الله އަށް އުރެދި, މިނެކިރުމުގައި މަކަރު ހަދަމުން ގެންދިޔަ މީހުން ހަލާކު ކުރެއްވި ގޮތުގެ ވާހަކަ-

ޢަލީ އިޙްޞާން ފިރާޤް
 
إبراهيم عليه السّلام ގެ ދަރިކަލުން މަދުޔަނުގެ ފަރާތްޕުޅުން އުފެދިގެން ދިޔަ ދަރިފަސްކޮޅުގެ މީހުންނަކީ މަދުޔަނުގެ މީސްތަކުންނެވެ. މަދުޔަނުގެ އަހްލުވެރިންވަނީ އެބައިމީހުންގެ ކާބަފައިކަލުންކަމުގައިވާ إبراهيم عليه السّلام  ގެ ރިސާލާތު ހަނދާންނައްތައިލައިފައެވެ. މާތްالله سبحانه وتعالى، ފިޔަވައި އެހެން ތަކެއްޗަށް އަޅުކަން ކުރަންފަށައިފައެވެ. އެބައިމީހުން އަޅުކަން ކުރަމުންގެދިޔައީ ބުދުތަކަށާއި ގަސްގަހާގެއްސަށެވެ. އެބައިމީހުން އަޅުކަން ކުރަމުންގެންދާ ގަހަށް ކީރިތި ޤުރްއާނުގައި ދެއްވާފައިވާ ނަމަކީ "އަލްއައިކަތު" އެވެ.
ސްޓޯރީސް އޮފް ޕްރޮފެޓްސް، ދާރުއްސަލާމް ޞަފްޙާ 221} 
މާތްالله سبحانه وتعالى، ފިޔަވައި އެންހެންތަކެއްޗަށް އަޅުކަންކުރުމުގެ އިތުރަށް  މަދުޔަނުގެ އަހްލުވެރިންނަކީ، މިނެކިރުމުގައި މަކަރު ހެދުމުގައި އަރާތިބި ބައެކެވެ. ވިޔަފާރިވެރިން އާންމު މީސްތަކުންގެ އަތުން އެއްޗެއް ގަންނަކަމުގައިވާނަމަ އެބައިމީހުންގެ އަތުން އިތުރަށް އަތުލުމަށްޓައި މަކަރު ހަދަމުން ގެންދިޔައެވެ. އާންމުނަށް އެއްޗެއް ވިއްކާކަމުގައިވާނަމަ މަކަރުހަދައި އެއިން އުނިކުރުމަށްފަހު މަދުން ވިއްކަމުން ގެންދިޔައެވެ. 
މަދުޔަނުގެ މީސްތަކުންނަށް ހިދާޔަތު ދެއްކެވުމަށްޓަކައި އަދި އެބައިމީހުން ކުރަމުން ގެންދިޔަ ނުބައި އަމަލުތައް ހުއްޓުވައި އެބައިމީހުންނަށް ރަނގަޅުގޮތް ބަޔާންކޮށްދެއްވުމަށްޓަކައި الله ފޮނުއްވީ شعيب عليه السّلام އެވެ. 
މިކަމަށް އިޝާރާތް ކުރައްވައި ކީރިތި ޤުރްއާނުގެ އަޢުރާފު ސޫރަތުގެ 85 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
وَإِلَىٰ مَدْيَنَ أَخَاهُمْ شُعَيْبًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٨٥﴾
މާނައީ: "އަދި مدين ގެމީހުންގެ ގާތަށް ތިމަންރަސްކަލާނގެ އެއުރެންގެ أخ، شعيب ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން، اللَّه އަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން، ބަޔާންވެގެންވާ ހެތްކެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. ފަހެ، ތިޔަބައިމީހުން، މިނުމާއި، ކިރުން ފުރިހަމަ ކުރާށެވެ! އަދި މީސްތަކުންނަށް އެއުރެންގެ ތަކެތި ތިޔަބައިމީހުން އުނިނުކުރާށެވެ! އަދި އެ ބިން إصلاح ކުރުމަށްފަހު، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ! ތިޔަބައިމީހުންނީ، إيمان ވާ ބަޔަކު ކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." 
މަދުޔަނުގެ އަހްލުވެރިންނަށް އެބައިމީހުންގެ ނަބިއްޔާ ޝުޢައިބުގެފާނު އެބައިމީހުންގެ ކަންފަތްތަކަށް އިއްވަވަމުން ގެންދެވި ނަޞޭހަތްޕުޅުތައް ކަމަކު ނުދިޔައެވެ. އެބައިމީހުން އެއްގޮތަކަށްވެސް އެކަލޭގެފާނުގެ ވާހަކަފުޅު ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ޙައްޤުގެ ދަޢުވަތު ޤަބޫލުކުރުމުގެ ބަދަލުގައި، ޤައުމުގެ ބޮޑުން ޝުޢައިބުގެފާނާ ޒުވާބުކޮށް ފާޅުގައި ދެކޮޅުވެރިވެގަތެވެ.  
شعيب عليه السّلام ގެ ޤައުމުގެ މީސްތަކުން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކޮށް އެކަލޭގެފާނަށް އެކަލޭގެފާނާ ޖަދަލު ކުރުމުގައި ހައްދުފަހަނަ އަޅައި ދިޔުމުން އެކަލޭގެފާނު އެބައިމީހުންނާމެދު ވަރަށް ބޮޑަށް ނާއުއްމީދު ވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނަށް އެންމެފަހުގެ އިންޒާރު ދެއްވިއެވެ. ހޫދު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
وَيَا قَوْمِ اعْمَلُوا عَلَىٰ مَكَانَتِكُمْ إِنِّي عَامِلٌ ۖ سَوْفَ تَعْلَمُونَ مَن يَأْتِيهِ عَذَابٌ يُخْزِيهِ وَمَنْ هُوَ كَاذِبٌ ۖ وَارْتَقِبُوا إِنِّي مَعَكُمْ رَقِيبٌ ﴿٩٣﴾
މާނައީ: "އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ގޮތުގައި ތިބެގެން ތިޔަބައިމީހުން عمل ކޮށްބަލާށެވެ! ހަމަކަށަވަރުން، އަހުރެންވެސް (އަހުރެންގެ ގޮތުގައި) عمل ކުރާހުށީމެވެ. އެމީހަކު ނިކަމެތި ކުރަނިވި عذاب އެއް، އެމީހަކާ ހަމަޔަށް އަންނަ މީހަކީ، ކާކުކަމާއި، ދޮގުހަދާ މީހަކީ ކާކުކަން، ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ. އަދި ތިޔަބައިމީހުން ބަލަބަލާ ތިބޭށެވެ! ހަމަކަށަވަރުން، އަހުރެންވެސް ތިޔަބައިމީހުންނާއެކު ބަލަބަލާ އެބަހުރީމެވެ." 
ދެން މާތްالله سبحانه وتعالى، އެބައިމީހުންނަށް ދަތިގޮތްތައް މެދުވެރި ކުރައްވަންފެއްޓެވިއެވެ. ކީރިތި ޤުރްއާނުގައި ވަރަށް ތަފްޞީލުކޮށް މި ވާހަކަތައް ބަޔާންކޮށްދެއްވައިފައިވެއެވެ.  ސޫރަތުއް ޝުޢަރާގެ 189 ވަނަ އާޔަތާއި 190 ވަނަ އާޔަތުގައި  މަދުޔަނުގެ މީސްތަކުންނަށް ވިލާގަނޑު މެދުވެރި ކުރައްވައި ޢަޛާބު ފޮނުއްވި ވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 
فَكَذَّبُوهُ فَأَخَذَهُمْ عَذَابُ يَوْمِ الظُّلَّةِ ۚ إِنَّهُ كَانَ عَذَابَ يَوْمٍ عَظِيمٍ ﴿١٨٩﴾ إِنَّ فِي ذَٰلِكَ لَآيَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴿١٩٠﴾
މާނައީ:" ފަހެ، އެއުރެން އެކަލޭގެފާނު ދޮގުކުރޫއެވެ. ދެން ވިލާގަނޑުގެ ދުވަހުގެ عذاب، އެއުރެންނަށް ޖެހުނެވެ. ހަމަކަށަވަރުން، އެ عذاب ވީ، ބޮޑުވެގެންވާ ދުވަހެއްގެ عذاب އަކަށެވެ. ހަމަކަށަވަރުން، އެކަންތަކުގައި (اللَّه ގެ ކުޅަދުންވަންތަކަމުގެ) ހެތްކެއްވާކަން ކަށަވަރެވެ. އަދި އެއުރެންކުރެ ގިނަމީހުން إيمان ވާ ބަޔަކު ކަމުގައި ނުވެތެވެ." 
ވިލާގަނޑުގެ ދުވަހުގެ ޢަޛާބުގެ އިތުރަށް އެބައިމީހުންގެ މައްޗަށް ބޮޑު ބިންހެލުމެއް ފޮނުއްވިކަމަށް ކީރިތި ޤުރްއާނުގެ އަޢުރާފު ސޫރަތުގެ 91 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައިވެއެވެ. އެވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 
فَأَخَذَتْهُمُ الرَّجْفَةُ فَأَصْبَحُوا فِي دَارِهِمْ جَاثِمِينَ ﴿٩١﴾
މާނައީ: "ދެންފަހެ، ބިރުވެރި ބިންހެލުމެއް، އެއުރެންނަށް އައިސްޖެހުނެވެ. އަދި އެއުރެންގެ ގެތަކުގައި ކަކޫމައްޗަށް ތިރިވެ، މަރުވެފައިތިބި ބަޔަކު ކަމުގައި އެއުރެން ވެއްޖައޫއެވެ." 
ތިންވަނަ ޢަޛާބަކަށް އެބައިމީހުންނަށް ފޮނުއްވީ ގަދަފަދަ އަޑެކެވެ. މި ވާހަކަ ކީރިތި ޤުރްއާނުގެ ހޫދު ސޫރަތުގެ 94 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ލަފްޒުތަކުންނެވެ. 
وَلَمَّا جَاءَ أَمْرُنَا نَجَّيْنَا شُعَيْبًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِّنَّا وَأَخَذَتِ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ ﴿٩٤﴾
މާނައީ: "އަދި ތިމަންރަސްކަލާނގެ (عذاب ގެ) أمر ފުޅު އައިހިނދު، شعيب ގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި إيمان ވެގެންތިބި މީހުން، ތިމަންރަސްކަލާނގެ رحمة ފުޅުން ސަލާމަތްކުރެއްވީމެވެ. އަދި (ބިރުވެރި) އަޑުއައިސް، އަނިޔާވެރިވީ މީހުން ހަލާކު ކުރިއެވެ. ދެން ހެނދުންވީއިރު، އެއުރެންގެ ގޯތި ގެދޮރުގައި އެއުރެންތިބީ، ކަކޫމައްޗަށް ތިރިވެ، މަރުވެފައެވެ." 
شعيب عليه السّلام ގެ ޤައުމުގެ ކާފިރުންނަށް މާތްالله سبحانه وتعالى، ގެ ގަދަފަދަ ޢަޛާބު އައުމަށްފަހު މަދުޔަން ފެންނަން އޮތީ އޭގެ ކުރިން ދުވަހަކުވެސް މީހަކު އުޅެފައި ނެތްފަދަ ފަޅުތަނެއްގެ ގޮތުގައެވެ. އެރަށް އެއްކޮށް އޮތީ ވީރާނާވެފައެވެ. މީގެ ކުރީން މީހުން އާބާދުވެ އުޅުނުތަނެއްހެން ހީވެސް ނުވެއެވެ. ކީރިތި ޤުރުއާނުގެ އަޢުރާފު ސޫރަތުގެ 92 ވަނަ އާޔަތުގައި މިވާހަކަ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 
الَّذِينَ كَذَّبُوا شُعَيْبًا كَأَن لَّمْ يَغْنَوْا فِيهَا ۚ الَّذِينَ كَذَّبُوا شُعَيْبًا كَانُوا هُمُ الْخَاسِرِينَ ﴿٩٢﴾
މާނައީ: "شعيب ގެފާނު ދޮގުކުޅަ މީހުން، އެގެތަކުގައި ދިރިނޫޅޭފަދައެވެ. شعيب ގެފާނު ދޮގުކުޅަ މީހުންވީ، ހަމަ، ގެއްލެނިވެގެންވާ ބަޔަކު ކަމުގައެވެ." 
شعيب عليه السّلام އަށް އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނެތި ފަނާވެގޮސްފައިވާ މަންޒަރު ފެނިވަޑައިގެންނެވުމުން އެކަމާ ވަރަށް ހިތާމަފުޅު ކުރެއްވިއެވެ. އެބައިމީހުން އެކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރިނަމަ މިފަދަ ނިކަމެތި ޙާލެއް ނުޖެހުނީހެވެ. އަޢުރާފު ސޫރަތުގެ 93 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 
فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَاتِ رَبِّي وَنَصَحْتُ لَكُمْ ۖ فَكَيْفَ آسَىٰ عَلَىٰ قَوْمٍ كَافِرِينَ ﴿٩٣﴾
މާނައީ: "ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެ رسول ކަން ތިޔަބައިމީހުންނަށް އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް އަހުރެން نصيحة ތެރިވީމެވެ. ފަހެ، كافر ވި ބަޔަކުގެ މައްޗަށް އަހުރެން ހިތާމަކުރާނީ ކޮންފަދައަކުން ހެއްޔެވެ؟" 
މަދުޔަނުގެ މީސްތަކުންނޭ އެއްބީދައިން الأيكة ގެ أهل ވެރިންވެސްވަނީ ހަލާކުވެ ނެތިގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ