް ހަދަން ޝަމްހީދުގެ ހިޔާލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ