ދާއިމީ ބޮޑެތި ބަލިތައް ހުންނަ ފަގީރުންނަށް ޒަކާތު ފަންޑުން އިންޝުއަރެންސް ދެނީ
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ މީހުންގެ ބޭސް ފަރުވާއަށް މި ފެށުނު ހިޖުރީ އާ އަހަރާއެކު އިންޝުއަރެންސް ތަޢާރަފްކުރަން ނިންމާފައިވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވަނީ މި ކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ފަގީރުންނަށް އިންޝުރެންސް ތަޢާރަފްކުރަނީ އާސަންދަ ކަވަރު ނުކުރާ ކަންކަމަށް އަމިއްލައަށް ހޭދަކުރުމަށާއި ފުރާނަ ސަލާމަތްކުރުމަށް ޓަކައި ރާއްޖެއިން ބޭރުން ބައެއް ފަހަރު ކުރަންޖެހޭ ފަރުވާއާއި ގެންނަން ޖެހޭ ބޭސް ގެނައުމަށް މަގު ފަހިކުރުމަށް ޓަކައި ކަމަށެވެ. މި ސަރުކާރުން ރާއްޖޭގައި ޒަކާތަށް ޚާއްސަ އިދާރާއެއް ޤާއިމުކޮށް ޒަކާތުގެ ނިޒާމް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ފަޤީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2،852 ފަޤީރުންނަށް, ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން މި އަހަރުގެ މުދަލު ޒަކާތް ބަހާފައިވާކަމަށް ބުނެފައެވެ. މިދިޔަ އަހަރު ބޮލަކަށް ޖެހިފައިވަނީ 4000 ރުފިޔާއެވެ. https://sun.mv/207806 އެގޮތުން މިދިޔަ އަހަރަކީ މުދަލު ޒަކާތަށް އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު އަހަރު ކަމަށާއި ޒަކާތު ފަންޑުން ފަޤީރުންނަށް ބޮޑު ޚަރަދެއް ކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް އެހީވުމަށް ކޮންމެ އަހަރަކު ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ނަޤުދު ފައިސާގެ އެހީ ފޯރުކޮށްދިނުމާއި ފަޤީރުންގެ ބޭސް ފަރުވާއަށް ހޭދަކުރުމާއި އެ ނޫން ވެސް ގިނަ ކަންކަމަށް އެހީތެރިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ