'ބޯޑާ 2'ގައި ދިލްޖީތު ހިމަނާފައިވާތީ ފިލްމުގެ ޕްރޮޑިއުސަރަށް ލީގަލް ނޯޓިސް ފޮނުވައިފި
މިހާރު މަސައްކަތް ފަށާފައިވާ ބޮލީވުޑް ފިލްމު "ބޯޑާ 2"ގެ ކާސްޓުގައި އިންޑިއާގެ ޕަންޖާބު ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ހިމަނާފައިވާތީ އޭނާ ފިލްމުން ވަކިކުރުމާ ގުޅޭ ލީގަލް ނޯޓިސްއެއް "ބޯޑާ 2"ގެ ޕްރޮޑިއުސަރު ބޫޝަން ކުމާރުއަށް ފިލްމު ފެޑެރޭޝަނުން ފޮނުވައިފިއެވެ. ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސައިން އެމްޕްލޯއީސް (އެފްޑަބްލިއުއައިސީ)އިން ބޫޝަން ކުމާރަށާއި ޑައިރެކްޓަރު އިމްތިއާޒު އަލީ އަދި "ބޯޑާ 2"ގެ ލީޑް އެކްޓަރު ސަނީ ޑިއޯލްއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ފިލްމުގައި ދިލްޖީތު ފަދަ އަމިއްލަ ޤައުމަށް ޣައްދާރުވެފައިވާ އެކްޓަރަކު ހިމަނާފައިވާތީ ކަންބޮޑުވާ ކަމަށެވެ. ދާދިފަހުން އެފްޑަބްލިއުއައިސީއިން ލަވަކިޔުންތެރިޔާ/އެކްޓަރު ދިލްޖީތު ބޮއިކޮޓްކޮށް ބްލެކް ލިސްޓުކުރިކަން އިއުލާނުކޮށްފައި ވަނިކޮށްވެސް "ބޯޑާ 2"އިން ދިލްޖީތު ވަކިކޮށްފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ. ދިލްޖީތު ޕްރޮޑިއުސްކޮށް ލީޑް ރޯލްއިން ފެންނަ ފިލްމު "ސަރުދާރު ޖީ"ގެ މަންޒަރެއްގައި ޕާކިސްތާނު ބަތަލާ ހާނިއާ އާމިރުއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް ފިލްމުން ދިލްޖީތު ވަކިނުކޮށް އެ ފިލްމު އިންޑިއާގައި ރިލީޒްކުރަން ވިސްނާނަމަ އެކަމާ ދެކޮޅަށް ދައުވާކުރާނެ ކަމަށް ފިލްމު "ބޯޑާ 2" ގެނެސްދޭ ޓީ-ސީރީސް އާއި ޖޭޕީ ފިލްމްސްގެ ޓީމަށް އެޑްރެސްކޮށް ފޮނުވި މި ސިޓީގައި ބަޔާންކޮށްފައިވެއެވެ. ދިލްޖީތަކީ ޕާކިސްތާނުގެ އެކްޓަރުންނާ އެކު މަސައްކަތްކުރާ އެކްޓަރުގެ ފިލްމުގައި ޕާކިސްތާނު އެކްޓަރުން ހިމަނައިގެން ފިލްމު ޕްރޮޑިއުސްކޮށްފައިވާ ފަރާތެއް ކަމުން އެއީ އިންޑަސްޓްރީއިން މިހާރުވެސް ބޮއިކޮޓްކުރަން ގޮވާލާ އެކްޓަރެއް ކަމަށް ފިލްމު ފެޑެރޭޝަންގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. ފިލްމު "ކޭސަރީ"ގެ ޑައިރެކްޓަރު އަނޫރާގު ސިންގް ޑައިރެކްޓްކުރާ "ބޯޑާ 2"ގެ ޝޫޓިންގްތަކާ ދިލްޖީތު ގުޅުނީ މި މަހުތެރޭގައެވެ. މި ފިލްމުގެ މުހިއްމު ތަރިންގެތެރޭ ވަރުން ދަވަން އަދި އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ ވެސް ހިމެނެއެވެ. ޕާކިސްތާނުގެ ބަތަލާ ހާނިއާ އާމިރުގެ އިތުރުން އެ ޤައުމުގެ އިތުރު ތަރިންތަކެއް ހިމަނައިގެން ދިލްޖީތު ޕްރޮޑިއުސްކޮށް ލީޑް އެކްޓަރެއްގެ ގޮތުގައި ފެންނަ ފިލްމު "ސަރުދާރު ޖީ 3"ގެ ޓްރެއިލާ އާއްމުކުރުމާ އެކު އެ ފިލްމު ބޮއިކޮޓްކޮށް ދިލްޖީތާ ދެކޮޅަށް އިންޑިއާގައި ވަނީ ހަރަކާތްތަކެއް ފަށާފައެވެ. މި ފިލްމު އިންޑިއާގައި ރިލީޒް ނުކޮށް ބޭރު ޤައުމެއްގައި ރިލީޒްކުރާނެ ކަމަށް ދިލްޖީތު ބުނެފައިވާއިރު ޕާކިސްތާނުގެ އެކްޓަރު ފަވާދު ޚާން އާއި ބޮލީވުޑް ބަތަލާ ވާނީ ކަޕޫރުގެ ލޯބީގެ ފިލްމު "އަބީރު ގުލާލް" މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ރިލީޒްކުރަން ކުރިން ނިންމި ނަމަވެސް އެ ފިލްމު ރިލީޒްކުރުމާ ބެހޭ އެއްވެސް ވާހަކައެއް ފަހުން ދައްކާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ